މަނީ ލޯންޑަރިންގެ މައްސަލައަކާ ގުޅިގެން ބޮލީވުޑްގެ މަޝްހޫރު ދެ ތަރިން ކަމަށްވާ ޖެކޮލިން ފެނާންޑޭޒް އަދި ނޯރާ ފަތޭހީއާ ސުވާލު ކުރުމަށް ޗިޓު ފޮނުވާފައިވާ ކަމަށް އިންޑިއާގެ މީޑިއާ ރިޕޯޓުތައް ބުނެފިއެވެ.
މަކަރާއި ހީލަތުން އޮޅުވާލައިގެން މީހުން އަތުން ފައިސާ ނެގި ކަމުގެ ތުހުމަތުގައި ހައްޔަރުކޮށްފައިވާ ސުކޭޝް ޗަންދްރަޝެކަރް މީހެއްގެ އަތުން 200 ކަރޯޑް ފޭރުނު މައްސަލައާ ގުޅިގެން ކުރިޔަށް ގެންދާ މި ތަހުގީގަށް ބޭނުންވާ މައުލޫމާތު ދިނުމަށް ހާޒިރުވުމަށް ނޯރާއަށް އަންގާފައިވަނީ ބުރާސްފަތި ދުވަހުގެ ވަގުތެއްގައެވެ.
މި މައްސަލައާ ގުޅިގެން ސުވާލު ކުރުމަށް ޖެކޮލިން ހާޒިރުވުމަށް އަންގާފައިވަނީ ހުކުރު ދުވަހުގެ ވަގުތެއްގައެވެ. މީގެ ކުރިންވެސް މިފަދަ މައްސަލައެއްގައި ހާޒިރު ކޮށް ސުވާލު ކޮށްފައިވާއިރު އެފަހަރު ވެސް އޭނާ ގެންގޮސްފައި ވަނީ ހަމަ މަނީ ލޯންޑަރިންގެ މައްސަލައެއްގައެވެ.
އެފަހަރު އޭނާ ގެންގޮސްފައި ވަނީ ސީދާ ކޮން މައްސަލައެއްގައިކަން ކަށަވަރުވެފައި ނުވާއިރު އެފަހަރު ޖެކޮލިން ގެންގޮސްފައިވަނީ މައްސަލައާ ގުޅިގެން ހެކިބަސް ނެގުމަށް ކަމަށް އިންޑިއާގެ ނޫސްތަކުން ވަނީ ބުނެފައެވެ.
މިފަދަ މައްސަލައެއްގައި ބޮލީވުޑްގެ ދެ ތަރިއަކާ ސުވާލު ކުރުމަށް ނިންމާފައިވާ ވާހަކައިގެ އަޑުގަދަވެފައި ވާއިރު ދާދި ފަހުން ބޮލީވުޑްގެ މަޝްހޫރު ފިލްމީތަރި ޝާހްރުކް ހާންގެ ފިރިހެން ދަރިފުޅު އާރްޔާން ހާން ހައްޔަރު ކުރުމުން ގިނަ ބަޔަކަށް ވަނީ ބޮޑު ޝޮކެއް ލިބިގެން ގޮސްފައެވެ.