ޑްރަގްގެ މައްސަލައެއްގައި އިންޑިއާގެ ނާކޮޓިކްސް ކޮންޓްރޯލް ބިއުރޯ (އެންސީބީ) އިން ހިންގި ރެއިޑެއްގައި ހައްޔަރު ކުރި ބޮލީވުޑް ސުޕާސްޓާ ޝާހްރުކް ހާންގެ ދަރިފުޅު، އާރުޔަން ހާން، 26 ދުވަހަށް ފަހު، ކަފާލާތުގެ ދަށުން މިނިވަން ކޮށްފިއެވެ.

އާރްޔަން،23، އިންޑިއާގެ ކަމާ ބެހޭ ފަރާތްތަކުން ހައްޔަރު ކުރީ، މުމްބާއީއިން ފުރައިގެން ގޯއާއަށް ދަތުރު ކުރަމުން ދިޔަ ކުރޫޒްޝިޕެއްގައި ހުއްޓާ، އޮކްޓޯބަރު 2 ވަނަ ދުވަހުއެވެ.

އެންސީބީއިން އާރްޔަންގެ މައްޗަށް އުފުލީ، ޕާޓީ ޑްރަގްސް ގެންގުޅުމާ، އެ ބޭނުން ކުރުމާ، ވިއްކުމުގެ ކުށުގެ ދައުވާއެވެ. ނަމަވެސް އާރްޔަން ވަނީ އޭނާއާ ދެކޮޅަށް ކުރި ދައުވާއަށް އިންކާރު ކޮށްފައެވެ.

ބޮލީވުޑް ސުޕާސްޓާ ޝާހް ރުކް ހާންގެ ދަރިފުޅު އާރްޔަން ހާން (ވާތުން 2 ވަނަ) މިނިވަން ކޮށްފައި ވަނީ26 ދުވަހަށް ފަހު / ފޮޓޯ: ދަ ހިންދޫ

އާރްޔަންގެ ވަކީލުވެސް ވަނީ އޭނާގެ ކްލަޔަންޓްގެ އަތުން ޑްރަގް ފެނިފައި ނުވާނެ ކަމަށާ، އަދި އޭނާ އެ ބޭނުން ކުރި ކަމުގެ ހެއްކެއްވެސް ނެތް ކަމަށް ތަކުރާރުކޮށް، ކޯޓުގައި ބުނެފައެވެ. އާރްޔަން މިނިވަން ކުރުމަށް އޭނާގެ ވަކީލުން، މުމްބާއީގެ ހައިކޯޓަށް މައްސަލަ ވެއްދީ، ކަފާލާތުގެ ދަށުން އާރްޔަން މިނިވަން ކުރުމަށް، ޑްރަގްސް މައްސަލައާ ގުޅޭ ހާއްސަ ކޯޓުން 2 ފަހަރު އިންކާރު ކުރުމުންނެވެ.

2020 ވަނަ އަހަރުން ފެށިގެން އެންސީބީއިން ދަނީ ބޮލީވުޑްގެ ވަރުގަދަ ސްޓާރުންނަށް އަމާޒުކޮށްގެން މަސްތުވާތަކެއްޗާ ގުޅޭ ވަރުގަދަ އޮޕަރޭޝަންތަކެއް ހިންގަމުންނެވެ. އެގޮތުން ދީޕިކާ ޕަދުކޯން ފަދަ ތަރިންނާ ސުވާލުވެސް ކޮށްފައިވެއެވެ. މީގެ އިތުރުން ލޯބިވެރިޔާ ސުޝާންތް ސިންހްއަށް ޑްރަގްސް ގަނެދިން ކަމުގެ ކުށުގައި، ރިއާ ޗަކްރަބަތީ ހައްޔަރު ކުރި މަންޒަރުވެސް ވަނީ ފެނިފައެވެ.