ރާއްޖެއަށް ހިޖުރަ ކުރި ފްލެމިންގޯ ދޫނިތަކަށް ގޯނާކޮށް، ހިފާ އަދި ވިއްކާ ފަރާތްތަކާ މެދު ލޯކަލް ކައުންސިލްތަކުން ފިޔަވަޅު އަޅުމަށް ރައްޔިތުންގެ މަޖިލީހުގެ އެންވާރަންމަންޓް އެންޑް ކްލައިމެޓް ޗޭންޖް ކޮމިޓީން ގޮވާލައިފިއެވެ.
މިއަދު ރައްޔިތުންގެ މަޖިލީހުގެ އިދާރާއިން ނެރުނު ނޫސް ބަޔާނުގައި ވަނީ މި ދުވަސްވަރަކީ ހިޖުރަ ކުރާ ދޫނި ގިނަ އަދަދަކަށް ދިވެހިރާއްޖެއަށް އަންނަމުންދާ ދުވަސްވަރަކަށް ވެފައި، އެ ތަކެއްޗަށް ގޯނާކޮށް، ގެންލުން ދީ އަދި އެ ތަކެތި ހިފައި ވިއްކާ ކަން ވަނީ ރައްޔިތުންގެ މަޖިލީހުގެ އެންވާރަންމަންޓް އެންޑް ކްލައިމެޓް ޗޭންޖް ކޮމިޓީގެ ސަމާލުކަމަށް އައިސްފައިވާ ކަމަށެވެ. އަދި މި ކަމަކީ އެ ކޮމިޓީން ނުހަނު ކަންބޮޑުވާ މައްސަލައެއްގެ ގޮތުގައި ފާހަގަ ކޮށްފައި ވެއެވެ.
އެހެންކަމުން މިފަދަ އަމަލުތައް ހިންގާ ފަރާތްތަކުން މިހާރުން މިހާރަށް އެކަން ކަން ހުއްޓާލުމަށް ވަނީ އެ ކޮމިޓީން ގޮވާލާފައެވެ. އަދި ހިޖުރަ ކުރާ ދޫނިތަކުގެ ގުދުރަތީ ދިރިއުޅުން ގެއްލޭ ފަދަ އެއްވެސް ކަމެއް ނުކުރުމަށް ވެސް އެ ކޮމިޓީން ބުނެއެވެ.
ހަމައެއާއެކު، ދިވެހިރާއްޖެއަށް ހިޖުރަކުރާ ދޫނިތަކަށް ކުރާ މިފަދަ ގޯނާތައް ހުއްޓުވުމަށާއި، ދޫނިތަކަށް ދޭންޖެހޭ ހިމާޔަތް ދިނުމުގައި ކަމާގުޅޭ އެންމެހައި މުއައްސަސާތަކުންނާއި، ހާއްސަކޮށް މިކަމުގައި ލޯކަލް ކައުންސިލްތަކުން އަދާކުރަން ޖެހޭ ފުރިހަމަ ޒިންމާ އަދާކޮށް، އެފަދަ އަމަލުތައް ހުއްޓުވައި، އެފަދަ އަމަލުތައް ހިންގާ ފަރާތްތަކާ މެދު، ކަމާގުޅޭ ގޮތުން ހަދާފައިވާ ގާނޫނާއި ގަވާއިދުގެ ދަށުން އަޅަން ޖެހޭ ގާނޫނީ ފިޔަވަޅު އެޅުމަށް ވެސް އެ ކޮމިޓީން ވަނީ ގޮވާލާފައެވެ.
އެކި މޫސުންތަކުގައި ރާއްޖެއަށް ހިޖުރަ ކުރާ ދޫނީގެ ބާވަތްތަކަކީ ރާއްޖޭގެ ގުދުރަތީ މާހައުލުގައި ވަރަށް މުހިންމު ތަކެއްޗެވެ. އެހެންކަމުން އެ ތަކެތީގެ އާބާދީއަށް ގެއްލުން ލިބިދާނެ ފަދަ އެންމެހައި ކަންކަމަކީ، ގާނޫނު ނަންބަރު 4/93 (ދިވެހިރާއްޖޭގެ ތިމާވެށި ރައްކާތެރިކޮށް ދެމެހެއްޓުމާ ބެހޭ ގާނޫނު) ގެ ދަށުން ހަދާފައިވާ ގަވާއިދު ނަންބަރު 25/2021-R (ގުދުރަތީ ގޮތުގައި ނުވަތަ ތަބީއީ ގޮތުގައި ހިމާޔަތްކޮށް ރައްކާތެރި ކުރާ ދިރޭ ތަކެއްޗާ ބެހޭ ގަވާއިދު) ގެ ދަށުން މަނާ ކަމެކެވެ. އަދި އެ ގާނުޏުގައި އެފަދަ ކަންކަން ކުރާ ފަރާތްތަކަށް ވަނީ އަދަބު ވެސް ކަނޑައަޅާފައެވެ.
ރާއްޖޭގެ އުތުރުގެ ބައެއް ރަށްރަށުން ވަނީ ފްލެމިންގޯ ދޫނިތަކެއް ފެނިފައެވެ. އެ ދޫނިތަކުގެ ފޮޓޯއާއި ވީޑިއޯ ސޯޝަލް މީޑިއާގައި ވައިރަލް ވެފައިވާއިރު މި ދޫންޏަކީ ރާއްޖޭގައި އުޅޭ ބާވަތުގެ ދޫންޏެއް ނޫނެވެ. އެހެންކަމުން މިއީ މި ދުވަސްވަރު ރާއްޖެއަށް ހިޖުރަ ކުރި ދޫނިތަކެއް ކަމަށް ބެލެވެއެވެ.
މި ދޫނިތައް ރާއްޖޭގެ އުތުރުގެ ރަށްރަށުގެ ގޮނޑު ދޮށުންނާއި ކުޅިތަކުން ފެންނަން ހުރި އިރު 'ކުޅުދުއްފުށީ ޕެޓް ލަވާސް' ޕޭޖުން ވަނި ފްލެމިންގޯ ވިއްކަން ޖަހާ އިސްތިހާރު ކޮށްފައެވެ. މި މައްސަލަ ފެންމަތިވުމުން އެންވާރަމަންޓް ޕްރޮތެކްޝަން އެެންސީން ވެސް ވަނީ އެފަދަ ފަރާތްތަކާ މެދު ފިޔަވަޅު އަޅާނެ ކަމަށް ބުނެފައެވެ.