މާލޭގައި 27 އަހަރުގެ ދިވެހި ފިރިހެނަކު ބަރަހަނާ ކޮށްގެން ވީޑީއޯކޮށް ބިރުދައްކައިގެން ފައިސާ ހޯދަން އުޅުނު މައްސަލައަކާ ގުޅިގެން ތިން މީހަކު ހައްޔަރު ކޮށްފިއެވެ.

ފުލުހުން ބުނީ، މަލޭގައި 27 އަހަރުގެ ފިރިހެނަކަށް ބިރު ދައްކައި ބްލެކްމެއިލް ކޮށްފައިވާ ކަމަށާއި އެމީހާ ބަރަހަނާ ކޮށް އަދި ފައިސާ ހޯދަން އުޅުނު މައްސަލައެއް ރޭ ދަންވަރު 3:49 ހާއިރު ރިޕޯޓް ކޮށްފައިވާ ކަމަށެވެ. މި މައްސަލައާ ގުޅިގެން ތިން ދިވެއްސަކު ހައްޔަރުކޮށްފައި ވާ ކަމަށް ވެސް ފުލުހުން މައުލޫމާތު ދެއެވެ.

އެ ގޮތުން އެ ތިން މީހުން ހައްޔަރު ކުރީ ރޭގެ ވަގުތެއްގައި ކަމަށާއި އެއީ އުމުރުން 24 އަހަރާއި 27 އަހަރާއި 31 އަހަރުގެ މީހުން ކަމަށް ފުލުހުން ބުނެއެވެ. އަދި މި މައްސަލަ އިތުރަށް ދަނީ ތަހުގީގު ކުރަމުން ކަމަށް ވެސް ފުލުހުން ބުނެއެވެ.

ދޭތެރެ ދޭތެރެއިން މާލޭގައި މީހުންނަށް ބިރުދައްކައިގެން ފައިސާ ހޯދާ މި ފަދަ މައްސަލަތައް އަންނަނީ ފުލުހަށް ރިޕޯޓް ކުރަމުންނެވެ. ބައެއް ފަހަރު ބްލެކްމެއިލް ކޮށްގެން ވެސް ފައިސަ ހޯދާ ފައިވާ މައްސަލަތައް ހުށަހަޅާ އިރު އަނެއް ބައި ފަހަރު އަނިޔާ ކޮށް ވީޑިއޯކޮށް ބިރުދައްކާ ފަދަ މައްސަލަތައް ވެސް ވަނީ މި ފަހުން ފުލުހަށް ރިޕޯޓްކޮށްފައެވެ.