ތަފާތު އެކި ކަހަލަ ފޮޓޯތަކާއި މަންޒަރުތައް ބޭނުންކޮށްގެން އަނެކާއަށް ހިނިތުންވުން ގެނެސްދޭ ގޮތަށް ފަރުމާ ކޮށްފައިވާ ފަރުމާކުރުން ނުވަތަ މީމްއަކީ މިއަދު ދިވެހިންނަށްވެސް އާ އެއްޗަކަށް ނުވާނެއެވެ.

ކަން މިހެން އޮތް އިރު، މުޅި ދުނިޔެ ފުރަބަންދު ކުރި ކޮރޯނާވައިރަސް ޑިޒީޒް (ކޮވިޑް-19)ގެ ބަލިމަޑުކަމާއެކު ކުރިމަތިލާން ޖެހުނު ނަފްސާނީ ބަލި މަޑުކަމުގައި އެންމެ ބޮޑު އެހީތެރިކަމެއް ފޯރުކޮށްދިން އެކައްޗަކަށް މީމް ވެފައި ވާ ކަމަށް ދާދި ފަހުން ކުރި ދިރާސާއަކުން މި ވަނީ ދައްކާފައެވެ.

ޕެންސިލްވޭނިއާ ސްޓޭޓް ޔުނިވާސިޓީއާއި ޔުނިވާސިޓީ އޮފް ކެލިފޯނިއާ ސޭންޓާ ބާބްރާގެ ރިސާޗަރުން ގުޅިގެން ކުރިއަށް ގެންދިޔަ ދިރާސާއިން ދައްކާ ގޮތުގައި، ކޮވިޑްގެ ބަލިމަޑުކަމުގައި ދިރިއުޅުމުގައި ކުރިއަށް ދިއުމަށް މީމްތަކުން ފޯރުކޮށްދިން އެހީގެ ދައުރު ބޮޑެވެ. ސައިކޮލޮޖީ އޮފް ޕޮޕިއުލާ މީޑިއާގައި އާންމު ކޮށްފައި ވާ މި ދިރާސާ ބުނާ ގޮތުގައި ގަވައިދުން މީމް ބަލާ އުޅުނު މީހުންގެ އުފާވެރި އިހްސާސްތަކާ، ކަންކަމާ މެދު އެދެވޭ ރޫހެއްގައި ދެކެވުމުގެ ނިސްބަތް އިތުރެވެ.

ކޮވިޑް-19އާ ގުޅިގެން ދައުރުވި މީމްއެއް / ފޮޓޯ: މީމްސް

މިދިޔަ ޑިސެމްބަރު ކުރިއަށް ގެންދިޔަ ދިރާސާގައި ސާވޭ ކޮށްފައި ވަނީ އޮންލައިން ޕްލެޓްފޯމްގައި ހަރަކާތެރިވި 748 މީހަކު ބައިވެރި ކޮށްގެންނެވެ. ސާވޭއަށް އިޖާބަ ދިން މީހުންގެ 72 ޕަސެންޓް މީހުންނަކީ ދޮން ނަސްލުގެ މީހުންނެވެ. 54 ޕަސެންޓް މީހުންނަކީ އަންހެނުންނެވެ. 63 ޕަސެންޓް މީހުންގެ އަތުގައި ޑިގްރީ ފެންވަރުގެ ސަނަދެއް ނެތް އިރު، ސާވޭގެ ބައިވެރިންގެ އެވަރޭޖް އުމުރަކީ 18 އަހަރާއި 88 އަހަރާއި ދެމެދެވެ.

ދިރާސާގެ ބޭނުމަށްޓަކާ އެމީހުންނަށް އެކި ކަހަލަ މީމްތައް ދެއްކިއެވެ. އަދި އެމީމްތަކުގެ ސަބަބުން ކުރެވޭ ޖަޒުބާތީ އިހުސާސްތައް ބަޔާން ކުރަން ޖެއްސިއެވެ. އަދި މީމްތަކުގެ ސަބަބުން ކޮވިޑްގެ މަތިން ހަނދާން ވާ މިންވަރުވެސް އޮޅުން ފިލުވިއެވެ. އެގޮތުން ކޮވިޑާ ގުޅޭ މީމްތައް ބެލި މީހުން، އެނޫން މީމްތައް ބެލި މީހުންނާ އަޅާ ބަލާއިރު، ސްޓްރެސްވި މިންވަރު ކުޑަ ކަމަށް ވަނީ ދައްކާފައެވެ.

މީމްގެ ވައްތަރުތަކަކީވެސް މިކަމުގައި ދައުރެއް އަދާ ކުރި ކަމެއް ކަން، މި ދިރާސާގައި އަލީގައި ވަނީ ދެނެގަނެވިފައެވެ. އެގޮތުން، ތުއްތު ކުދިންނާއި ޖަނަވާރު އެކުލެވޭ މީމްތައް ބެލި މީހުން، ކޮވިޑްގެ ބަލިމަޑުކަމާ މެދު ވިސްނާ މިންވަރު ކުޑަ ކަމަށް ވަނީ ދައްކާފައެވެ. މީގެ ތެރެއިންވެސް، އިންސާނުންނަށް ވުރެ، ޖަނަވާރުންގެ މީމްތަކާ ގަޔާވާ ކަމަށް، ދިރާސާއިން ވަނީ ދައްކާފައެވެ.

ކޮވިޑް-19އާ ގުޅިގެން ދައުރުވި މީމްއެއް / ފޮޓޯ: ފިލްމް ޑެއިލީ

ދިރާސާގެ އިސް މުސައްނިފެއް ކަމަށް ވާ ޖެސިކާ ގޭލް މައިރިކް ވިދާޅުވީ، މީޑިއާ މެދުވެރި ކޮށް މާ ގިނައިން ކޮވިޑްގެ ވާހަކަތަކުގެ ތެރެއަށް ގެނބި ދިއުމުން ދުރުވުމަށް ދުނިޔޭގެ ސިއްހަތު ޖަމިއްޔާ (ޑަބްލިއުއެޗްއޯ) އިން އިލްތިމާސް ކުރާ ކަމަށެވެ. ނަމަވެސް، ދިރާސާގެ ހޯދުންތަކަށް ބަލާއިރު، ކޮވިޑާ ގުޅޭ މީމްތައް ބަލާ ހެދުމަކީ، ކޮވިޑްގެ ބަލިމަޑުކަމުގެ ދުވަސްތައް ތަހައްމަލު ކުރުމުގައި މީހުންނަށް ލިބުނު އެހީއަކަށް ވި ކަމަށް ދިރާސާއިން ދައްކާފައި ވާ ކަމަށް އޭނާ ވަނީ ފާހަގަ ކުރައްވާފައެވެ.

އެހެން ކަމުން، ހުރިހާ މީޑިއާއަކީ ނަފްސަށް ގޯސް މީޑިއާއެއް ކަމަށް ބުނެވެން ނެތް ކަމަށްވެސް މައިރިކް ވަނީ ވިދާޅުވެފައެވެ.

މީމްއަށް ހާއްސަ ޕޭޖުތައް، ސޯޝަލް މީޑިއާގެ އެކި ހިސާބުތަކުގައި ރަސްކަން ކުރަމުން ދާއިރު، މީމްއަކު ފުލު މީމްއެއް ހިއްސާ ކުރާ މީހުންވެސް މަދެއް ނޫނެވެ. ބައެއް މީހުން، ސޯޝަލް މީޑިއާގެ ވިއުގާގައި ކުރާ ހަމައެކަނި ކަމަކީވެސް މީމް ހިއްސާ ކުރުން ކަމުގައި އޮތީ ވެފައެވެ.