ދިރާގުން ހިދުމަތް ހޯދާ، ހިޔާ ފްލެޓް ލިބުނު ފަރާތްތަކަށް ފައިސާގެ އިނާމު ލިބޭ ޕްރޮމޯޝަނެއް ފަށައިފިއެވެ.

ދިރާގުން ބުނީ، މި ޕްރޮމޯޝަންގައި ބައިވެރި ވެވޭނީ، ހިޔާ ފްލެތް ލިބުނު ފަރާތްތަކުގެ ތެރެއިން މި މަހުގެ 15 ވަނަ ދުވަހުގެ ކުރިން ދިރާގު ފައިބާ ބްރޯޑްބޭންޑް އަދި ދިރާގު ޓީވީގެ ހިދުމަތައް އެދޭ ފަރާތްތަކަށް ކަމަށެވެ. އެ ގޮތުން އެ ހިދުމަތަށް އެދޭ ފަރާތްތަކުގެ ތެރެއިން ގުރުއަތުން ހޮވޭ ނަސީބުވެރި 3 ފަރާތެއް ނަގާނެ ކަމަށް ދިރާގުން ބުނެއެވެ.

އެ ގޮތުން ފުރަތަމަ ނަސީބުވެރި ފަރާތަކަށް 25،000 ރުފިޔާ ލިބޭ އިރު، ދެވަނައަށް ހޮވޭ ނަސީބުވެރި އަކަށް 15،000 ރުފިޔާ އަދި ތިންވަނަ ނަސީބުވެރިއަކަށް 10،000 ރުފިޔާ ލިބޭނެއެވެ.

މީގެ އިތުރުން ދިރާގު ފައިބާ ބްރޯޑްބޭންޑަށް އެދޭ ކަސްޓަމަރުންނަށް ހިދުމަތް ހިލޭ ގުޅައިދިނުމުގެ އިތުރުން، ހިލޭ ރައުޓަރެއް ވެސް ލިބޭނެއެވެ. އަދި ދިރާގު ޓީވީއަށް އެދޭ ކަސްޓަމަރުންނަށް ވެސް ހިދުމަތް ހިލޭ ގުޅައިދިނުމުގެ އިތުރުން، ހިލޭ ޖޯއިބޮކްސް (ޑީކޯޑާ) އެއް ވެސް ލިބޭނެއެވެ.

މިއީ ރާއްޖޭގެ އެންމެ ބޮޑު ފައިބާ ބްރޯޑްބޭންޑް ނެޓްވޯކާ ގުޅާލުމަށް ލިބޭ ރަނުގެ ފުރުސަތެއް ކަމަށް ދިރާގުން ބުނެއެވެ. އަދި އެންމެ މަގުބޫލު މުނިފޫހިފިލުވުމުގެ ކޮންޓެންޓް، އެއް ޕްލެޓްފޯމެއްގެ ދަށުން ބަލާލެވޭ ދިރާގު ޓީވީގެ ހިދުމަތް ހޯދުމަށް ލިބިގެން ދާ ވަރަށް ރަނގަޅު ފުރުސަތެއް ކަމަށް ވެސް އެ ކުންފުނިން ބުނެއެވެ.