މޫސުމީ ނޭދެވޭ ބަދަލުތަކާ ދެކޮޅަށް ކުރާ މަސައްކަތްތަކުގެ ސަބަބުން އިގުތިސޯދަށް ގެއްލުން ވާ ކަމަށް ވަކާލާތު ކުރައްވާ ދުނިޔޭގެ ލީޑަރުންނަކީ "ބޯ ހަމަނުޖެހޭ ނުވަތަ ދޮގުވެރިންތަކެއް" ކަމަށް، އެމެރިކާގެ ކުރީގެ މަޝްހޫރު ބަތޮލް އަދި ކެލިފޯނިއާގެ މިހަރުގެ ގަވަރުނަރުކަން ކުރައްވަމުން ގެންދަވާ އާނޯލްޑް ޝްވެޒެނެގާ ވިދާޅުވެއްޖެއެވެ.

މޫސުމީ ނޭދެވޭ ބަދަލުތަކާ ދެކޮޅަށް ބައިނަލްއަގުވާމީ ފެންވަރުގައި ކުރިއަށް ގެންދާ އެންމެ ބޮޑު ހަރަކާތުގެ ގޮތުގައި ސިފަކުރަމުން އަންނަ ކޮންފަރެންސް އޮފް ޕާޓީޒް ނުވަތަ ކޮޕްގެ 26 ވަނަ ބައްދަލުވުމަށް ވަގުތު ކުޑަތަން ވަމުން އަންނަ މި ދަނޑިވަޅުގައި ޝްވެޒެނެގާ ވިދާޅުވީ، ޖައްވު ހޫނު ކުރާ ވިހަ ގޭސް ބޭރު ކުރާ މިންވަރު މަދު ކުރުމުގެ ސަބަބުން ދުނިޔޭގެ އިގުތިސޯދުތަކަށް ފައިދާ ވާނެ ކަމަށެވެ.

މި މޭރުމުން ވާހަކަ ކުރިއަށް ގެންދަވަމުން "ދަ ޓާމިނޭޓާ"ގެ ބަތޮލް ވިދާޅުވީ، އެއްގަމު މަސް ކެއުން މަދު ކުރުމަކީ ކަމެއް ގުރުބާން ކުރުން ނޫން ކަމަށާ، އެކަން އެގޮތަށް ކުރުމުން، ހުދު އޭނާގެ ސިއްހަތަށްވެސް ބޮޑެތި ފައިދާތަކެއް ލިބިފައި ވާ ކަމަށެވެ.

ކެލިފޯނިއާއިން ހޯދަމުންދާ އިގުތިސޯދީ ކާމިޔާބީތަކާ، އަލަށް އުފައްދަމުންދާ ވަޒީފާގެ ފުރުސަތުތަކަށް އިޝާރާތް ކުރައްވަމުން ޝްވެޒެނެގާ ވަނީ، ޖައްވު ހޫނު ކުރާ ކާބަންޑައިއޮކްސައިޑްގެ ވިހަ ގޭސް ބޭރު ކުރާ މިންވަރު ދަށް ކުރުމާއި އާމްދަނީ އިތުރު ކުރުމަކީ އެކުއެކީގައި ހިނގާ ދެކަން ކަން ސާބިތު ވާ ކަމަށް ވިދާޅުވެފައެވެ.

އަދުގެ ދުނިޔޭގެ ހާލަތަށް ބަލާއިރު ކަނޑުމަގުން މުދާ އުފުލުމުގެ ސިނާއަތަކީ ތިމާވެއްޓަށް އެންމެ ގެއްލުން ދެނިވި އެއް ދާއިރާކަން ފާހަގަ ކުރައްވަމުން ޝްވެޒެނެގާ ވަނީ، ފަރުދީ ފެންވަރުގައި މިކަމަށް ކޮންމެވެސް ވަރެއްގެ ހައްލެއް ހޯދިދާނެ ކަން ފާހަގަ ކުރައްވާފައެވެ. އެގޮތުން މުދާ އިމްޕޯޓް ކުރުމުގެ ބަދަލުގައި، އެ މީހެއްގެ ވަޒަނުގައި އުފައްދާ އަދި އުފެދޭ ތަކެއްޗަށް ބަރޯސާވެގެން ދިރިއުޅުމުގެ ކަންކަން ހަމަޖެއްސުމުންވެސް އެހީއަކަށް ވެދާނެ ކަމަށް އޭނާ ވަނީ ވިދާޅުވެފައެވެ.

ގްލާސްގޯގައި ފަށާ ކޮޕް26 ސަމިޓްގައި ހުދު ޝްވެޒެނެގާވެސް ބައިވެރިވެވަޑައިގަންނަވާނެއެވެ. ނަމަވެސް، އެ ބައްދަލުވުމުން މާ ބޮޑު ކުރިއެރުންތަކެއް ހާސިލު ވާނެ ކަމަކަށް އެނާ ގަބޫލެއް ނުކުރައްވައެވެ.