މަޝްހޫރު ބާސްކެޓްބޯޅަ ކުޅުންތެރިޔާ ކޯބީ ބްރާޔަންޓްގެ މަރުގެ ހަބަރު، އޭނާގެ އަންހެނުން، ވެނޭސާ ބްރާޔަންޓަށް އެންމެ ފުރަތަމަ ލިބުނީ، އޮންލައިން ނޯޓިފިކޭޝަނަކުން ކަން ހާމަވެއްޖެއެވެ.

ޖެނުއަރީ 2020 ގައި ކޯބީ މަރުވީ، އޭނާގެ 13 އަހަރުގެ އަންހެން ދަރިފުޅާއެކު ދަތުރު ކުރަމުން ދިޔަ ހެލިކޮޕްޓަރު ވެއްޓިގެން ހިނގި ހާދިސާގައެވެ. މި ހާދިސާގައި ކޯބީގެ އަންހެން ދަރިފުޅުގެ އިތުރުން، އެ ހެލިކޮޕްޓަރުން ދަތުރު ކުރަމުން ދިޔަ 7 މީހެއްގެ ފުރާނަ ވެސް ވަނީ ގެއްލިފައެވެ.

ވެނޭސާ ބްރާޔަންޓް ދަނީ އިހުމާލު ވުމާއި، ސިއްރިއްޔާތަށް އަރައިގަތުމުގެ ކުށުގައި، ލޮސް އެންޖަލީސް ކައުންޓީ ޝެރިފް ޑިޕާޓްމަންޓާ ދެކޮޅަށް ދައުވާ ކުރަމުންނެވެ. ވެނޭސާ ބުނާ ގޮތުގައި އެ އިދާރާގެ އޮފިސަރުން ވަނީ ހާދިސާ ހިނގި ސީންގެ ފޮޓޯތަކުގެ އިތުރުން ކޯބީއާއި ދަރިފުޅުގެ ހަށިގަނޑުގެ ފޮޓޯތައްވެސް އާންމު ކޮށްފައެވެ.

މި މައްސަލާގައި ކުރިއަށްދިޔަ މަޝްވަރާތަކުގައި ވަކީލު ވަނީ، ހާދިސާގެ މައުލޫމާތު، ވެނޭސާއަށް ލިބުނީ ކޮން އިރަކުތޯ ސުވާލު ކޮށްފައެވެ. ވެނޭސާ ބުނި ގޮތުގައި ކޯބީއާއި ދަރިފުޅު ދަތުރު ކުރަމުން ދިޔަ ހެލިކޮޕްޓަރު ވެއްޓުނު ކަން އޭނާއަށް އެނގީ، އެ އާއިލާގެ އެސިސްޓަންޓެއްގެ ގޮތުގައި މަސައްކަތް ކުރާ މީހެއް ކަމަށެވެ. ނަމަވެސް، ހާދިސާގައި 5 މީހެއްގެ ފުރާނަ ސަލާމަތް ވި ކަމަށް އޭރު ބުނެފައި އޮތުމުން، ކޯބީގެ ދެ ބަފައިން، އެ 5 މީހުންގެ ތެރޭގައި ހިމެނޭނެ ކަމަށް އުއްމީދު ކުރެވުނު ކަމަށް ވެނޭސާ ވަނީ ބުނެފައެވެ.

ނަމަވެސް، ކޯބީ މަރުވެއްޖެ ކަން އަންގައިދެނިވި މެސެޖުތައް ފޯނަށް އަންނަން ފެށި ކަމަށް ވެނޭސާ ވަނީ ބުނެފައެވެ.