މިމަހުގެ ތިންވަނަ ދުވަހު އިސްލާމީ މަރުކަޒުގައި މަޣްރިބު ނަމާދު ކުރަމުން ދަނިކޮށް، މިސްކިތަށް އަރާ ކުޑަކަމުދިޔަ މައްސަލާގައި ހައްޔަރުކުރި މީހާ މިދިޔަ ހޯމަ ދުވަހު ދޫކޮށްލައިފިއެވެ.

އިސްލާމީ މަރުކަޒަށް ކުޑަކަމުދިޔަ ކަމުގެ މައްސަލާގައި ފުލުހުން ހައްޔަރުކުރީ، އުމުރުން 40 އަހަރުގެ ދިވެހި ފިރިހެނެކެވެ. އިސްލާމީ މަރުކަޒުގެ އިތުރުން އެމީހާ ވަނީ ހުކުރު މިސްކިތުގެ ތެރެޔަށާއި ރައީސް އޮފީހުގެ ގޭޓު ކުރިމައްޗަށްވެސް ކުޑަކަމު ގޮސްފައެވެ.

މި މައްސަލައިގެ ތަހުގީގު ނިންމައި، ދައުވާ ކޮށްދިނުމަށް އެދި އާދީއްތަ ދުވަހު ޕްރޮސެކިއުޓާ ޖެނެރަލްގެ އޮފީހަށް ވަނީ ފޮނުވާފައެވެ. ނަމަވެސް އޭނާ ވަނީ ހޯމަ ދުވަހު ދޫކޮށްލާފައެވެ

އެ މީހާ ދޫކޮށްލައިފި ނަމަ މުޖުތަމައަށް ނުރައްކާ އޮތް ކަމަށާއި މުޖުތަމައުގެ ފަރާތުން އޭނާއަށް ވެސް ނުރައްކާވެދާނެ ކަމަށް ބެލެވޭ ކަމަށް މީގެ ކުރިން ފުލުހުން ވަނީ ބުނެފައެވެ. މީގެ އިތުރުން އޭނާގެ އާއިލާގެ ފަރާތުން ވެސް އޭނާއަށް އެއްބާރުލުން ދޭން ބޭނުން ނުވާކަމަށްވެސް އޭރު ފުލުހުން ބުންޏެވެ.

މީގެ އިތުރުން މިހާތަނަށް ބެލިބެލުމުން އެމީހާ އަކީ ނުކުޅެދުންތެރިކަން ހުންނަ މީހެއް ކަން އެނގިފައިވާ ކަމަށްވެސް ފުލުހުން އޭރު ބުނެފައިވެއެވެ.