އިންޑިއާ ގައި 1 ބިލިއަނަށް ވުރެ ގިނަ މީހުންނަށް ކޮވިޑް ވެކްސިން ފުރިހަމަ ކުރުމާއެކު އެކަން ފާހަގަ ކުރައްވައި ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހް އިންޑިއާގެ ބޮޑުވަޒީރު ނަރެންދްރަ މޯދީއަށް މަރްހަބާ ދަންވައިފިއެވެ.

އިންޑިއާއިން ވަނީ އެގައުމުގެ އާބާދީގެ ތެރެއިން 1 ބިލިއަން މީހުންނަށް ކޮވިޑް ވެކްސިން ޖަހާފައެވެ. އެ ގޮތުން މި ލަންޑުދަނޑި އެ ގައުމުން ހާސިލް ކޮށްފައި ވަނީ 278 ދުވަސް ތެރޭގައެވެ. އިންޑިއާގައި އެންމެ ފުރުރަމަ ކޮވިޑް ވެކްސިން ޖަހާފައި ވަނީ މިދިޔަ ޖެނުއަރީ މަހުގެ 16 ވަނަ ދުވަހުއެވެ.

އެގޮތުން މިހާތަނަށް އެ ގައުމުން ވެކްސިން ޖެހި މީހުންގެ ތެރެއިން 290 މިލިއަނަށް ވުރެ ގިނަ މީހުން ވަނީ ދެ ޑޯޒް ފުރިހަމަ ކޮށްފައެވެ. އަދި 700 މިލިއަނަށް ވުރެ ގިނަ މީހުން ވަނީ ފުރަތަމަ ޑޯޒް ފުރިހަމަ ކޮށްފައެވެ.

ރައީސް ސޯލިހް ވިދާޅުވީ، ކޮވިޑް-19 އިން އަރައިގަތުމަށް އެގައުމުގައި ގިނަ ބަޔަކަށް ވެކްސިން ޖަހާފއިވާ އިރު ދުނިޔޭގެ އެކި ކަންކޮޅުތަކަށް އެ ގައުމުން ވެކްސިން ފޮރުކޮށްދީފައި ވާ ކަމަށެވެ. އެ ގޮތުން ރާއްޖެއަށް ވެސް ކޮވިޑްގެ މި ހާލަތުގައި ވެސް އެ ގައުމުން ވަނީ އެތައް އެހީތެރިކަމެއް ފޮރުކޮށްދީފައި ކަން ރައީސް ފާހަގަ ކުރެއްވިއެވެ. އެ ގޮތުން ކޮވިޑްގެ މި ދަނޑިވަޅުގައި އިންޑިއާއިން ދައްކަމުން ދަނީ އެއްބައިވަންތަ ކަމުގެ ނަމޫނާއެއް ކަމަށާއި އެ ގައުމަށް ރާއްޖޭގެ ނަމުގައި އެމަނިކުފާނު ޝުކުރު އަދާކުރެއްވިއެވެ.

އަދި އެ ގައުމުން ކުރަމުންދާ މަސައްކަތްތަކާއި ހާސިލް ކުރެވުނު މިންވަރު އަލި އަލުއްވާ ލައްވަމުން ރައިށް ވަނީ މަރްހަބާ ދަންނަވާފައެވެ.

އިންޑިއާ އިން ވަނީ ދުނިޔޭގެ އެކި ކަންކޮޅުތަކުން 100 އެއްހާ ގައުމަށް 66 މިލިއަން ޑޯޒްގެ ކޮވިޑް ވެކްސިން ހަދިޔާކޮށް ނުވަތަ ވިއްކާފައެވެ. މިދިޔަ އޭޕްރީލް މަހުގެ މެދަކާ ހިސާބުން އިންޑިއާ އިން ވަނީ ކޮވިޑް ހަލުވި ކަމާއެކު ފެތުރެމުންދާތި ވެކްސިން އުފެއްދުމަށް ގޮންޖެހުންތަކެއް ދިމާ ވުމުގެ ސަބަބުން ކޮވިޑް ވެކްސިން އެކްސްޕޯޓް ކުރުން މަޑުޖައްސާލާފައެވެ.

ގިނަ ގައުމުތަކަކަށް އިންޑިއާއިން ވެކްސިން ހަދިޔާ ކުރި އިރު، އިންޑިއާއިން ރާއްޖެއަށް ވަނީ 2 ލައްކަ ކޮވިޑް ވެކްސިން ހަދިޔާ ކޮށްފައެވެ.