ސައުދީ އަރަބިއްޔާގެ ދައުލަތުން ހިންގާ ތެޔޮ ކުންފުނި، އަރަމްކޯގެ މި އަހަރުގެ 3 ވަނަ ކުއާޓަރުގެ ފައިދާ ދެގުނަ އިތުރު ވެއްޖެއެވެ.

މުރާސިލުން މީގެ ކުރިން ލަފާ ކުރި މިންގަނޑުތަކަށް ވުރެވެސް މައްޗަށް، އަރަމްކޯގެ ފައިދާ އިތުރުވެފައި މިވަނީ، ސާފު ނުކުރާ ތެލުގެ އަގު އުފުލުމާއި ސަޕްލައި އިތުރު ވުމުގެ ސަބަބުން ކަމަށް މައުލޫމާތު ލިބެއެވެ.

ސެޕްޓެމްބަރު މަހުގެ 30 ވަނަ ދުވަހު ނިންމާލި މި އަހަރުގެ 3 ވަނަ 3 މަސްދުވަހުގެ ތެރޭގައި އަރަމްކޯއަށް ލިބުނު ޖުމުލަ އާމްދަނީ ވަނީ 30.4 ބިލިއަން ޑޮލަރަށް އަރާފައެވެ. 2020 ވަނަ އަހަރުގެ 3 ވަނަ ކުއާޓަރުގައި މި އަދަދު އުޅުނީ 11.8 ބިލިއަން ޑޮލަރުގައެވެ. މުރާސުލިން ލަފާ ކުރި ގޮތުގައި، މިއަހަރުގެ 3 ވަނަ ކުއާޓަރުގައި އަރަމްކޯއަށް ލިބޭނީ 28.4 ބިލިއަން ޑޮލަރުގެ ފައިދާއެކެވެ.

ބައިނަލްއަގުވާމީ ބާޒާރުތަކުގައި ފާއިތުވީ އަހަރުތަކުގައި ނުއުފުލޭހާ މައްޗަށް ތެލުގެ އަގުތައް ވަނީ އުފުލިފައެވެ. އެގޮތުން މިއަހަރުގެ 3 ވަނަ ކުއާޓަރުގައި، ތެލުގެ އަގުތައް 4.5 ޕަސެންޓް އުފުލުނު މަންޒަރު ވަނީ ފެނިފައެވެ.

މި އަހަރުގެ މިހާތަނަށް ބަލާއިރު، އިނގިރޭސިވިލާތުގެ ބްރެންޓް ކުންފުނިން ތެޔޮ ވިއްކާ އަގު، 63 ޕަސެންޓް އިތުރު ވެ، ފީފާއެއްގެ އަގު 84.4 ޑޮލަރަށް ވަނީ އަރާފައެވެ. އެމެރިކާއިން ވިއްކާ ސާފު ނުކުރާ ތެލުގެ އަގު، ހަމަ އެ މުއްދަތުގައި 70 ޕަސެންޓް އުފުލި، ފީފާއެއްގެ އަގު ވަނީ 83.57 ޑޮލަރަށް އަރާފައެވެ.

މިދިޔަ ކުއާޓަރުގައި އަރަމްކޯއިން ރައުސުލްމާލަށް ހާރަދު ކުރި މިންވަރުވެސް ވަނީ އޭގެ ކުރީ އަހަރުގެ އެ މުއްދަތާ އަޅާ ބަލާއިރު 19 ޕަސެންޓް އިތުރު ކޮށްފައެވެ. އެގޮތުން، މި އަހަރުގެ 3 ވަނަ ކުއާޓަރުގައި އަރަމްކޯގެ ކެޕިޓަލް އެކްސްޕެންޑިޗާ އުޅުނީ 7.6 ބިލިއަން ޑޮލަރުގައި ކަމަށް މައުލޫމާތު ލިބެއެވެ.