ދުނިޔޭގެ އެކި ކަންކޮޅުތަކުން އެތައް މިލިއަން ބައެއްގެ މަގުބޫލުކަން ހޯދާފައި ވާ ކޮރެއާގެ ޓީވީ ޝޯ، "ސްކުއިޑް ގޭމް" އިން ފެންނަ ކޭކެއް ޒާތުގެ މެޓާގަނޑުން އެތިކޮޅެއް ނަމަވެސް ކާލަން ބޭނުންވާ މީހުން ތިބޭނެ ކަން ޔަގީނެވެ. މިފަދަ ކޮންމެ ކަމަކީ ވިޔަފާރިވެރިންގެ އަތުގައި ހިފާ ނަސީބަކަށްވެސް ވެދެއެވެ. އެގޮތުން، ޗައިނާގެ ވެރިރަށް ބެއިޖީންގެ ބޭކަރީއަކުން މިހާރު ވަނީ، "ސްކުއިޑް ގޭމް"އިން ފެންނަ "މެޓާގަނޑު" ތައްޔާރު ކުރުމުގެ މުބާރާތެއް އިއުލާން ކޮށްފައެވެ.

ބެއިޖީންގްގެ ބޭކަރީއަށް ޒިޔާރަތް ކުރާ ކޮންމެ ކަސްޓަމަރަކަށްވެސް، މެޓާގަނޑު ތައްޔާރު ކުރުމުގެ މުބާރާތުގެ ބައިވެރިވުމުގެ ފުރުސަތު ވަނީ ހުޅުވާލާފައެވެ. "ޑެލްގޯނާ ކެންޑީ"ގެ ނަމުން މިހާރު ރިއާޔަތް ކުރަމުން އަންނަ މި މެޓާގަނޑަކީ ކޮފީއާއި ހަކުރު ބޭނުން ކޮށްގެން ތައްޔާރު ކޮށްފައި ވާ މެޓާގަނޑެއް ކަމުގައި ހީވި ނަމަވެސް، ހަގީގަތުގައި މި މެޓާގަނޑު ތައްޔާރު ކުރަނީ ހަކުރު ވިރުވައިގެންނެވެ. އަދި ހަރުކަން ގެންނަނީ ބޭކިންގް ސޮޑާ ބޭނުން ކޮށްގެންނެވެ.

ޗައިނާގެ ބޭކަރީއިން ހުޅުވާލި މެޓާގަނޑު ތައްޔާރު ކުރުމުގެ މުބާރާތުގެ ބައިވެރިން، 10 މިނެޓް ތެރޭގައި މިފަދަ މެޓާގަނޑެއް ތައްޔާރުކޮށް ނިންމަންޖެހެއެވެ. މިއީ ހީކުރާހާ ފަސޭހަ ޗެލެންޖެއް ނޫން ކަމަށް ބުނެވެއެވެ. އެހެނީ، މިއީ ވަރަށް އަވަހަށް ގަނޑުވެ، ހަރުވެ، ބިންދަ ބިންދައިގެން ދާ މެޓާގަނޑަކަށް ވުމެވެ.

މި ޗެލެންޖުން މޮޅުވާ މީހަކަށް ލިބެނީ ކޮން އިނާމެއްކަން ސާފު ނުވި ނަމަވެސް، ކާމިޔާބު ނުވާ މީހަކަށް، "ސްކުއިޑް ގޭމް"ގައި ލިބޭ ފަދަ އަދަބެއް ނުލިބޭނެއެވެ.