އައިޖީއެމްއެޗްގައި މަސައްކަތް ކުރާ ފިލިޕީންސް ނަރުސް މޭރީ ގްރޭސް، މަރުވި މައްސަލައިގައި ހައްޔަރު ކުރި އޭނާގެ ފިރިމީހާގެ ބަންދަށް އިތުރު 15 ދުވަސް ޖަހައިފި ކަމަށް ފުލުހުން ބުނެފިއެވެ.
މި މައްސަލައާ ގުޅިގެން އުމުރުން 29 އަހަރުގެ، މޭރީގެ ފިރިމީހާ ވަނީ ހައްޔަރު ކޮށް އޭނާގެ ބަންދަށް 15 ދުވަސް ޖަހާފައި ވަނީ މިދިޔަ މަހުގެ 28 ވަނަ ދުވަހުއެވެ. އެ މުއްދަތު ހަވަމުން މިއަދު ވަނީ އަނެއްކާ އޭނާގެ ބަންދުގެ މުއްދަތު 15 ދުވަހަށް އިތުރު ކޮށްފައެވެ.
މި މައްސަލައާ ގުޅޭ ގޮތުން އެންމެ ފަހުގެ މައުލޫމާތު ހިއްސާ ކުރަމުން ފުލުހުން ބުނީ، މޭރީ ގްރޭސްގެ ޕޯސްޓް މޯޓަމް ހެދުމަށް ފަހު އޭނާގެ ހަށިގަނޑު އާއިލާއާ ހަވާލު ކުރުމަށް ފިލިޕީންސްއަށް ފޮނުވާފައިވާ ކަމަށެވެ. އޭނާގެ ހަށިގަނޑު ފިލިޕީންސްއަށް ފޮނުވާފައި ވަނީ އިއްޔެގެ ހަވީރުގެ ވަގުތެއްގައެވެ.
މިދިޔަ މަހުގެ 19 ވަނަ ދުވަހު ފުލުހަށް ހުށަހެޅި މި މައްސަލަ ތަހުގީގު ކުރުމަށް ވަނީ އެ އަންހެންމީހާގެ ހަށިގަނޑު މި މަހުގެ އެއްވަން ދުވަހު ޕޯސްޓްމޯޓަމް ހެދުމަށް އިންޑިއާއަށް ފޮނުވާފައެވެ. އަދި އޭނާގެ ޕޯސްޓްމޯޓަމްގެ ނަތީޖާ ދައްކާ ގޮތުގައި އޭނާ މަރުވެފައި ވަނީ ދަންޖެހިގެން ކަމަށް އެ ރިޕޯޓުން ނުދައްކާ ކަމަށް ފުލުހުން ވަނީ ބުނެފައެވެ. އަދި އޭނާ މަރުވެފައި ވަނީ ލިބުނު އަނިޔާ ތަކެއްގެ ސަބަބުން ކަމަށް ޕޯސްޓް މޯޓަމް ރިޕޯޓާ ހަވާލާދީ ފުލުހުން ބުނެފައި ވެއެވެ.
ފިލިޕީންސަށް ނިސްބަތްވާ، އައިޖީއެމްއެޗްގެ ޑައަލިސިސް ޔުނިޓުގައި މަސައްކަތް ކުރާ މޭރީ ދަންޖެހިގެން މަރުވިކަން ސޯޝަލް މީޑިއާގައި އޭރު ވަނީ ރިޕޯޓްކޮށްފައެވެ. ނަމަވެސް މި މައްސަލައިގައި، މޭރީ މަރުވީ ދަންޖެހިގެން ކަން ކަށަވަރު ވެފައި ނުވާ ކަމަށާއި އަދި އޭނާގެ ކަރުގައި ދަންޖެހިފައިވާ ކަމުގެ ނިޝާނެއް ފެންނަން ނެތް ކަމަށް ފުލުހުންނާ ހަވާލާދީ ބައެއް މީޑިއާތަކުން ވަނީ ރިޕޯޓް ކޮށްފައެވެ. އޭރު ރަސްމީ ކޮށް ފުލުހުން މި މައްސަލައާ ގުޅިގެން ވަކި އެއްޗެއް ނުބުނެއެވެ.
މޭރީ ގްރޭސް އަކީ ކައިވެނި ކޮށްގެން ދަރިއެއް ވެސް ހުންނަ މީހެކެވެ. އަދި އޭނާގެ ފިރިމީހާ ވެސް މަސައްކަތް ކުރަނީ އައިޖީއެމްއެޗްގެ އީއާރްގައި ނަރުހެއްގެ ގޮތުގައެވެ. މައުލޫމާތު ލިބިފައިވާ ގޮތުގައި އެ ނަރުސް މަރުވެފައި އޮއްވާ ފެނިފައި ވަނީ އޭނާގެ ފިރިމީހާއާ ދިމާވި މައްސަލައަކަށް ފަހުއެވެ.