ނިމިގެން ދިޔަ ހަފުތާ ބަންދުގައި މުނިފޫހިފިލުވުމުގެ ދުނިޔެ ސިއްސުވާލި އެންމެ ވަރުގަދަ އެއް ހަބަރަކީ އެމެރިކާގެ މަޝްހޫރު ބަތޮލް އަދި ސިޔާސީ އެކްޓިވިސްޓް، އެލެކް ބޯލްޑްވިން އަތުން، ޝޫޓިންގްއެއްގެ ތެރޭގައި މީހަކު މަރުވެ، އިތުރު މީހަކު ޒަހަމްވި ހަބަރެވެ.

ފިލްމް "ރަސްޓް"ގެ މަންޒަރުތައް ނަގަމުން ދަނިކޮށް ބޯލްޑްވިން ޖެހި ޕްރޮޕްގަންއަކުން އެރި ހަމަލާ އަމާޒުވެ، ފިލްމުގެ ސިނަމަޓޮގްރާފަރާ ހެލީނާ ހަޗިންސް މި ދުނިޔެއާއި ވަކިވިއިރު، ޑައިރެކްޓަރު ޒަހްމްވިއެވެ.

ކަން މިހެން އޮތް އިރު، ފިލްމުގައި ބޯލްޑްވިންގެ ސްޓަންޓް ޑަބަލްގެ ގޮތުގައި މަސައްކަތް ކުރި މީހާގެ އަތުންވެސް 2 ފަހަރެއްގެ މަތިން ލައިވް ވަޒަން ޖެހުނު ކަމުގެ ރިޕޯޓްތައް މިހާރު ވަނީ ފެންމަތިވެފައެވެ.

މަސްދަރުތަކާ ހަވާލާދީ އޭބީސީ ނިއުސް އިން ވަނީ، ފިލްމުގައި ބޭނުން ކުރަމުން ދިޔަ ހަތިޔާރުތަކުގެ ސަލާމަތާއި ރައްކާތެރި ކަމާ މެދު ސުވާލު އުފެދޭތީ، ޕްރޮޑިއުސަރުންގެ ސަމާލު ކަމަށް އެކަން ގެނެސްފައި ވާ ކަން ހާމަކޮށްފައެވެ. ބޯލްޑްވިން އަތުން މީހަކު މަރުވުމުގެ ހާދިސާ ހިނގުމުގެ ކުރިންވެސް ލައިވް ވަޒަންތަކެއް ޖެހުނު ކަމަށް ވެއެވެ.

ބުރާސްފަތި ދުވަހުގެ ހިތާމަވެރި ހާދިސާއަށް ފަހު، ބޯލްޑްވިން ދަނީ ހަޗިންސްގެ އާއިލާއާ ވަރަށް ގާތުން ގުޅުން ބާއްވަމުންނެވެ. އަދި އެކަމާ ގުޅިގެން އޭނާ ވަނީ ހުކުރު ދުވަހުގެ ވަގުތެއްގައި ބަޔާނެއްވެސް އާންމު ކޮށްފައެވެ.

ހޮލީވުޑް ފިލްމީ ސިނާއަތުގެ މާޒީއަށް ބަލާއިރުވެސް ފިލްމު ސެޓުގައި ބޭނުން ކުރަން ތައްޔާރު ކޮށްފައި ވާ ހަތިޔާރުތަކާ ގުޅިގެން ހިނގާފައިވާ އެކްސިޑެންޓްތަކުގައި ތަރިންނާއި ފަންނުވެރިން މަރުވެފައި އެބަހުއްޓެވެ.