ބޮލީވުޑްގެ މަޝްހޫރު ލަވަކިޔުންތެރިޔާ ޝާންގެ އާ ފިލްމެއް ވަރަށް އަވަހަށް ފެނިގެންދާނެ ކަން ހާމަކޮށްފިއެވެ.

މިކަން ޝާންވެސް މީޑިއާއަށް ކަށަވަރު ކޮށްދީފައި ވާއިރު ޔާމިނީ ފިލްމްސްއިން ޕްރޮޑިއުސްކޮށް ޕާޕާ ރާއޯ ބިޔާލާ ލިޔެ ޑައިރެކްޓްކުރުމަށް ހަމަޖެހިފައިވާ ފިލްމުގެ ނަމަކީ "މިއުޒިކް ސްކޫލް" އެވެ.

ތައުލީމުގެ ތެރެއިން އާޓްގެ ދާއިރާއަށް މީހުން ބިނާކުރުމަށް ހިތްވަރު ދޭގޮތް ދައްކުވައިދިނުމަށް ހަމަޖެހިފައިވާ މި ފިލްމާ ގުޅިގެން ޝާން ބުނެފައިވަނީ މި ފިލްމާގުޅިގެން ލަވަކިޔުންތެރިއެއް އަދި ކާސްޓެއްގެ ހައިސިއްޔަތުން ވަރަށް ބޮޑެތި އުއްމީދުތަކެއް އެބަހުރި ކަމަށެވެ.

ޝާން ބުނީ މިއަށް ވުރެ ވަކި ރަނގަޅު ރޯލެއް އޭނާއަށް ނުލިބޭނެ ކަމަށާ، މިފަދަ ފިލްމެއްގައި އޭނާ ބައިވެރިކުރުމަށް ނިންމީތީ ޕާޕާ ރާއޯ ބިޔާލާއަށް ވަރަށް ބޮޑަށް ޝުކުރުއަދާކުރާ ކަމަށެވެ.

މި ފިލްމުގައި ޖުމްލަ 12 ލަވަ ހިމެނޭއިރު މިއީ ހާއްސަ ފިލްމަކަށް ވެގެންދާނެ ކަމަށް ޕާޕާ ރާއޯ ބުނެއެވެ. އަދި ޝާންގެ ލަވަކިއުމުގައި ހުރި އަސަރާ އޭނާގެ އެކްޓިންއަށް ޝައުގުވެރިވީ ވަރުން ޝާންއަށް މި ރޯލު ކުޅެވޭނެ ކަމާމެދު އެއްވެސް ޝައްކެއް ނުކުރާ ކަމަށް ރާއޯ ވަނީ ބުނެފައެވެ.

ޝާންގެ އިތުރުން މި ފިލްމުން ޝަރްމަން ޖޯޝީ، ގްރޭސީ ގޯސްވާމީ، ސުހާސިނީ މުލާއީ ވެސް ފެނިގެންދާނެއެވެ. މީގެ އިތުރުވެސް އިތުރު ތަރިންތަކެއް ފެނުމަށް ހަމަޖެހިފައިވާ މިފިލްމަކީ 2014 ވަނަ އަހަރު ނެރުން ”ބަލްވިންދަރް ސިންގް ފޭމަސް ހޯ ގަޔާ“އަށް ފަހު ޝާން ބޮޑު ރޯލަކުން ފެނިގެންދާނެ ފުރަތަމަ ފިލްމެވެ.