އިރާގުގެ ގިނަ ރައްޔިތުން ދެކޭ ގޮތުގައި ކޮލިން ޕަވަލް އަކީ، އެބައި މީހުންގެ ގައުމު ސުންނާފަތި ކޮށްލި ހަނގުރާމައަކީ ސާބިތު ހިފެނިވި ސަބަބުތަކަކަށްޓަކާ ކުރި ހަނގުރާމައެއް ކަމުގެ ހުއްޖަތް ދެއްކުމަށްޓަކާއި، 2003 ވަނަ އަހަރު، އދގެ ސާލަމަތީ މަޖިލީހުގައި ހެކި ބަސް ދެއްވި އެމެރިކާގެ އޮފިޝަލެވެ.

އެމެރިކާގެ ކުރީގެ ސެކްރެޓަރީ އޮފް ސްޓޭޓް، ކޮލިން ޕަވަލް، 84، ހޯމަ ދުވަހުގެ ވަގުތެއްގައި އަވަހާރަވީ ހަބަރު، މީޑިއާއަށް ތިލަވުމާއެކު އިރާގުގެ ރައްޔިތުންގެ ހިތްތަކުގައި މި ރޫހު އަނެއްކާވެސް އާލާވީ ފަދައެވެ. ގައުމުގެ އެތައް ދަރިންނެއް މަރާ، ގައުމު ހަލަބޮލިކޮށް ސުންނާފަތި ކޮށްލުމަށް ބުޝްގެ ސަރުކާރުން ހިންގި "ޖަރީމާ"ގައި ޒިންމާ އުފުލަން ޖެހޭ އެކަކީ ޕަވަލް ކަމަށް އިރާގުގެ ރައްޔިތުން ގަބޫލު ކުރެއެވެ.

އިރާގުގެ އިންސާނީ ވަސީލަތަށް ލިބުނު ފޫ ނުބެދޭ ވަރުގެ ގެއްލުމުގެ އެންމެ ބޮޑު އެއް ހިއްސާއަކީވެސް އދއަށް ޕަވަލް ދެއްވި ބަޔާން ކަމަށް އިރާގުގެ އެތައް ރައްޔިތުންނެއް ގަބޫލު ކުރެއެވެ.

އެމެރިކާގެ ކުރީގެ ސެކްރެޓަރީ އޮފް ސްޓޭޓް ކޮލިން ޕަވަލް އަކީ ބުޝްގެ ސަރުކާރުން އެމެރިކާ ހިފުމަށް ދޮގު ބަޔާން ދެއްވި އޮފިޝަލު ކަމަށް އިރާގުން ސިފަކުރޭ / ފޮޓޯ: ކޮލަމްބިއަން މިޒޫރީ

"އޭނާ ހެދީ ދޮގު. ދޮގު. އަދި ދޮގު" އުމުރުން 51 އަހަރުގެ ލިޔުންތެރިޔާ، އަދި 2 ދަރިންގެ މައެއްގެ ކަމަށް ވާ މަރްޔަމް (ފުރިހަމަ ނަމެއް ނޫން) ބުންޏެވެ. އޭނާގެ ފުރިހަމަ ނަން މީޑިއާއަށް ހާމަކޮށްފައި ނުވަނީ އޭނާގެ ދަރިއަކު، މިވަގުތުވެސް އެމެރިކާގައި ކިޔަވަމުން ދާތީއެވެ.

"ދޮގު ހެދީ އޭނާ (ޕަވަލް) އެކަމަކު، ނިމުން ނެތް ހަނގުރާމަތަކުގައި ބެދުނީ އަހަރަމެން" މަރްޔަމް އިތުރަށް ބުންޏެވެ.

1991 ވަނަ އަހަރު،މ އިރާގުގެ ލީޑަރު ސައްދާމު ހުސައިން، ކުވައިތު ހިފުމާއެކު، އެ ގައުމުން އިރާގު އަސްކަރިއްޔާ ބޭލުމަށްޓަކާ، އެމެރިކާގެ ޖޮއިންޓް ޗީފްސް އޮފް ސްޓާފްގެ ޗެއާމަންގެ ހައިސިއްޔަތުން ގަލްފް ހަނގުރާމައިގެ ކަންކަން އެމެރިކާއިން ބެލެހެއްޓެވީ ޕަވަލްއެވެ.

ނަމަވެސް، އިރާގުގެ ރައްޔިތުން ޕަވަލް ހަނދާން ހުންނަނީ، ސައްދާމް ހުސައިންއަކީ ގެއްލުންދެނިވި ހަތިޔާރު ގެންގުޅުއްވާ، ދުނިޔެއަށް ނުރައްކާ ލީޑަރެއްގެ ގޮތުގައި ތަމްސީލު ވާ ގޮތަށް، އދގައި ވާހަކަ ދެއްކެވި އޮފިޝަލެއްގެ ގޮތުގައެވެ.

ސަލާމަތީ މަޖިލީހުގެ ޗޭމްބަރުގައި ވާހަކަ ދައްކަވަމުން ޕަވަލް ވަނީ އިރާގުގައި ހުރި ހަތިޔާރާއި ގެއްލުނެދެނިވި ބަރު ހަތިޔާރުތަކުގެ ތަސްވީރުތައްވެސް އާންމު ކުރައްވާފައެވެ. އަދި އެމެރިކާގެ ޖާސޫސީ މަސައްކަތުން އެއްކޮށްފައި ވާ މައުލޫމާތުގެ ތަރުޖަމާތައްވެސް ޕަވަލް ވަނީ ހިއްސާ ކުރައްވާފައެވެ. މީގެ އިތުރުން ނުރައްކާތެރި އެންތުރެކްސް ވައިރަސްވެސް އިރާގުގައި ހުރި ކަމަށް ޕަވަލް ވަނީ ތުހުމަތު ކުރައްވާފައެވެ. ނަމަވެސް، އެކަން ސާބިތު ވާނެ އެއްވެސް ހެއްކެއް ފެނިފައި ނުވާއިރު، އދގައި ދެއްވި ތަގުރީރު ފަހުން ވެފައި ވަނީ، ޕަވަލްގެ ކެރިއަރުގައި ޖެހުނު ކަޅު ލައްގަނޑަކަށް ވެސް މެއެވެ.

ކުވައިތުން އިރާގު އަސްކަރިއްޔާ ބާލާފައިވަނީ ދުނިޔޭގެ ބާރުތަކުގެ ގުޅިފައިވާ ފައުޖުތަކުންވެސް ހަނގުރާމަ ކޮށްގެން/ފޮޓޯ: ގަލްފް ނިއުސް

"އިރާގުގައި އޭނާ ހިންގި ޖަރީމާތަކަށް އިންސާފުގެ ކުރިމައްޗަށް ހާޒިރު ނުކުރެވެނީސް އޭނާ (ޕަވަލް) މި ދުނިޔެ ދޫކުރި ކަމަށްޓަކާ އަހަރެން ހިތާމަ ކުރަން. އެކަމަކު، ﷲ ގެ ޙަޟްރަތުގައި އިންސާފުގެ ޝަރިއަތަށް އޭނާ ހާޒިރު ކުރެވޭނެކަން އަހަރެންނަށް ޔަގީން" އިރާގުގެ މަޝްހޫރު ނޫސްވެރިޔާ މުންތަޒިރު އަލް-ޒައީދީ ކުރި ޓްވީޓެއްގައި ބުނެފައި ވެއެވެ. އަލް-ޒައީދީއަކީ، އިރާގުގެ ވެރިރަށް ބަގުދާދުގައި 2008 ވަނަ އަހަރު ކުރިއަށް ގެންދިޔަ ނޫސްވެރިންގެ ބައްދަލުވުމެއްގައި، އެމެރިކާގެ އޭރުގެ ރައީސް ޖޯޖް ޑަބްލިއު ބުޝްގެ ހަށިކޮޅާ ދިމާއަށް ބޫޓު ކިބައެއް އެއްލި ނޫސްވެރިޔާއެވެ.

އެމެރިކާގެ ކުރީގެ ސެކްރެޓަރީ އޮފް ސްޓޭޓް ކޮލިން ޕަވަލް ވަނީ އިރާގުގައި އެންތުރެކްސް ވައިރަސް ހުރި ކަމަށް ތުހުމަތު ކުރައްވާފަ / ފޮޓޯ: ދިސް އޮސްޓްރޭލިއަން

2011 ވަނަ އަހަރު އަލްޖަޒީރާއާ ވާހަކަދައްވަމުން ހުދު ޕަވަލްވެސް ވަނީ އޭނާގެ ކުށަށް އިއުތިރާފްވެވަޑައިގެންފައެވެ. އެގޮތުން، އެމެރިކާއިން އިރާގު ހިފުމަށްޓަކާ، ހަގީގަތް އޮޅޭ ފަދަ ޖާސޫސީ މައުލޫމާތު ފޯރުކޮށްދެވުނީތީ އެކަމާ ހިތާމަ ކުރައްވާ ކަމަށް ވިދާޅުވިއެވެ. ޕަވަލް ވިދާޅުވީ، ޖާސޫސީ ޖަމާއަތުން ފާހަގަ ކޮށްފައި ވާ މަސްދަރުތަކަކީ ނުރަނގަޅު މަސްދަރުތަކެއް ކަމަށެވެ.

އިރާގުގެ ނޫސްވެރިއެއް ކަމަށް ވާ ސައިފް ސޮލާހް އަލް-ހިތީ ސިފަކުރާ ގޮތުގައި އިރާގަށް މިއަދުވެސް ކުރިމަތިލާން ޖެހިފައިވާ ހާލުގެ އެންމެ ބޮޑޫ އެއް އަސްލަކީ، ޕަވަލްގެ ބަޔާނެވެ.

އިރާގުގެ ލީޑަރު ސައްދާމް ހުސައިން (ކ)، ކުވައިތުގެ އަމީރާއެކު މަޝްވަރާތަކަށް ވަޑައިގަންނަވަނީ/ފޮޓޯ: ރޮއިޓާޒް

އެމެރިކާގެ ސަލާމަތީ ބާރުތަކުން ސައްދާމް ހުސައިން ހައްޔަރު ކުރީ ޑިސެމްބަރު 2003 ގައެވެ. އަދި އިރާގު ސަރުކާރުން ވަނީ ސައްދާމް ހުސައިން ދަންޖައްސާ އަވަހާރަކޮށްލާފައެވެ.

ނަމަވެސް އެމެރިކާގެ ލާއިންސާނީ އަނިޔާވެރި ކަމާ ދެކޮޅަށް އިރާގުގައި އުފެދުނު ހަރަކާތްތައް، ބޮޑު ހަނގުރާމައަކަށް ބަދަލުވެ، އިރާގުގެ އާންމުންގެ ތެރެއިން ގުނާ އަދަދު ނުކުރެވޭހާ މީހުންގެ ފުރާނަ މި ދުނިޔެއާއި ވަކިކޮށްލިއެވެ. ބުޝްގެ ސަރުކާރުން ލަފާ ކުރި މުއްދަތަށް ވުރެ ހަނގުރާމަ ދިގުލާ ގޮސް، ދުނިޔެ ދުށް އެންމެ ނުރައްކާތެރި ޓެރަރިސްޓް ޖަމާއަތް ކަމަށްވާ، އައިސިސްގެ ބާރު ގަދަވުމަށް މަގު ކޮށިގެން ދިޔައެވެ.

ކަން މިހެން އޮތް އިރު ގިނަ ބަޔަކު ދަނީ އިރާގަށް ޕަވަލް ދިން ގެއްލުމާ ގުޅިގެން ޕަވަލްއަށް ސީދާ އަދަބެއް ދެވިފައި ނުވާ ކަމާ މެދު ސުވާލު އުފައްދަމުންނެވެ. ނުބައި މައުލޫމާތެއް ދެވުނު ކަމާ މެދު ޕަވަލް ހިތާމަ ކުރެއްވި ތޯ ނުވަތަ ނޫންތޯ ބަލާކަށްވެސް އިރާގުގެ ރައްޔިތުން މިއަދަކު ބޭނުމެއް ނުވެއެވެ. އެ ކަމާ ހިތާމަ ކުރުމަކުން އިރާގަށް އޮތީ ކޮން ފައިދާއެއްތޯ އެ ރައްޔިތުން ދަނީ ސުވާލު ކުރަމުންނެވެ.