އަދާ ޖެހުނުއިރުވެސް ގިނަ ބައެއްގެ މެދުގައި އެންމެ މަގުބޫލު ޓީވީ ޝޯގެ ގޮތުގައި ސިފަ ކުރަމުން އަންނަ "ފްރެންޑްސް" ސީރީޒްއިން ގިނަ ބައެއްގެ ސަމާލުކަން ހޯދި އެމެރިކާގެ ބަތޮލް، ޖޭމްސް މައިކަލް ޓައިލާ، 59، މަރުވެއްޖެއެވެ.

"ފްރެންޑްސް" ސީރީޒްގައި ގަންތާގެ ރޯލުން ފެނިގެންދިޔަ ޓައިލާ މަރުވީ، އޭނާ ދިރިއުޅެމުންދާ ގޭގައި ކަމަށް، އޭނާގެ މެނޭޖަރު އާންމު ކުރި ބަޔާނުގައިވެއެވެ.

ޓައިލާއަށް ޕްރޮސްޓޭޓް ކެންސަރު ޖެހިފައި ވާ ކަން، 2018 ވަނަ އަހަރު ވަނީ ދެނެގަނެވިފައެވެ. އޭގެ ފަހުން، އޭނާގެ ކަށިތަކަށްވެސް ކެންސަރު ވަނީ ފެތުރިފައެވެ. ކެންސަރު ޖެހުނު ކަން އެނގުމާއެކު، ޓައިލާ ވަނީ އާންމުންގެ ހިދުމަތަށް ނިކުމެފައެވެ. އެގޮތުން ދުރާލާ ކެންސަރަށް ޓެސްޓު ކޮށް، ބަލި ދެނެގަތުމަށް އޭނާ ވަނީ ކެމްޕޭން ކޮށްފައެވެ.

މެއި 2021 ގައި ފެނިގެންދިޔަ "ފްރެންޑްސް"ގެ ރީޔޫނިއަން އެޕިސޯޑްގައިވެސް ޓައިލާ ވަނީ، ޒޫމް މެދުވެރިކޮށް ބައިވެރިވެފައެވެ. ޓައިލާ ބުނާ ގޮތުގައި "ފްރެންޑްސް" ސީރީޒްގައި އޭނާ މަސައްކަތް ކުރި 10 އަހަރު ދުވަހަކީ، އޭނާގެ ހަޔާތުގައި އައި އެންމެ ހަނދާން ނައްތާލަން ދަތިވި ދުވަސްތަކެވެ. އެއަށްވުރެ ފުރިހަމަ އެހެން ތަޖުރިބާއެއް ހިޔާލަށްވެސް ނުގެނެވޭ ކަމަށް ޓައިލާ ވަނީ ބުނެފައެވެ.

1994 ވަނަ އަހަރުން ފަށައިގެން 2004 ވަނަ އަހަރުގެ ނިޔަލަށް ދެމިގެން ދިޔަ "ފްރެންޑްސް" ސީރީޒްގެ 150 އެޕިސޯޑެއްގައި "ގަންތާ" ނުވަތަ ޓައިލާގެ އެކްޓިންގް ފެނިގެންދެއެވެ.