ކޮރޯނާވައިރަސް ޑިޒީޒް (ކޮވިޑް-19) އިން ދިފާއުވުމަށް ފައިޒާ/ބައޮއެންޓެކުން ތަރައްގީ ކުރި ވެކްސިން، އުމުރުން 5 އަހަރާއި 11 އަހަރާ ދެމެދު ކުދިންނަށް ޖަހަން ފެންނަ ކަމަށް، އެމެރިކާގެ ސަރުކާރުގެ ޕެނަލަކުން ވޯޓު ދީފިއެވެ.

އެމެރިކާގެ ފުޑް އެންޑް ޑްރަގް އޮތޯރިޓީ (އެފްޑީއޭ)ގެ ޕެނަލަކުން މިކަމަށް ރުހުން ދިނުމާއެކު، ކުޑަކުދިންނަށް މި ވެކްސިން ޖެހުމަށް ބޭނުންވާ އެމާޖެންސީ ހުއްދަ، މަދު ހަފުތާ ކޮޅެއްގެ ތެރޭގައި ލިބިގެންދާނެ ކަމަށް ބެލެވެއެވެ. އެފްޑީއޭގެ އިތުރުން އެމެރިކާގެ ސެންޓާޒް ފޮ ޑިޒީޒް ކޮންޓްރޯލް (ސީޑީސީ) އިން މިކަމަށް ހާއްސަ ހުއްދައެއް ދޫކުރަން ޖެހޭ އިރު، ނޮވެމްބަރު 2 ވަނަ ދުވަހު އެކަން ކުރާނެ ކަމަށް ހަބަރު ލިބެއެވެ.

މިދިޔަ ސެޕްޓެމްބަރު މަހުގެ ތެރޭގައި ފައިޒާ ކުންފުނިން ވަނީ، އެ ކުންފުނީގެ ކޮވިޑް ވެކްސިނަކީ، އުމުރުން 5 އަހަރާއި 11 އަހަރާ ދެމެދުގެ ކުދިންނަށް ރައްކާތެރި ވެކްސިނެއް ކަން، ތަހުލީލުތަކުން ދައްކާފައި ވާ ކަން ހާމަ ކޮށްފައެވެ.

އެމެރިކާގައި މިހާރުވެސް ދަނީ، 12 އަހަރުން މަތީގެ ކުދިންނަށް ފައިޒާ ވެކްސިން ޖަހައިދެމުންނެވެ.

ކޮވިޑުން ދިފާއުވުމަށް އެންމެ ފުރަތަމަ ވެކްސިން ތަރައްގީ ކުރި ކުންފުނިތަކުގެ ތެރޭގައި ހިމެނޭ މޮޑާނާއިންވެސް ވަނީ، އެ ކުންފުނީގެ ވެކްސިން، ކުޑަކުދިންގެ ހަށިގަނޑުގައި ބޭނުން ކުރުމުގެ ހުއްދައަކަށް އެދި، ހުށަހަޅާނެ ކަމުގެ އިޝާރާތެއް ކޮށްފައެވެ. މޮޑާނާގެ ވެކްސިން ޖަހައިދޭނެ ކަމަށް ބެލެވެނީ އުމުރުން 6 އަހަރުން މަތީގެ ކުދިންނަށެވެ.