ބޭރު ފައިސާ ގަނެވިއްކުމުގެ ނިޒާމު އިނދަޖެހިފައި ވާ ސްރީލަންކާއަށް ކުރިމަތިލާން ޖެހިފައި ވާ ހަކަތައިގެ ދަތިކަމަށް ހައްލު ހޯދުމުގެ ގޮތުން ކަމަށް ބުނެ، އިންޑިއާއިން 500 މިލިއަން ޑޮލަރުގެ ލޯނެއް ނެގުމަށް މަސައްކަތް ކުރަމުން އަންނަ ކަން، ސްރީލަންކާގެ ސަރުކާރުން ހާމަ ކޮށްފިއެވެ.

ސްރީލަންކާގެ އެނާޖީ މިނިސްޓަރު، އުދައްޔާ ގައްމަންޕިލާ ވިދާޅުވީ، މިކަމަށް އެދި ތައްޔާރު ކޮށްފައި ވާ ޕްރޮޕޯސަލް، ޓްރެޝަރީ އަށް ހުށަހަޅާފައި ވާ ކަމަށާ، އެއަށްފަހު ޕްރޮޕޯސަލް ދާނީ ވަޒީރުންގެ މަޖިލީހަށް ކަމަށެވެ.

ވަޒީރުންގެ މަޖިލީހުން މިހާރުވެސް ވަނީ ހަކަތަ ގަތުމަށްޓަކާ، އޮމާންއިން 3.6 ބިލިއަން ޑޮލަރުގެ ލޯނެއް ނެގުމަށް ރުހުން ދީފައެވެ.

ސްރީލަންކާގެ ފޮރިންއެކްސްޗޭންޖް ބާޒާރަށް ގޮންޖެހުންތަކެއް ކުރިމަތިވެ، ދުނިޔޭގެ ބާޒާރުގައި ތަކެތީގެ އަގު އުފުލެމުން އަންނައިރު، މެދުކެނޑުމެއް ނެތި އެ ގައުމަށް ހަކަތަ ކަށަވަރު ކުރެވެން އޮތީ އަންނަ ޖެނުއަރީގެ ނިޔަލަށް ކަމަށެވެ.

ހަކަތައިގެ ދަތިކަން ކުރިމަތިވެ، އެތެރޭގެ ބާޒާރުތަކުގައި އަގުތައް އުފުލިދާނެ ކަމުގެ އަޑުތައް ފެތުރުމާއެކު، ސްރީލަންކާގެ ޕަމްޕް ސްޓޭޝަންތައް ކައިރީގައި މިދިޔަ ބުރާސްފަތި ދުވަހުން ފަށައިގެން ވަނީ ދިގު ސަފުތައް ދަމާލާފައެވެ.

ސްރީލަންކާގައި އޮޕަރޭޓް ކުރާ އިންޑިއަން އޮއިލް ކޯޕަރޭޝަންގެ ސަބްސިޑަރީއެއް ކަމަށް ވާ ލަންކާ އައިއޯސީއިން ވަނީ، ޕެޓްރޯލާއި ޑީސަލް ވިއްކާ އަގު ބޮޑު ކޮށްފައެވެ. ދައުލަތުން ހިންގާ ސިލޯން ޕެޓްރޯލިއަމް ކޯޕަރޭޝަނުންވެސް ވަނީ، އަގު އުފުލުމުގެ ހުއްދައަކަށް އެދިފައެވެ.

ނަމަވެސް، އެނާޖީ މިނިސްޓަރު ވަނީ އަގުތަކަށް މިވަގުތު ބަދަލު ނުގެންނަވާނެ ކަމަށް އިޝާރާތް ކުރައްވާފައެވެ.

ދުނިޔޭގެ ބާޒާރުގައި ހަކަތައިގެ އަގުތައް އުފުލެމުން ދިއުމާ ގުޅިގެން، ލަންކާއިން މި އަހަރު ހަކަތައަށް ކުރާ ހޭދަ ވަނީ ބޮޑުތަކުން އިތުރުވެފައެވެ. އެގޮތުން، އެ ގައުމުން ތެލަށް ކުރާ ހޭދަ، 41.5 ޕަސެންޓް އިތުރުވެ، މި އަހަރުގެ ފުރަތަމަ 7 މަސް ދުވަހުގެ ތެރޭގައި އެކަނިވެސް ތެލަށް ކުރި ހޭދަ ވަނީ 2 ބިލިއަން ޑޮލަރަށް އަރާފައެވެ.