ކޮވިޑް ބަލިމަޑުން ރައްކާތެރި ވުމަށް ކުރިއަށް ގެންދާ ކޮވިޑް ވެކްސިން ޖެހުމުގެ ޕްރޮގްރާމްގެ ދަށުން މާލެ ސަރަހައްދުގައި ވެކްސިން ޖަހައިދެމުން ދާ ސެންޓަރުތައް މާދަމާ އާއި އަންނަ އާދިއްތަ ދުވަހު ބަންދު ވާނެ ކަމަށް ހެލްތް ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން ބުނެފިއެވެ.

މާލޭ ސަރަހައްދުގައި ހުރި ވެކްސިން ސެންޓަރުތައް މި ދެ ދުވަހު ބަންދުކުރާ ގޮތަށް ނިންމާފައިވާ އިރު މާދަމާއަކީ ނަސްރުގެ ދުވަހެވެ. އަދި މި މަހުގެ 7 ވާ އާދިއްތަ ދުވަހަކީ ރާއްޖެ އިސްލާމްވީ ދުވަސް ގޮތުގައި ފާހަގަ ކުރާ ދުވަހެވެ. އެހެންކަމުން މި ދެ ދުވާހު މާލޭ ސަރަހައްދުގައި ކޮވިޑް ވެކްސިން ޖަހައިދޭ ސެންޓަރުތައް ބަންދު ވާނެ ކަމަށާއި މައުލޫމާތަށްޓަކައި އެކަން އަންގާ ކަމަށް އެޗްޕީއޭ އިން ބުނެއެވެ.

މީގެ އިތުރުން ކޮވިޑް ބައްޔަށް ހުށަހެޅިފައި ތޯ ބެލުމަށް ޓެސްޓު ކުރަން ސާމްޕަލް ނަގާ މަރުކަޒުތަކުން މާދަމާ ހިދުމަތް ދޭ ވަގުތަށް ވެސް ބަދަލެއް ގެނެސްފައިވާ ކަމަށް އެޗްޕީއޭ އިން ބުނެއެވެ. އެ ގޮތުން މާދަމާ ސާމްޕަލް ކަލެންތް ކުރާނެ ދެ ސެންޓަރަކީ ސޯޝަލް ސެންޓަރުގައި ހުންނަ ސާމްޕަލް ނަގާ ސެންޓަރާއި ވިލިމާލޭގައި ހުންނަ ސާމްޕަލް ނަގާ ސެންޓަރެވެ.

ސޯޝަލް ސެންޓަރުގައި ހުންނަ މި ސެންޓަރު ހުޅުވާފައި ހުންނާނީ މާދަމާ ހެނދުނު 9:00 އިން މެންދުރު 12:30 އަށެވެ. އަދި ވިލިމާލޭގައި ހުންނަ ސެންޓަރުން ހުޅުވާފައި ހުންނާނީ މާދަމާގެ ހަވީރު 4:00 އިން 5:30 އަށް ކަމަށް އެޗްޕީއޭ އިން ބުނެއެވެ.