ކަނޑައެޅިގެން ވަކި ފަރުވާއެއް ހޯދިފައި ނުވާ ކޮރޯނާވައިރަސް ޑިޒީޒް (ކޮވިޑް-19) ޖެހިގެން ލިއްބައިދޭ ރައްކާތެރި ކަމާ އަޅާ ބަލާއިރު، ވެކްސިންގެ ޒަރިއްޔާއިން ފޯރުކޮށްދޭ ރައްކާތެރިކަން މާ ރަނގަޅު ކަމަށް ސިއްހީ އޮފިޝަލުން ވިދާޅުވެއްޖެއެވެ.
އެމެރިކާގެ ސެންޓާޒް ފޮ ޑިޒީޒް ކޮންޓްރޯލް (ސީޑީސީ) އިން ކުރިއަށް ގެންދިޔަ ދިރާސާ ބުނާ ގޮތުގައި، މީގެ މަސްތަކެއް ކުރިން ކޮވިޑް ޖެހުނު މީހުންގެ ތެރެއިން ވެކްސިން ނުޖަހާ ތިބި މީހުންނަކީ، މީގެ ކުރިން ބައްޔަށް އިންފެކްޓް ނުވެ، އެހެން ނަމަވެސް ވެކްސިން ޖަހާފައި ވާ މީހުންނާ އަޅާ ބަލާއިރު، ބަލި ޖެހުމުގެ ފުރުސަތު 5 ގުނަ އިތުރު މީހުންނެވެ.
މި ދިރާސާއަށް މައުލޫމާތު އެއްކޮށްފައި ވަނީ އެމެރިކާގެ 9 ސްޓޭޓެއްގެ 190 އެއް ހާ ހޮސްޕިޓަލުންނެވެ. ރިސާޗަރުން ވަނީ ނޭވާލާ ނިޒާމުގެ އެކި އަލާމާތްތަކާއެކު ހޮސްޕިޓަލުގައި އެޑްމިޓް ކުރި 7000 މީހުންގެ މައުލޫމާތު އެއްކޮށްފައެވެ. އޭގެ ތެރެއިން 6000 އެއްހާ މީހުންނަކީ ކޮވިޑް ވެކްސިން ފުރިހަމަ ކޮށްފައި ވާ މީހުންނެވެ. އެމީހުންނަކީ ހޮސްޕިޓަލުގައި އެޑްމިޓް ކުރުމުގެ 3-6 މަހާ ދެމެދު މުއްދަތެއްގެ ކުރިން، މޮޑާނާ ނުވަތަ ފައިޒާ ވެކްސިން ޖަހާފައި ވާ މީހުންނެވެ.
އަނެއް 1000 މީހުންނަކީ ވެކްސިން ނުޖަހާ، މާޒީގައި ކޮވިޑް ޖެހިފައި ވާ މީހުންނެވެ.
ދިރާސާގެ މަސައްކަތުގައި ބައިވެރިވެވަޑައިގެންނެވި ޔުނިވާސިޓީ އޮފް އެލަބޭމާގެ އިންފެކްޝަސް ޑިޒީޒް ތަޖުރިބާކާރު، ޑރ މައިކް ސާގް ވިދާޅުވީ، ދިރާސާގެ އަލީގައި ލިބިފައި ވާ ތަފާސް ހިސާބުތަކަށް ބަލާއިރު، ކޮވިޑްގެ އަލާމާތްތަކާ ދެކޮޅަށް ވެކްސިނުން ލިއްބައިދޭ ރައްކާތެރިކަން، މާ ވަރުގަދަ ކަމަށެވެ.
ކޮވިޑް-19 ދިފާއުވުމަށް މިވަގުތު އޮތް އެންމެ ބާރުގަދަ އެއް ހަތިޔާރަކީ ވެކްސިން ކަމުގައި ވާ ހިނދު، ވެކްސިން ޖެހުމަށް ދުނިޔޭގެ އެކި ކަންކޮޅުތަކުގައި ދަނީ ވަރުގަދަ ކެމްޕޭންތައް ހިންގަމުންނެވެ. ދުނިޔޭގެ އެކި ހިސާބުތަކުން މިހާތަނަށް 6 ބިލިއަނަށް ވުރެ ގިނަ ޑޯޒްގެ ވެކްސިން ޖަހާފައި ވީ ނަމަވެސް، މީގެ ބޮޑު ބައެއް ހިއްސާ ކުރަނީ މުއްސަނދި ގައުމުތަކުންނެވެ. ފަގީރު ގައުމުތަކުގެ އާބާދީގެ ބޮޑު އިންސައްތައަކަށް އަދިވެސް ވެކްސިން ލިބިފައި ނުވާއިރު، މިއީ މުޅި ދުނިޔެވެސް ކަންބޮޑުވާން ޖެހޭ މައްސަލައެކެވެ.