އުމުރުން 5 އަހަރާއި 11 އަހަރާ ދެމެދުގެ ކުދިންނަށް، ފައިޒާ/ބައޮއެންޓެކުން ތަރައްގީ ކޮށްފައިވާ ކޮވިޑް ވެކްސިން ޖެހުމަށް، އެމެރިކާއިން ރަސްމީ ރުހުން ދީފިއެވެ.

5 އަހަރުން މަތީގެ ކުދިންނަށް ފައިޒާ ވެކްސިން ޖެހުމަށް ރަސްމީ ރުހުން ދީފައި ވަނީ، ސެންޓާޒް ފޮރ ޑިޒީޒް ކޮންޓްރޯލް އެންޑް ޕްރިވެންޝަން (ސީޑީސީ)ގެ ޑައިރެކްޓާ ރޮޝޭޅް ވޮލަންސްކީގެ އޮފީހުންނެވެ. މި ނިންމުމަކީ، އެމެރިކާގެ ޑްރަގް ރެގިއުލޭޓަރުން ވަރަށް ވިސްނުމަށްފަހު ނިންމި ނިންމުމެއް ކަމަށް ހަބަރު ލިބެއެވެ.

އެގޮތުން ސީޑީސީގެ އިތުރުން އެމެރިކާގެ ފުޑް އެންޑް ޑްރަގް އެޑްމިނިސްޓްރޭޝަން (އެފްޑީއޭ)ގެ ތަޖުރިބަކާރުންގެ ޕެނަލްތަކުން ވަނީ، ކުޑަކުދިންނަށް ވެކްސިން ޖެހުމުގައި އޮތް ފައިދާތަކާއި އެކަމުގައި ހުރި ނުރައްކާތައް ވަޒަން ކޮށްފައެވެ.

އެމެރިކާއިން މިހާރުވެސް ދަނީ އުމުރުން 12 އަހަރު ފުރިފައި ވާ ކުދިންނަށް ފައިޒާގެ ކޮވިޑް ވެކްސިން ޖަހައިދެމުންނެވެ.

ތަޖުރިބާކާރުން ވިދާޅުވާ ގޮތުގައި ކުޑަކުދިންނަށްވެސް ކޮވިޑް ވެކްސިން ފޯރުކޮށްދިނުމަކީ، އިހު އުޅުނު އާންމު ދިރިއުޅުމަށް ވާސިލުވުމަށްޓަކާ ކޮންމެހެންވެސް ބޭނުން ކަމެކެވެ.

އެފްޑީއޭގެ އޮފިޝަލުން ގަބޫލު ކުރައްވާ ގޮތުގައި، ކުޑަކުދިން ކޮވިޑުން ސަލާމަތް ކުރުމަށް ވެކްސިނަކީ 91 ޕަސެންޓް ކާމިޔާބު ހަތިޔާރެކެވެ. އަދި ކުޑަކުދިންގެ ހަށިގަނޑުން، ސީރިއަސް ސައިޑް އިފެކްޓްތަކެއް ފެނިފައި ނުވާ ކަމަށްވެސް ތަޖުރިބާކާރުން ވިދާޅުވެއެވެ.

އުމުރުން 5 އަހަރުގެ ކުދިންނަށް ފައިޒާ ވެކްސިން ޖަހަން އެމެރިކާއިން ރަސްމީ ކޮށް ފާސް ކުރުމާއެކު، ވެކްސިން ރޭހަށް އަނެއްކާވެސް އިތުރު ގޮންޖެހުމެއް މި ވަނީ ކުރިމަތިވެފައެވެ. އެގޮތުން، މިހާރު ބޭނުން ކުރަމުން އަންނަ ކައްޓަށް ވުރެ ކުޑަ ކަށި އުފައްދަން ޖެހެއެވެ. އަދި ދެވަނަ ޑޯޒްއަކީ 3 ހަފުތާގެ މުއްދަތުގެ ތެރޭގައި ޖަހަން ޖެހޭ ޑޯޒްއެއް ކަންވެސް ފާހަގަ ކުރަންޖެހެއެވެ.