ރ. ފައިނުގެ ފެނާއި ނަރުދަމާގެ ނިޒާމެއް ގާއިމް ކުރުމުގެ މަޝްރޫއުގެ މަސައްކަތްތައް އެމްޑަބްލިއުއެސްސީން ރަސްމީކޮށް އިފްތިތާހު ކޮށްފިއެވެ.
މިއަދު ބޭއްވި ރަސްމިއްޔާތެއްގައި މި މަޝްރޫއުގެ މަސައްކަތް އިފްތިތާހު ކޮށްދެއްވާފައި ވަނީ، އެ ކުންފުނީގެ ޗެއާމަން އަހުމަދު މައުސޫމާއި، ސީއީއޯ ހަސަން ޝާހުގެ އިތުރުން، ރައްޔިތުންގެ މަޖިލީހުގެ އިނގުރައިދޫ ދާއިރާގެ މެމްބަރު ހަސަން އަހުމަދާއި، ރ. އަތޮޅު ކައުންސިލްގެ ރައީސް ހުސައިން ނާޝިފާއި، ފައިނުގެ ކައުންސިލްގެ ރައީސް މޫސާ އަލިމަނިކެވެ.
އެމްޑަބްލިއުއެސްސީން ބުނީ، އެ މަޝްރޫއުގައި ހިމެނޭ ފެނާއި ނަރުދަމާ ނިޒާމް ގާއިމްކުރުމަށް ބޭނުންވާ ހޮޅިއާއި އެހެނިހެން ތަކެތި ފައިނަށް ގެނެވި، ހޮޅި ވަޅުލުމުގެ މަސައްކަތްތައް މިހާރު ކުރަމުންދާ ކަމަށާއި، ފެން ޕްލާންޓް ބެހެއްޓުމަށް އިމާރާތްކުރާ ފެސިލިޓީ އިމާރާތުގެ 60 ޕަސެންޓު މަސައްކަތް ނިމިފައިވާ ކަމަށެވެ.
އެ ކުންފުނިން ބުނި ގޮތުގައި އެ މަޝްރޫއުގައި ހިމެނޭ ފެނުގެ ނިޒާމް ގާއިމް ކުރުމުގެ މަސައްކަތުގެ ދަށުން، ފައިނުގައި 5.37 ކިލޯމީޓަރުގެ ދިގު ފެން ހޮޅީގެ މައި ނެޓްވޯކެއް ގާއިމް ކުރުމާއި އާރުއޯ ފެސިލިޓީ ބިލްޑިން އިމާރާތް ކުރުމާއި، ފެން އުފެއްދުމަށްޓަކައި ދެ އާރުއޯ ޕްލާންޓް ބެހެއްޓުމާއި، ފެން ރައްކާކުރުމަށްޓަކައި ތިން ތާނގި ބެހެއްޓުން ފަދަ މަސައްކަތްތައް ހިމެނޭ ކަމަށެވެ. ހިމެނެއެވެ. އެއާއެކު، ގޭގޭގައި ފެންމީޓަރު ބަހައްޓައި، ފެނުގެ ކަނެކްޝަން ގުޅައިދީ، މިގެތަކަށް ރައްކާތެރި ބޯފެން ފޯރުކޮށްދެވިގެން ދާނެ ކަމަށްވެސް ބުންޏެވެ.
މީގެ އިތުރުން އެ މަޝްރޫއުގައި ހިމެނޭ ނަރުދަމާ ނިޒާމުގެ މަސައްކަތުގެ ދަށުން، 4.8 ކިލޯ މީޓަރުގެ ދިގު ނަރުދަމާގެ މައި ނެޓްވޯކެއް ގާއިމްކުރުމާއި، 1.59 ކިލޯ މީޓަރުގެ ޕަންޕިން ލައިން އެޅުމާއި، ތިން ޕަންޕިން ސްޓޭޝަނާއި އަދި އެއް ސީ އައުޓް ފޯލް ގާއިމްކުރުމުގެ އިތުރުން، ގޭގޭގައި ޖަންކްޝަން ބަހައްޓައި، ނަރުދަމާ ކަނެކްޝަން ގުޅައިދީ، އެ ގެތަކަށް ނަރުދަމާގެ ހިދުމަތްތައް ފޯރުކޮށްދެވިގެން ދާނެ ކަމަށް އެމްޑަބްލިއުއެސްސީން ބުންޏެވެ.
ހަމަ އެއާއެކު، އެ ކުންފުނިން މި މަޝްރޫއުގެ ދަށުން ފެނާއި ނަރުދަމާ ނިޒާމް ހިންގާ ބެލެހެއްޓުމަށް ބޭނުންވާ ޖަނަރޭޓަރު ސެޓާއި ވެހިކަލް އަދި ފެން ތަޙުލީލު ކުރުމަށް ބޭނުންވާ ސާމާނު ފޯރުކޮށްދިނުމަށްވެސް ހަމަޖެހިފައިވާ ކަމަށެވެ.
މި މަޝްރޫއުއަކީ ފައިނުގެ ރައްޔިތުންނަށް ސާފު ބޯފެނާއި ނަރުދަމާގެ ނިޒާމެއް ފޯރު ކޮށްދިނުމުގެ ގޮތުން، ޕްލޭނިން މިނިސްޓްރީން 63 މިލިއަން ރުފިޔާއަށް އެމްޑަބްލިއުއެސްސީ އާ ހަވާލުކުރި މަޝްރޫއެކެވެ.