އިންޑިއާއަށް މިހާރު ކުރަމުން ދާ މޫސުމީ ގަދަ ވިއްސާރާގައި ކެރަލާ ސްޓޭޓުން މަރުވި މީހުންގެ އަދަދު 25 އަށް އަރާ، އިތުރު 2000 އަށް ވުރެ ގިނަ މީހުން ރައްކާތެރި ހިސާބުތަކަށް ބަދަލު ކޮށްފައި ވާ ކަމަށް ހަބަރު ލިބިއްޖެއެވެ.

މޫސުމީ ގަދަ ވިއްސާރައިގެ ސަބަބުން ފެންބޮޑުވުމާ، ބިންގަނޑު ކަނޑައިގެން ދިއުމުގެ ހިތާމަވެރި ހާދިސާތައް، ކެރަލާ ސްޓޭޓްގައި ހިނގާފައި ވާ ކަމަށް މައުލޫމާތު ލިބެއެވެ. މި ހާދިސާތަކުގައި، ގެތަކާއި ކާރުތަކާއި ބުރުޖިތައްވެސް އޮޔާ ގެންގޮސްފައި ވާ ކަމަށް ހަބަރު ލިބެއެވެ.

ކެރަލާ ސްޓޭޓްގެ ޑިޒާސްޓާ މެނޭޖްމަންޓް އޮތޯރިޓީއިން ބުނީ، މޫސުމީ ވިއްސާރައާ ގުޅިފައި ވާ ހާދިސާތަކުގައި، ފާއިތުވީ 1 ހަފުތާ ތެރޭގައި މަރުވި މީހުންގެ އަދަދު 35 އަށް އަރާފައި ވާ ކަމަށެވެ.

އިންޑިއާގެ ބޮޑުވަޒީރު ނަރޭންދްރާ މޯދޯ ވަނީ ވިއްސާރައާ ގުޅިގެން ހިނގި ހާދިސާތަކުގައި ފުރާނަ ގެއްލިދިޔަ މީހުންގެ އާއިލާތަކަށް ތައުޒިޔާ ދަންނަވާފައެވެ.

އިންޑިއާގެ މޫސުމާ ބެހޭ އިދާރާއާ ހަވާލާދީ، ބައިނަލްއަގުވާމީ މީޑިއާއިން ރިޕޯޓް ކޮށްފައި ވާ ގޮތުގައި އިންޑިއާއަށް މިހާރު ކުރަމުންދާ ގަދަ ވިއްސާރައަކީ، އިރުދެކުނު އަރަބި ކަނޑާ ކެރަލާ ސަރަހައްދުގައި އުފެދިފައިވާ ލޯ ޕްރެޝަރުގެ ސަބަބުން ކުރަމުންދާ ވިއްސާރައެވެ. ކުރިއަށް އޮތް ދެތިން ދުވަހަށް މި ވިއްސާރަގަނޑު ދެމިގެންދާނެ ކަމަށްވެސް ވަނީ ލަފާ ކޮށްފައެވެ.

މޫސުމާ ގުޅިފައިވާ ކާރިސާތަކާ އިންޑިއާއަށް ކުރިމަތިލާން ޖެހިފައި މި ވަނީ، ދުނިޔެއަށް ދިމާވެފައި ވާ މޫސުމީ މައްސަލަތަކަށް ހައްލު ހޯދުމަށް، ދުނިޔޭގެ އެންމެ އިސް ލީޑަރުން ބައިވެރިވެވަޑައިގަންނަވާ އދގެ މޫސުމީ ބަދަލުތަކާ ބެހޭ ބައްދަލުވުމަށް ވަގުތު ކުޑަތަންވެފައި ވާ ދަނޑިވަޅެއްގައެވެ.

ކަން މިހެން އޮތް އިރު، މޫސުމީ ނޭދެވޭ ބަދަލުތަކުގެ އެންމެ ބޮޑު އިންސައްތައެއް ހިއްސާ ކުރާ ޖައްވު ހޫނު ކުރާ ވިހަ ގޭސް ބޭރު ކުރުމުގައި ކުރީގައި އޮތް ގައުމެއް ކަންވެސް ފާހަގަ ކުރަން ޖެހެއެވެ. ވަކިން ހާއްސަކޮށް، ބޯޓުދެލި އެންދުމުގައި އިންޑިއާއަކީ ފާހަގަ ކުރަންޖެހޭ ނަމެކެވެ.