ކަނޑުގައި ދުއްވާ އުޅަނދުތަކުގެ ތެރެއިން 9 މީޓަރަށް ވުރެ ބޮޑެތި އުޅަނޑުތަކުގައި ލައިފްޖެކެޓް ބޭނުން ކުރުން މަޖުބޫރު ކޮށްފިއެވެ
ޓްރާސްޕޯޓް އޮތޯރިޓީން ވަނީ ދިވެހިރާއްޖޭގެ ކަނޑުގެ ސަރަހައްދުގައި ދަތުރުކުރާ އުޅަނދު ފަހަރުގެ ސަލާމަތާބެހޭ ގަވާއިދަށް އިސްލާހު ގެނެސް ގެޒެޓުގައި ޝާއިއު ކޮށްފައެވެ. އެ ގޮތުން އެ ގަވާއިދުގެ 27 ވަނަ މާއްދާގެ (ރ) ގެ ފަހަތަށް ވަނީ އަކުރެއް އިތުރުކޮށްފައެވެ. އިތުރުކޮށްފައިވާ (ބ) ގައި ބުނެފައި ވަނީ ވަށައިގެން ބަންދު ކޮށްފައި ހުންނަ އުޅަނދުތަކާއި 9 މީޓަރުން މަތީގެ އުޅަނދުތަކުގައި ލައިފްޖެކްޓް އޮންނަން ވާނީ ފަސިންޖަރުންގެ އަތުގައި ކަމަށެވެ.
ހަމައެއާއެކު، 9 މީޓަރުން ފެށިގެން ދަށުގެ އުޅަނދުތަކުން ދަތުރު ފެށުމުގެ ކުރިން އަމަލު ކުރަންޖެހޭ ގޮތަށް ވެސް ވަނީ އިސްލާހުތަކެއް ގެނެސްފައެވެ. މި އިސްލާހުތަކަކީ އެ ގަވާއިދުގެ 27 ވަނަ މާއްދާގެ ފަހަތަށް އިތުރުު ކޮށްފައިވާ އިސްލާހުތަކެކެވެ.
އެ އިސްލާހުތަކަކީ، މޫސުމީ ސަމާލު ނެރެފައިވާ ސަރަހައްދެއްގައި ދަތުރު ކުރާ ނަމަ އެ ސަރަހައްދެއްގައި އެ ދަތުރެއް ފެށުމުގެ ކުރިން؛ މޫދު ކުޅިވަރަށް ރަޖިސްޓާ ކޮށްފައިވާ އުޅަނދު ފަހަރާއި މުނިފޫހި ފިލުވުމަށް ރަޖިސްޓާ ކޮށްފައިވާ އުޅަނދުފަހަރު ދަތުރަށް ފެށުމުކުރިން ލައިފްޖެކެޓް ފަސޭހައިން ލިބޭނެ ގޮތަށް ހަމަޖައްސާފައި ބެހެއްޓުމެވެ. މީގެ އިތުރުން އާންމު ދަތުރުފަތުރުގެ ގޮތުގައި ފެރީގެ ހިދުމަތް ދިނުމަށާއި، މީހުން އުފުލާ ހުރިހާ އުޅަނދުފަހަރުގައި ލައިފްޖެކެޓް ފަސޭހައިން ބޭނުންކުރެވޭގޮތަށް ބަހައްޓަން ވާނެ ކަމަށް އެ އިސްލާހުގައި ބުނެއެވެ. އަދި އުޅަނދު ފުރުމުގެ ކުރިން ލައިފްޖެކެޓް ބޭނުންކުރާނެ ގޮތުގެ މައުލޫމާތު ފަސިންޖަރުންނަށް ފޯރުކޮށްދޭން ވާނެ ކަމަށް ވެސް އެ އިސްލާހުގައި ބުނެއެވެ.
ދަތުރުމަތީގައި އެއްވެސް ބޭނުމެއްގައި ނޫނީ އެއްވެސް ހާލަތެއް މެދުވެރިވެގެން ފަސިންޖަރު ނުވަތަ ފަޅުވެރިން އުޅަނދުގެ ގެގަނޑުން ބޭރަށް ނިކުންނަން ޖެހޭ ވަގުތުތަކުގައި ބޭރަށް ނުކުންނަން ވާނީ ލައިފްޖެކެޓް އަޅައިގެން ކަމަށް ވެސް އެ އިސްލާހުގައި ބުނެއެވެ.
އަޅާފައި ބާއްވައިގެން އޮޕަރޭޓް ކުރާ އުޅަނދު ފަހަރާއި، ދަތުރެއްގެ މަތީގައި ނަގިލި ލައިފައި ބާއްވައިގެން އޮޕަރޭޓު ކުރާ އުޅަނދު ފަހަރުގައި ތިބޭ ފަސިންޖަރުންނާއި ފަޅުވެރިންނަށް ހުރިހާ ވަގުތެއްގައި ލައިފްޖެކެޓް ފަސޭހައިން ލިބޭނެގޮތަށް އުޅަނދުގައި ހަމަޖެހިފައި ހުންނަން ވާނެ ކަމަށް އެއިސްލާހުގައި ބުނެއެވެ. އަދި އަޅާފައި ބާއްވައިގެން އޮޕަރޭޓް ކުރުމުގައި، އޮރެންޖް އަދި ރެޑް ސަމާލު ނެރެފައިވާ ވަގުތުތަކުގައި އެއްވެސް ބޭނުމެއްގައި ނޫނީ އެއްވެސް ހާލަތެއް މެދުވެރިވެގެން ފަސިންޖަރު ނުވަތަ ފަޅުވެރިން އުޅަނދުގެ ގެ ގަނޑުން ބޭރަށް ނިކުންނަން ޖެހޭ ވަގުތުތަކުގައި ބޭރަށް ނުކުންނަންވާނީ ލައިފްޖެކެޓް އަޅައިގެން ކަމަށް ވެސް އެ އިސްލާޙުގައި ބުނެއެވެ.