ކޮވިޑް ބަލިމަޑުން ރައްކާތެރި ވުމަށް ކުރިއަށް ގެންދާ ކޮވިޑް ވެކްސިން ޖެހުމުގެ ޕްރޮގްރާމްގެ ދަށުން ހުޅުމާލެ ސެންޓަރުތައް ކުރިއަށް އޮތް 2 ދުވަހު ބަންދުވާނެ ކަމަށް ހެލްތް ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ)އިން ބުނެފިއެވެ.

އެޗްޕީއޭއިން ބުނީ މި މަހުގެ 16 އިން ފެށިގެން 18 އާއި ދެމެދު ހުޅުމާލެ ވެކްސިން ސެންޓަރު ބަންދު ވާނެ ކަމަށެވެ. ހުޅުމާލެގައި ހަމައެކަނި ވެކްސިން ޖަހައިދޭ ސެންޓަރަކީ ހުޅުމާލެ ހޮސްޕިޓަލެވެ..

ހުޅުމާލެ ވެކްސިން ސެންޓަރު މާދަމާއިން ފެށިގެން ދެ ދުވަހަށް ބަންދު ކުރި ނަމަވެސް ސީދާ ވެކްސިން ޖެހުން މެދުކަނޑާލާ ސަބަބެއް އެޗްޕީއޭއިން ހާމައެއް ނުކުރެއެވެ.

މާލެ ސަރަހައްދުގެ ބައެއް ވެކްސިން ސެންޓަރުތަކުން ވެކްސިން ޖެހެނީ ހަމައެކަނި އެޕޮއިންޓްމެންޓްގެ އުސޫލުންނެވެ.

މާލެ ސަރަހައްދުގައި މިހާރުވެސް 3 ވައްތަރެއްގެ ވެކްސިން ޖަހަމުން އަންނައިރު، ސިނޮފާމް ވެކްސިން ޖަހަމުން އަންނަނީ އެންމެ ސެންޓަރަކުންނެވެ. އެއީ ސެނަހިޔާ ހޮސްޕަލްގައެވެ. އެސްޓްރަޒެނެކާ ވެކްސިން މާލެ ސަރަހައްދުގެ 5 ސެންޓަރަކުން އަންނަނީ ޖަހައިދެމުންނެވެ. އެއީ ދަމަނަވެށި، ހުޅުމާލެ ހޮސްޕިޓަލް، އައިޖީއެމްއެޗާއި ސެނަހިޔާ އަދި ވިލިމާލެ ވެކްސިން ސެންޓަރެވެ.

މީގެ އިތުރުން، ފައިޒާ ވެކްސިން ޖަހަމުން އަންނަނީ އޭޑީކޭއާއި ހުޅުމާލެ ހޮސްޕިޓަލްގެ އިތުރުން އައިޖީއެމްއެޗުންނެވެ.