ހިޔާ ފްލެޓްތަކުގެ ތިރީގައި ހުރި ކުނިތަކެއްގައި އަނެއްކާވެސް ރޯވެއްޖެއެވެ.

އަލިފާން ރޯވީ ޓަވަރު 13 ގެ ތިރީގައި ހުރި ކުނިތަކެއްގައި، މިއަދު ހުކުރު ވަގުތުގައެވެ. އަލިފާން ރޯވެގެން އުޅޭ ކަމަށް ރިޕޯޓު ކުރުމުން ސިފައިން އެ. ސަރަހައްދަށް ދިޔައިރު، ފްލެޓްތަކުގައި އުޅޭ މީހުން ދިޔައީ އޭރު އަލިފާން ނިއްވުމުގެ މަސައްކަތް ކުރަމުންނެވެ.

އެ އަލިފާންގަނޑު މިހާރު ވަނީ ކޮންޓްރޯލް ކޮށްފައެވެ.

މިހާތަނަށް ފަސް ފަހަރު މިގޮތަށް ހިޔާ ފްލެޓް ސަރަހައްދުގެ ކުނިތަކުގައި ވަނީ ރޯވެފައެވެ. މިފަހަރު ރޯވި ކުނިތަކުގެ ތެރޭގައި ހުރީ ކަރުދާސް ފޮއްޓާއި ގޯންޏާއި ކޮތަޅު ފަދަ ތަކެއްޗެވެ.

އެމްއެންޑީއެފްގެ އިންފޮމޭޝަން އޮފިސަރު ކެޕްޓަން ހަނާ މުހައްމަދު ވިދާޅުވީ، އަލިފާން ރޯވި ކަމަށް ރިޕޯޓު ކޮށްފައިވަނީ 12:37 ހާއިރު ކަމަށާއި، މެންދުރު 1:20 ހާއިރު އަލިފާން ވަނީ އެއްކޮށް ކޮންޓްރޯލް ކުރެވިފައި ކަމަށެވެ.

މީގެ ކުރިންވެސް ހިޔާ ސަރަހައްދުގެ ކުނިތަކުުގައި އަލިފާން ރޯވެފައިވާއިރު، އެތަނުގައި އުޅޭ ބައެއް މީހުން ސިނގިރޭޓު ފިލްޓަރުތައް ކުނިތަކަށް އެއްލާލުމުގެ ސަބަބުން އަލިފާނުގެ ހާދިސާތައް ހިނގާފައިވެއެވެ.