ކަނޑައެޅިގެން ވަކި ފަރުވާއެއް ހޯދިފައި ނުވާ ކޮރޯނާވައިރަސް ޑިޒީޒް (ކޮވިޑް-19) އިން ދިފާއުވުމަށް ވެކްސިން ތަރައްގީ ކޮށް އަމިއްލަ ވަޒަނާއި އަވަށްޓެރިންނަށް ޑޯޒްތައް ފޯރުކޮށްދިނުމުގައި އެންމެ ހަރަކާތްތެރި ދައުރެއް އަދާ ކުރި، އިންޑިއާގެ ކޮވިޑް ވެކްސިން ކެމްޕޭންގައި ބައިވެރިވާ ފަރާތްތަކަށް ދޫކުރާ ވެކްސިން ކާޑުގައި، ބޮޑުވަޒީރު ނަރޭންދްރާ މޯދީގެ ފޮޓޯފުޅެއް ޖަހާ މައްސަލަ، އެ ގައުމުގައި ވަރަށް ބޮޑުވެއްޖެއެވެ.

މައުލޫމާތު ލިބޭ ގޮތުގައި، ވެކްސިން ސެޓްފިކެޓް ނުވަތަ ވެކްސިން ކާޑުގައި ބޮޑުވަޒީރު މޯދީގެ ފޮޓޯފުޅު ޖަހާ މައްސަލައާ ގުޅިގެން އާންމުންގެ މީހަކު ހުށަހެޅި ޕެޓިޝަނެއްގެ އަޑުއެހުން، ކެރަލާ ސްޓޭޓްގެ ކޯޓެއްގައި އަންނަ ހަފުތާގައި ކުރިއަށް ގެންދިއުމަށް ވަނީ ތާވަލުވެސް ކޮށްފައެވެ.

އިންޑިއާގެ ކޮވިޑް ވެކްސިން ސެޓްފިކެޓްގައި ބޮޑުވަޒީރު ނަރޭންދްރާ މޯދީގެ ފޮޓޯފުޅު ޖަހާފައި / ފޮޓޯ: ގެޓީ އިމޭޖަޒް

ޕީޓާ އެމް ނަމަކަށް ކިއާ މީހާ ބުނާ ގޮތުގހައި އޭނާގެ ކޮވިޑް ވެކްސިން ކާޑުގައި މޯދޯގެ ފޮޓޯފޮޅު ޖަހާފައި އޮތުމަކީ، އޭނާގެ އަސާސީ ހައްގަށް ލިބޭ އުނިކަމެކެވެ. ޕީޓާއަކީ އިންޑިއާގެ މައި އިދިކޮޅު ސިޔާސީ ޕާޓީ ކަމަށްވާ ކޮންގްރެސް އަށް ނިސްބަތްވާ މެންބަރެކެވެ. އަދި މައުލޫމާތު ހޯދާ ލިބިގަތުމުގެ ހައްގަށް ވަކާލާތު ކުރާ އެކްޓިވިސްޓެއްވެސް މެއެވެ.

"އަހަރެންގެ ސެޓްފިކެޓްގަ މޯދީގެ ފޮޓޯފުޅެއް ޖެހުމަކީ، ރައްޔިތުންގެ ޒާތީ ސަރަހައްދަށް ވަދެގަތުން. އެއީ ޣައިރު ގާނޫނީ ކަމެއް. މި ލަދުވެތި، ނުބައި އަމަލު ހުއްޓަވާލެއްވުމަށް، އިއްޒަތްތެރި ބޮޑުވަޒީރަށް އަހަރެން ގޮވާލަން" ޕީޓާ ބުންޏެވެ.

ޕީޓާ ބުނާ ގޮތުގައި މިއީ ޑިމޮކްރަސީއެއްގައި ކަން ހިނގައިގެން ވާނެ ގޮތެއް ނޫނެވެ. އަދި މިފަދަ އަމަލެއް ހިންގުމަކީ، އެކަމަކުން ގައުމަށް ނުވަތަ ފަރުދަކަށްވެސް ފައިދާއެއް އޮތް ކަމެއް ނޫން ކަމަށްވެސް އޭނާ ބުނެއެވެ.

އިންޑިއާގެ ކޮވިޑް ވެކްސިން ސެޓްފިކެޓްގައި ބޮޑުވަޒީރު ނަރޭންދްރާ މޯދީގެ ފޮޓޯފުޅު ޖަހާފައި / ފޮޓޯ: ގެޓީ އިމޭޖަޒް

އިންޑިއާގެ ސިއްހަތާ ބެހޭ ވުޒާރާއިން ދޫކުރާ ކޮވިޑް ވެކްސިން ސެޓްފިކެޓްގައި، ވެކްސިން ލިބިގަންނަ ފަރުދުގެ ޒާތީ ވަނަވަރުގެ އިތުރުން، ބޮޑުވަޒީރު މޯދީގެ ފޮޓޯފުޅަކާއެކު 2 މެސެޖެއް، އިނގިރޭސި އަދި ދޭސީ ބަހުރުވަތަކުން ހިމަނާފައިވެއެވެ. އިންޑިއާގެ ޖޫނީއާ ހެލްތު މިނިސްޓަރު ޕްރަވީން ޕަވާރު، މިދިޔަ އޯގަސްޓް މަހު ވިދާލުވީ، ފޮޓޯފުޅާ މެސެޖުތައް ހިމަނާފައި ވަނީ، އާންމުންގެ މަސްލަހަތަށް ކަމަށެވެ. އަދި އެ ކަމަކީ ކޮވިޑްގެ އުސޫލުތަކަށް އަހުލުވެރި ކުރުމަށް ކުރާ ކަމެއް ކަމަށްވެސް އޭނާ ވަނީ ވިދާޅުވެފައެވެ.

ނަމަވެސް ޕީޓާ ބުނާ ގޮތުގައި ވެކްސިން ޖަހާފައި ތިބޭ ބަޔަކަށް ދޫކުރާ ސެޓްފިކެޓް އެފަދަ ގޮތަކަށް އޮތުމުގެ ބޭނުމެއް ނެތް ކަމަށެވެ. އެ މީހުންނަކީ ވެކްސިން ޖަހައިގެން ތިބި ބައެއް ކަމަށެވެ. އަދި މިކަމަކީ މޯދީއަށް ވަކާލާތު ކޮށްދީ، އެކޮޅަށް މީހުން ލެންބުވުން ކަމަށްވެސް ޕީޓާ ތުހުމަތު ކުރެއެވެ.

ބޯކޮށް ވާރޭވެހުމުގެ ސަބަބުން އިންޑިއާގެ މަގެއްގައި ފެންބޮޑުވެފައި ވާ އިރު، އެ ސަރަހައްދުގައި ހުރި ބޯޑެއްގައި މޯދީގެ ފޮޓޯފުޅު / ފޮޓޯ: ސީބީސީ

"މޯދީ އަކީ އަހަރަމެންގެ ފުރަތަމަ ބޮޑުވަޒީރެއް ނޫން. އަދި މި ވެކްސިން މަޝްރޫއަކީ އިންޑިއާގެ ފުރަތަމަ ވެކްސިން މަޝްރޫއެއްވެސް ނޫން. އެކަމަކު ކޮވިޑް-19 އާ ދެކޮޅަށް ހިންގާ ވެކްސިން ކެމްޕޭން ސިފަ ކޮށްދީފައި ވަނީ، އެންމެ މީހަކަށް ހާއްސަ ޝޯއެއްގެ ގޮތުގަ. ބޮޑުވަޒީރުގެ ޕްރޮޕަގަންޑާ ހަތިޔާރެއްގެ ގޮތުގަ" ]ޕީޓާ އިތުރަށް ބުންޏެވެ.

ކޮވިޑް ވެކްސިން ސެޓްފިކެޓްގައި މޯދީގެ ފޮޓޯފުޅޫ ޖަހާ މައްސަލާގައި ޕީޓާ އަޑު އުފުލަން ފެށީ، ސަރުކާރުން ވެކްސިން ޖަހާދެމުން ދިޔަ ކިއު ދިގުވެ، ޕްރައިވެޓް ހޮސްޕިޓަލަކުން، އަމިއްލަ ހަރަދުގައި ވެކްސިން ޖަހަން ޖެހުނު ހިސާބުންނެވެ.

"ކޮންމެ ޑޯޒްއަކަށް 750 ރުޕީޒް (10 ޑޮލަރު) އަމިއްލަ ޖީބުން ދެއްކިން. ދެން ކީއްކުރަން މޯދީގެ ފޮޓޯފުޅެއް އަހަރެންގެ ސެޓްފިކެޓްގަ ޖަހަންވީ؟" ޕީޓާ ސުވާލުކުރިއެވެ.

ކެރަލާގެ ހައިކޯޓުން ވަނީ، މިކަމަށް ޖަވާބުދާރީ ވުމަށް އިންޑިއާގެ ފެޑަރަލް އަދި ސްޓޭޓް ސަރުކާރުތަކަށް 2 ހަފުތާގެ މުހުލަތެއް ދީ ފައެވެ. މޯދީގެ ބާރުތިޔާ ޖަނާތާ ޕާޓީ (ބީޖޭޕީ) އިން ވަނީ މިކަމާ އެއްޗެއް ބުނަން އިންކާރު ކޮށްފައެވެ.

އިންޑިއާގެ ކޮވިޑް ވެކްސިން ކާޑުގައި މޯދީގެ ފޮޓޯފުޅު ޖަހަމުން ދާ ދިއުން ވަނީ ސިޔާސީ ކުޅިވަރަކަށް ބަދަލުވެފައެވެ. އިދިކޮޅު ޕާޓީން ކޮންޓްރޯލް ކުރާ ބައެއް ސްޓޭޓްތަކުން މިހާރު ދަނީ، މޯދީގެ ފޮޓޯފުޅުގެ ބަދަލުގައި، އެ ސްޓޭޓްތަކުގެ ޗީފް މިނިސްޓަރުންގެ ފޮޓޯތައް ބޭނުން ކުރަމުންނެވެ.

ބޮޑުވަޒީރު މޯދީ ކޮވިޑް ވެކްސިން ބޭނުން ކުރައްވަމުން ގެންދަވަނީ ޒާތީ މަޝްހޫރުކަން ހޯއްދެއްވުމަށް ކަމަށް، ކޮންގްރެސް ޕާޓީގެ އިސް ލީޑަރު، ޕްރިޔާންކާ ގާންދީވެސް ވަނީ ތުހުމަތު ކުރައްވާފައެވެ. ވެސްޓް ބެންގޯލްގެ ޗީފް މިނިސްޓަރު މަމާތާ ބެނާރްޖީ ވަނީ، މަރުގެ ސެޓްފިކެޓްތަކުގައިވެސް މޯދީގެ ފޮޓޯފުޅު ޖައްސަވަން ޖެހޭނެ ކަމަށް ވިދާޅުވެ، ހަޖޫ ޖައްސަވާފައެވެ.

"މިސާލަކަށް އަހަރެން މީ ތިބާގެ ސަޕޯޓަރެއް ނޫނޯ. އަހަރެން ތިބާއާ ގަޔާއެއް ނުވޭ، އެކަމަކުވެސް އަހަރެންނަށް މަޖުބޫރުވޭ އެބަ މި ގެންގުޅެން. ކީއްވެ؟ ކޮން މީހުންނަށް އޮތް މިނިވަންކަމެއް؟ ކޮވިޑް ސެޓްފިކެޓްތަކުގައި ފޮޓޯފުޅު ޖަހަން ތިބާ މަޖުބޫރު ކުރުވައިފި. ދެން މަރުގެ ސެޓްފިކެޓްތަކުގައިވެސް ޖައްސަވާ" ނޫސްވެރިންގެ ބައްދަލުވުމެއްގައި ބެނާރްޖީ ވިދާޅުވިއެވެ.

އިންޑިއާގެ ކޮވިޑް ވެކްސިން ސެޓްފިކެޓްގައި ބޮޑުވަޒީރު ނަރޭންދްރާ މޯދީގެ ފޮޓޯފުޅު ޖަހާފައި / ފޮޓޯ: ގެޓީ އިމޭޖަޒް

ކޮވިޑް ވެކްސިން ކާޑަކީ އަދުގެ ދުނިޔޭގައި ޕާސްޕޯޓެއްގެ ދަރަޖަ ލިބިފައި ވާ ފާހަކަށް ވާއިރު، މޯދީގެ ފޮޓޯފުޅުގެ ސަބަބުން ބޮޑެތި އޮޅުންތައްވެސް އަރަމުން ދާ ކަމަށް ހަބަރު ލިބެއެވެ. އިންޑިއާގެ އިމިގްރޭޝަންގައި މަސައްކަތް ކުރައްވާ ބައެއް އޮފިސަރުންނަކީ މޯދީގެ މޫނުފުޅަށް ފަރިތަ ބައެއް ނޫން ކަމުން، ބައެއް ދަތުރުވެރިންނަށް ފްރޯޑްގެ އިލްޒާމްވެސް އަމާޡު ކުރައްވާފައި އެބަ ހުއްޓެވެ.

ޕީޓާގެ އެންމެ ބޮޑު ކަންބޮޑުވުމަކީ، މިހާރު މިކަމާ ފިޔަވަޅެއް ނާޅައިފިނަމަ، ސްކޫލާއި މަތީ ތައުލީމު ނިންމާފައި ދޫކުރާ ސަނަދުތަކުގައިވެސް މޯދީގެ ފޮޓޯފުޅު ޖައްސަވަން ފައްޓަވާފާނެ ކަމުގެ ބިރު ކަމަށް އޭނާ ބުނެއެވެ.

ފޮޓޯއާއާއި ސެލްފީ ނެންގުވުމަށް މޯދީގެ ހިތްޕުޅުގައި ވާ ލޯތްބަކީ އެއްވެސް މީހަކަށް އޮޅިފައި އޮތް ކަމެއް ނޫނެވެ. މޯދީގެ ސަޕޯޓަރުން ބުނާ ގޮތުގައި ވެކްސިން ކާޑުތަކުގައި މޯދީފެ ފޮޓޯފުޅު ޖެއްސެވުމަކުން ގޯހެއް ނެތެވެ.