އެއީ މުޅި ދުނިޔޭގައިވެސް އޮތް 100 ޕަސެންޓް އޯގޭނިކް ފާމިންގް ގައުމު ކަމުގައި ހެދުމަށް އަވަށްޓެރި ސްރީލަންކާއިން ކަނޑައެޅި އަމާޒަށް ދޫ ދިނުމަށް އެ ގައުމަށް ނިންމައިފިއެވެ.

ގެއްލުންދެނިވި ކެމިކަލް އެއްވެސް ވަރަކަށް ބޭނުން ނުކޮށް ދަނޑުބިންތައް ހައްދައިގެން ކުރާ އޯގޭނިކް ފާމިންގް 100 ޕަސެންޓަށް ހިންގުމަށް ސްރީލަންކާއިން ކަނޑައެޅި އަމާޒަށް ދޫ ދޭން އެ ގައުމުން ނިންމީ، ސްރީލަންކާގެ ފަހްރު ކަމުގައި ވާ ސައިފަތުގެ ސިނާއަތަށް، އެކަމުގެ ސަބަބުން ނޭދެވޭ އަސަރު ފޯރަން ފެށުމުންނެވެ.

މިއާއެކު ސްރީލަންކާއިން ވަނީ ކެމިކަލް ގަހުކާނާ އެތެރު ކުރުން މަނާ ކޮށްފައި އޮތް އޮތުން އުވާލާފައެވެ.

ދަނޑުވެރިކަމުގައި ބޭނުން ކުރާ ކެމިކަލް އެތެރެ ކުރުން، ސްރީލަންކާގެ ރައީސް ގޮތަބާޔާ ރާޖަޕަކްސަ މަނާ ކުރެއްވީ، މެއި 2021 ގައެވެ. ރާޖަޕަކްސަގެ މި ނިންމެވުމާއެކު، ސައިފަތް ހައްދާ ގިނަ ބަޔަކު ވަނީ ނުރުހުން ފާޅުކޮށް، ސަޕްލައި ހީނަރުވެދާނެ ކަމުޔގެ އިންޒާރު ދީފައެވެ.

ސިލޯން ސައިފަތުގެ ވިޔަފާރިއަކީ އަހަރަކަށް ބަލާއިރު، 1.3 ބިލިއަން ޑޮލަރުގެ އަގު ހުރި ވިޔަފާރިއަކަށް ވާ އިރު، ބަދަލު ގެންނަން ޖެހުނީ ސައިފަތް އުފައްދާ ފަރާތްތަކަށް އެހީވުމުގެ ގޮތުން ކަމަށް، ސްރީލަންކާގެ ޕްލާންޓޭޝަންސް މިނިސްޓަރު، ރާމޭޝް ޕަތިރަންނާ ވަނީ ވިދާޅުވެފައެވެ.

ޕަތިރަންނާ ވިދާޅުވީ، ދަނޑުވެރިކަމުގެ ބޭނުންތަކަށް ފުދޭ މިންވަރަށް އޯގޭނިކް ގަހުކާނާ އުފެއްދެންދެކަށް، ކެމިކަލް ގަހުކާނާ އެތެރެ ކުރުމުގެ ހުއްދަ އޮންނާނެ ކަމަށެވެ.