ވަޒީފާ ނުލިބުމާއި އިންތިހާ ފަގީރު ކަމަކީ މިއަދު އަފްގާނިސްތާނުގެ ފަޒާގައި ބޯވެ، އިތުރަށް ގަދަވަމުން ދާ ކަޅު ވިލާގަނޑެއްކަން ހަނދާން ނައްތާލެވޭކަށް ނެތެވެ. ޓެރަރިޒަމާ ދެކޮޅަށް ކަމަށް ބުނެ އެމެރިކާއިން ކުރި 20 އަހަރުގެ ހަނގުރާމައަކަށް ކުއްލި ނިމުމެއް ގެނެސް، ހަތިޔާރު އެޅި ހަނގުރާމަވެރިންތަކެއްގެ އަތް މައްޗަށް ގައުމު ދޫކޮށްލުމަށް ފަހު އެމެރިކާއާއި އެމެރިކާގެ ގުޅިފައި ވާ ފައުޖުތަކުން އަފްގާނިސްތާނުން ފައިބެގެން ދިޔަ ފަހުން، އަފްގާނިސްތާނުގެ ހާލަތު ދަނީ ގޯހުން ގޯހަށެވެ.

އޯގަސްޓް 2021 ގައި އަފްގާނިސްތާނުގެ ކޮންޓްރޯލް ނެގި ތޯލިބާން ހަނގުރާމަވެރި ސަރުކާރުން ދަނީ އަފްގާނިސްތާނަށް ކުރިމަތިލާން ޖެހިފައި ވާ އިންތިހާ ފަގީރު ކަމާއި ބަނޑުހައި ހޫނުކަމުން އަރައިގަތުމަށް މަސައްކަތްތަކެއް ކުރަމުން ކަމަށް ހަބަރު ލިބެއެވެ. އިންތިހާ ފަގީރު ކަމާއި ބަނޑުހައި ހޫނުކަމުން އަރައިގަތުމަށް ތޯލިބާނުން ހުށަހަޅާ ހައްލަކީ، ބުރަ މަސައްކަތް ކޮށްގެން އުޖޫރައެއްގެ ގޮތުގައި ގޮދަން ހޯދުމެވެ.

އަފްގާނިސްތާންގެ ވެރިކަމަށް ތާލިބާނުން އައުމަށްފަހު އަންހެން މުދައްރިސުންނާ ދަރިވަރުން ސްކޫލްތަކާއި ޔުނިވަސިޓީތަކަށް ދިއުން ވަނީ މަނާކޮށްފަ

ތޯލިބާނުންގެ ތަރުޖަމާނެއްގެ ގޮތުގައި މީޑިއާގައި ހަރަކާތްތެރި ވަމުން އަންނަ ޒަބީއްލޯ މުޖާހިދު ބުނާ ގޮތުގައި، މިއީ ވަޒީފާ ނެތް މައްސަލައާ ކުރިމަތިލުމަށް އަޅާ މުހިންމު ފިޔަވަޅެއް ކަމަށެވެ. މި ދަނޑިވަޅަކީ ހަކަތަ ނުލިބުމުގެ ސަބަބުން ކަރަންޓުގެ ހިދުމަތް މެދުކެނޑުމުގެ މައްސަލަވެސް އަފްގާނިސްތާނަށް އިންތިހާއަށް ކުރިމަތިވެފައި ވާ ދަނޑިވަޅެއްކަން ހަނދާން ނައްތާލެވޭކަށް ނެތެވެ.

ތޯލިބާނުން ތައާރަފު ކުރި އާ ސްކީމްގެ ދަށުން، 40000 ފިރިހެނަކަށް، ވެރިރަށް ކާބުލް އިން ވަޒީފާ ދޭނެއެވެ. އަދި އަފްގާނިސްތާނުގެ އެކި ހިސާބުތަކުން އިތުރު އެތައް ހާސް ބަޔަކަށް ވަޒީފާ ހަމަޖައްސާދޭނެ ކަމަށް ވެއެވެ. މި ސްކީމް އަމާޒުކޮށްފައި ވަނީ މަސައްކަތް ކޮށް، އުޖޫރައިގެ ގޮތުގައި ކާބޯތަކެތި ހޯދާ އުސޫލުންނެވެ. ލޭބަރުންނަށް އުޖޫރައިގެ ގޮތުގައި ފައިސާ ދިނުމުގެ ބަދަލުގައި، އާމްދަނީ ދޭނީ ގޮދަނުންނެވެ.

އަފްގާނިސްތާނުން ކަރަންޓް ބިލްތައް ނުދައްކާ އޮތުމުން، ކޮންމެ ވަގުތެއްގައި އެ ގައުމުން ކަރަންޓް ކަނޑާލުމުގެ ފުރުސަތު އެބަ އޮތް / ފޮޓޯ: ވޮޝިންގްޓަން ޕޯސްޓް

ތޯލިބާން ސަރުކާރު އަމާޒު ހިފާފައި ވަނީ ކާބުލްގައި 11600 ޓަނުގެ ގޮދަން އަދި ހީރާތު، ޖަލާލްއާބާދު، ކަންދަހާރު، މަޒާރީ ޝަރީފު އަދި ޕޮލީ ކޮމްރީއާއި އެނޫންވެސް ބައެއް ސަރަހައްދުތަކުގައި 55000 ޓަނުގެ ގޮދަން ބެހުމަށެވެ. މި ސްކީމް އަމާޒު ކޮށްފައި ވަނީ، މިވަގުތު ވަޒީފާ ނެތް މީހުންނާއި، ވަޒީފާއެއް ހޯދާ ނުފެނި ތިބި މީހުންގެ އިތުރުން، ބަނޑަށް ޖެހުމުގެ ނާޒުކު ހާލުގައި ތިބި މީހުންނަށް ކަމަށް މައުލޫމާތު ލިބެއެވެ.

އުޖޫރަށް ގޮދަން ދޫކުރާ ސްކީމްގެ ދަށުން ވަޒީފާ ދޭ މީހުން އަދާ ކުރަން ޖެހޭ މަސައްކަތްތަކުގެ ތެރޭގައި ފެން އާރުތައް ކޮނުމާ، ސްނޯ ފައިބާ ސަރަހައްދުތަކުގައި ހަންދަގު ކޮނުން ފަދަ ކަންކަން ހިމެނެއެވެ.

ތޯލިބާނުންގެ ކޮންޓްރޯލްގެ ދަށަށް ގެންގޮސްފައި ވާ އަފްގާނިސްތާނުގެ ބަލްހް ސަރަހައްދުގެ ބާޒާރެއްގައި ހުރި ކުޑަ ކުއްޖެއް / ފޮޓޯ: ބީބީސީ

ކަން މިހެން އޮތް އިރު، ތޯލިބާނުން އަފްގާނިސްތާނުގެ ކޮންޓްރޯލް ނެގި ފަހުން، ބަނޑަށް ޖެހިގެން ހުޅަނގު ކާބުލްއިން އެކަނިވެސް މިހާތަނަށް 8 ކުއްޖަކު މަރުވެފައި ވާ ކަމަށް ހަބަރު ލިބެއެވެ. މަރުވި ހުރިހާ ކުދިންނަކީވެސް ޔަތީމު ކުދިން ކަމަށް މައުލޫމާތު ލިބެއެވެ.

އަފްގާނިސްތާނަށް ކުރިމަތިލާން ޖެހިފައިވާ ސިޔާސީ އަދި އިގުތިސޯދީ ކާރިސާއަށް ރިއާޔަތް ނުކުރާ ކަމުގައި ވަނީ ނަމަ، އަފްގާނިސްތާނުގެ އަބާދީގެ 97 ޕަސެންޓް ހާ މީހުން، އިންތިހާ ފަގީރުގެ ރޮނގު ހުރަސް ކުރުމުގެ ފުރުސަތު އެބަ އޮތް ކަމުގެ އިންޒާރު، އދއިން ވަނީ ދީފައެވެ.

ތޯލިބާނުންގެ ކޮންޓްރޯލްގެ ދަށަށް ގެންގޮސްފައި ވާ އަފްގާނިސްތާނުގެ ބަލްހް ސަރަހައްދުގެ ބާޒާރެއް / ފޮޓޯ: ބީބީސީ

ތަރައްގީއާއި ބެހޭ އދގެ މަޝްރޫއު (ޔޫއެންޑީޕީ) އިން އާންމު ކޮށްފައި ވާ ރިޕޯޓެއް ބުނާ ގޮތުގައި، އަފްގާނިސްތާނުގެ ގައުމީ އުފެއްދުންތެރިކަމުގެ ނިސްބަތް (ޖީޑީޕީ) ދަށަށް ދާ ކަމުގައި ވަނީ ނަމަ، އެ ގައުމުގައި އިންތިހާ ފަގީރު ކަން އޮތް ނިސްބަތް 25 ޕަސެންޓް އިތުރު ވުމުގެ ފުރުސަތު އެބަ އޮތެވެ. އަފްގާނިސްތާނުގެ އާބާދީގެ 2 ބައިކުޅަ 1 ބަޔަށް ވުރެ ގިނަ މީހުންނަކީ، މިހާރުވެސް އިންސާނީ އެހީއަށް ބަރޯސާވެފައި ވާ ބައެކެވެ.

ހަތިޔާރުއެޅި ހަނގުރާމަވެރި ތޯލިބާން ޖަމާއަތުން، އޯގަސްޓް 15 ވަނަ ދުވަހު އަފްގާނިސްތާނުގެ ކޮންޓްރޯލް ނެގުމުގެ ކުރިންވެސް އެ ގައުމަކީ، ބައިނަލްއަގުވާމީ އެހީއަށް އިންތިހާއަށް ބަރޯސާވެފައި އޮތް ގައުމެކެވެ. އަފްގާނިސްތާނުގެ ޖީޑީޕީގެ 3 ބައިކުޅަ 1 ބަޔަށް ވުރެ ބޮޑު ބައެއް ހިއްސާ ކުރަނީ ބޭރުގެ ފަންޑުތަކުންނެވެ.