މާ ގިނައިން ބިސްކޯދު ކާނަމަ، ކެންސަރު ޖެހުމުގެ ފުރުސަތު އޮތް ކަމަށް، ހޮންގްކޮންގްގައި ކުރި ދިރާސާއަކުން ދައްކައިފިއެވެ.

ހޮންގްކޮންގްގެ ކޮންޒިއުމާ ވޮޗްޑޯގުން މި ދިރާސާ ކުރިއަށް ގެންދިޔައީ، ތަފާތު 60 ބާވަތެއްގެ ބިސްކޯދާ ގުޅޭ ކަންކަން ބެލުމަށް ފަހުގައެވެ.

މި ބިސްކޯދުތަކަކީ ވަގުތުން ކާލެވޭ ގޮތަށް، ދުރާލާ ޕެކްކޮށްފައި ވާ ބިސްކޯދު ކަމަށް ވާއިރު، ކެންސަރަށް މަގު ފަހި ކުރާ މާޢްދާތަކެއް ކަމަށް ވާ ގްލައިސިޑޯލް އަދި އެކްރިލަމައިޑް މާއްދާތައް މި އުފެއްދުންތަކުގައި އެކުލެވެއެވެ. މި ކެމިކަލްތަކަކީ ކެންސަރަށް ޖައްސަނިވި ނުރައްކާ ބޮޑު މާއްދަތަކެކެވެ.

ސަޔާއި ބިސްކޯދަކީ ގިނަ ބަޔަކަށް ކަމުދާ ލުއި ކޭމެއް / ފޮޓޯ: ޑްރިސްކޯލާ

ގްލައިސިޑޯލް އަދި އެކްރިލަމައިޑް ކެމިކަލް މާއްދާ ބޭނުން ކުރުމުގެ ހުއްދަ، ބިސްކޯދު އުފައްދާ ފަރާތްތަކަށް އޮތް ނަމަވެސް، އެކަމަށް ހައްދެއް އޮވެއެވެ. ވިލާތުގެ އިއްތިހާދުން ކަނޑައަޅާފައި ވާ ހުދޫދަށް ބަލާއިރު، 1 ކިލޯގްރާމްގެ ބިސްކޯދުގައި އެކްރިލަމައިޑް ބޭނުން ކުރެވޭނެ އެންމެ މަތީ ލިމިޓަކީ 350 ގުރާމެވެ.

ނަމަވެސް، ހޮންގްކޮންގްގައި ކުރިއަށް ގެންދިޔަ ދިރާސާއިން، 4 ބާވަތެއްގެ ބިސްކޯދުގައި، މި އިން ފަހަނަ އަޅާފައި ވާ ކަން ވަނީ ހާމަވެފައެވެ. އެގޮތުން އެކްރިލަމައިޑްގެ މާއްދާ އެންމެ ގިނަ ކަމަށް ފާހަގަ ކޮށްފައި ވަނީ މުޖީޒް ސޭންޑްވިޗް ކްރެކާޒްގައެވެ. މި ބަވަތުގެ ބިސްކޯދުގައި 620 ގުރާމްގެ އެކްރިލަމައިޑް އެކުލެވޭއިރު، މިއީ ރައްކާތެރި ލިމިޓަށް ވުރެ 2 ގުނަ އިތުރު އަދަދެކެވެ.

ކެންސަރަށް މަގު ފަހި ކުރާ އިތުރު ބްރޭންޑްތަކުގެ ތެރޭގައި ދިވެހިންގެ މެދުގައި އާންމު ކޮށް ބޭނުން ކުރާ އޯރިއޯއާއި މާރީ ބިސްކޯދުގެ އިތުރުން ޕްރެޓްޒް ވޭފާޒް ހިމެނެއެވެ.

މީގެ އިތުރުން، ދިރާސާއަށް ތަހުލީލު ކުރި 60 ބާވަތުގެ ބިސްކޯދުގެ ތެރެއިން 56 ބާވަތެއްގައި، 3 އެމްސީޕީޑީ އެކުލެވޭ ކަމަށް ވެސް ވަނީ ދައްކާފައެވެ. މިއީ ކިޑްނީގެ އިތުރުން، ފިރިހެނާގެ ދަރިފަނި އަލާ ކުރާ ގުނަވަނަށް އަސަރު ކުރުވާ ކެމިކަލް ކޮމްޕައުންޑެކެވެ.

ދިރާސާ ބުނާ ގޮތުގައި، ބަރުދަނުގައި 60 ކިލޯގްރާމް ހުންނަ މީހަކު، ދުވާލެއްގެ މައްޗަށް މި ކެމިކަލް 120 ގުރާމަށް ވުރެ އިތުރަށް ބޭނުން ކޮށްގެން ނުވާނެއެވެ. ނަމަވެސް ބައެއް ބިސްކޯދުގެ ކޮންމެ ކިލޯގްރާމެއްގައި، މި މާއްދާގެ 2000 ގުރާމް އެކުލެވޭކަން ވަނީ ހާމަވެފައެވެ.

ކެންސަރަށް މަގުފަހި ކުރާ މާއްދާތައް ފެނިފައި ވާ ބިސްކޯދުތަކުގެ ތެރޭގައި އޯރިއޯ އަދި މާރީ ބިސްކޯދު ހިމެނޭ / ފޮޓޯ: ޑަބްލިއުޖީއެން ޓީވީ

ހޮންގްކޮންގްއިން ދިރާސާކުރި ބިސްކޯދުތަކުގެ ތެރެއިން 33 ސާމްޕަލެއްގައި ސަރުބީގެ ބައި މަތި ކަމަށް ދައްކާއިރު، 27 ސާމްޕަލެއްގައި ހަކުރު ގިނަ ކަމަށް ދައްކައެވެ. އަދި 13 ސާމްޕަލެއްގައި ސޯޑިއަމް ގިނަ ކަމަށް ދައްކައެވެ. މީގެ އިތުރުން 40 ޕަސެންޓް ބިސްކޯދުގެ ނިއުޓްރިޝަނަލް ލޭބަލްގައި އޮޅުވާލުންތަކެއް ހުރި ކަމަށްވެސް ދިރާސާއިން ވަނީ ހާމަ ވެފައެވެ.

2017 ވަނަ އަހަރު އިންޑިއާގައި ކުރިއަށް ގެންދިޔަ ދިރާސާއަކަށް ބަލާއިރު، އެ ގައުމުގައި އުފައްދާ ކުރީމު ޖެހި ބިސްކޯދުތަކަކީ ރައްކާތެރި ކަމުގެ މިނަށް ވުރެ ހަކުރާއި ސަރުބީގެ ބައި ގިނަ އުފެއްދުންތަކެއް ކަން ވަނީ ހާމަ ވެފައެވެ.

ބިސްކޯދަކީ އެންމެ ރައްކާތެރި ލުއި ކާނާ ކަމުގައި ބައެއް މީހުންނަށް ހީވެފައި އޮންނަނީ ބިސްކޯދުތައް ލޭބަލް ކުރުމުގައި "ހޯލް ވީޓް"، "އޯޓްމީލް"، "ފައިބަރުގެ މުއްސަނދިކަން ލިބިފައި ވާ" ނުވަތަ "ހަކުރު ނާޅާ" މިފަދަ ލަފުޒުތައް ބޭނުން ކޮށްފައި ހުންނާތީއެވެ. ނަމަވެސް މިފަދަ ލަފުޒުތަކަކީ، ގިނަ ފަހަރަށް މާކެޓް ކުރުމަށް ބޭނުން ކުރާ އުކުޅެއްކަން ހަނދާނުގައި ބަހައްޓަން ޖެހެއެވެ.

ބިސްކޯދަކީ ލުއި ކާނާއެއް ނަމަވެސް، ކެންސަރަށް މަގުފަހި ކުރާ ނުރައްކާ މާއްދާތަކެއް އޭގައި އެކުލެވޭ / ފޮޓޯ: ދި އިންޑިޕެންޑެންޓް

ހަކުރު ނާޅާ ކަމަށް ބުނާ ބިސްކޯދުތަކަކީ މަސްނޫއީ ހަކުރުން އޭގައި ފޮނި ރަހަ ލައްވާފައި ވާ އުފެއްދުންތަކެކެވެ. އޯޓްސް ބިސްކޯދުގައި، ހަގީގީ އޯޓްސް އެކުލެވެނީ އެންމެ 5 ޕަސެންޓާއި 10 ޕަސެންޓާ ދެމެދު މިންވަރަކަށް ކަމުގައި ވެސް ވެދާނެއެވެ.

10 އަހަރު ދުވަހުގެ މުއްދަތެއްގެ ތެރޭގައި، ސްވީޑަންގައި، 60000 އަންހެނުން ބައިވެރި ކޮށްގެން ކުރިއަށް ގެންދިޔައެވެ. މީގެ ތެރެއިން، ހަފުތާއަކު 2 ނުވަތަ 3 ފަހަރު ބިސްކޯދު ކައި އުޅުނު މީހުންނަށް ރަހިމުގެ ކެންސަރު ޖެހުމުގެ ފުރުސަތު، 33 ޕަސެންޓް އިތުރު ކަމަށް ވަނީ ދައްކާފައެވެ. ހަފުތާއަކު 3 ފަހަރަށް ވުރެ ގިނައިން ބިސްކޯދު ކައި އުޅުނު މީހުންގެ ހަށިގަނޑުގައި ޓިއުމަރު އުފެދުމުގެ ނުރައްކާ 42 ޕަސެންޓް ބޮޑު ކަމަށްވެސް ދިރާސާއިން ވަނީ ދައްކާފައެވެ.