ޒީޓީވީގެ ސީރީޒަކުން ބެލުންތެރިންގެ މެދުގައި މަޝްހޫރުވެގެން ދިޔަ އެއިޝާ ސިންގް އަދި ކަލާޒް ގެ ދެ ސީރީޒަކުން ފެނިގެން ގޮސްފައިވާ ވިވިއަން ޑިސޭނާ އެކުގައި ފެނިގެން ދާ އާ ސީރީޒް "ސިރްފް ތުމް"ގެ ފުރަތަމަ ޕްރޮމޯ ދައްކާލައިފިއެވެ.

ސުހާނީ އަދި ރަންވީރްގެ ގޮތުގައި ބެލުންތެރިންނަށް މިދެތަރިން ފެނިގެން ދާއިރު ވިވިއަންގެ ކެރެކްޓާއަކީ "ކަބީރް ސިންގް"ގައި ޝާހިދު ކަޕޫރުގެ ކެރެކްޓާ ގެނަސްދީފައިވާ ފަދަ ގޮތަކަށް ގެނަސްދިނުމަށް ހަމަޖެހިފައިވާ ކެރެކްޓާއެކެވެ.

ރުންކުރު އަދި ރުޅިގަދަ މި ކެރެކްޓާއަކީ އަލިފާން ކަމަށް ސިފަކޮށް ސުހާނީގެ ކެރެކްޓާ ނޫސްތަކުގައި ސިފަ ކޮށްފައި ވަނީ ފެން ފަދައިން ހިމޭން އަދި މަޑުމައިތިރި ކެރެކްޓާއެއްގެ ގޮތުގައެވެ.

ބައެއް ނޫސްތަކުގައި ބުނެފައިވަނީ މި ސިލްސިލާ ޑްރާމާ ގެނަސްދިނުމަށް ހަމަޖެހިފައިވަނީ ކަލާޒްއިން މިހާރު ގެނެސްދެމުން އަންނަ "ބަރިސްތަރު ބާބޫ" ނިންމައިލުމަށް ފަހު އޭގެ ބަދަލުގައި ކަމަށެވެ.

ރޮމޭންޓިކް މި ޑްރާމާ ސީރީޒާ ގުޅިގެން ގިނަ ބައެއް ހިޔާލު ފާޅުކުރަމުންދާއިރު ބައެއް މީހުން ވަނީ އެއިޝާ އަދި ވިވިއަންގެ ޖޯޑު ވަރަށް ގުޅޭ ކަމަށް ބުނެފައެވެ.

ހާއްސަކޮށް ވިވިއަންގެ ފޭނުން ވަނީ އޭނާ މިފަދަ ރޯލަކުން ފެނިގެން ދާ ހަބަރާއެކު ސީރީޒް ބަލާލުމަށް ކެތްމަދުވެފައިވާ ކަމަށް ބުނެ މީޑިއާގައި ޝުއޫރު ފާޅު ކޮށްފައެވެ. އަދި ދެ އަހަރު ދުވަހުގެ މެދުކެނޑުމަކަށް ފަހު އޭނާ ޓީވީ ސްކީރުން ފެންނާނެތީ އުފާވާކަމަށް ބުނެފައިވެއެވެ.

ވިވިއަން އެންމެ ފަހުން ފެނިގެން ގޮސްފައިވަނީ ކަލާޒްގެ ސިލްސިލާ ޑްރާމާ "ޝަކްތީ"އިންނެވެ.