ކޮވިޑް-19އާ ގުޅިގެން ސައުދީގައި އަޅާފައިވާ ފިޔަވަޅުތަކަށް ބޮޑެތި ލުއިތަކެއް ދީ ދެ ހަރަމް ހުޅުވާލައިފިއެވެ.

މައްކާގެ މިނިސްޓްރީ އޮފް އިންޓީރިއާ އިން ނެރެފައިވާ ނޫސް ބަޔާނެއްގައި ބުނީ އާދިއްތަ ދުވަހުން ފެށިގެން ފުލް ކެޕޭސިޓީގައި އުމްރާ ވުމުގެ ކަންތައްތައް ކުރިޔަށް ގެންދެވޭނެ ކަމަށެވެ.

އެ މިނިސްޓްރީން ބުނެފައި ވަނީ މިސްކިތުގެ ބޭރުގައި މާސްކް ނާޅާ އުޅުމުގެ ހުއްދަ ދީފައި ވީ ނަމަވެސް ހަރަމްފުޅުގެ ތެރޭގައި އަދިވެސް މާސްކު އަޅަން ޖެހޭނެ ކަމަށެވެ. މީގެ އިތުރުން ހޮޓާ އަދި ރެސްޓޯރަންޓްތައް ވެސް ފުލް ކެޕޭސިޓީގައި ހިންގުމުގެ ހުއްދަ ދީފައިވާ ކަމަށެވެ.

އަދި އެތެރޭގެ ހާލަތައް ބެލުމަށް ފަހު ކުރިއަށް އޮތް ދުވަސްތަކުގައި ބަދަލުތައް އައުމަކީ ވެސް އެކަށީގެންވާ ކަމެއް ކަމަށް އެ މިނިސްޓްރީން ބުނެއެވެ. އެހެން ނަމަވެސް މި އުސޫލުތައް ބަދަލު ކުރުމަށް ހަމަޖެހިފައި ވަނީ ހަމައެކަނި ކޮވިޑް ފެތުރޭ ސަރަހައްދުތަކުގައި އެކަނި ކަމަށް އެ މިނިސްޓްރީން މައުލޫމާތު ދެއެވެ.

ސައުދީން ދީފައިވާ ލުއިތަކާއެކު ވެކްސިން ފުރިހަމަ ކޮށްފައިވާ މީހުންނަށް އެގައުމުގެ ހުރިހާ މިސްކިތެއްގައި ވެސް ނަމާދު ކުރެވޭނެއެވެ. މި ލުއިތަކާއެކު ބޮޑެތި ހަފްލާތައް ބޭއްވުމުގެ ހުއްދަ ވެސް ވަނީ ދީފައެވެ.

ކޮވިޑާ ގުޅިގެން މި އަހަރުގެ ހައްޖުގެ އަޅުކަން އަދާކުރުމުގެ ފުރުސަތު ދީފައި ވަނީ ސައުދީގައި ދިރިއުޅޭ 60،000 މީހުންނަށެވެ. ވަކި އުސޫލުތަކެއްގެ ދަށުން މި ފުރުސަތު ދީފައި ވާއިރު މި ލުއިތަކާއެކު އަންނަ އަހަރުގެ ހައްޖުގެ އަޅުކަން އާންމު ހާލަތުގައި ކުރުމަކީ އެކަށިގެންވާ ކަމެއް ކަމަށް ބޭރުގެ މީޑިއާތައް ބުނެއެވެ.