މިއަދު އދ ދަނގެތީގައި މަރާލާފައި އޮއްވާ މީހަކު ފެނުނު މައްސަލަ ތަހުގީގު ކުރުމަށް ސީރިއަސް އެންޑް އޯގަނައިޒަޑް ކްރައިމް ޑިޕާޓްމަންޓެ އޮފިސަރުން އެ ރަށަށް ފުރައިފިއެވެ.
ފުލުހުން ބުނީ، މިއަދު ހަވީރު ގޯންޏަކަށް ލައި ވަޅެއްގެ ތެރެއަށް ފައްތާފައި އޮތް އެރަށު ރައްޔިތެއް ކަމަށް ވާ އުމުރުން 57 އަހަރުގެ މަހްމޫދު އަބޫބަކުރުގެ މަރުގެ މައްސަލަ ތަހުގީގު ކުރުމަށް އދ. ދަނގެއްޗަށް ސީރިއަސް ކްރައިމް ޑިޕާޓްމަންޓްގެ އޮފިސަރުން ފުރާފައިވާ ކަމަށެވެ. މި މައްސަލަ ވަރަށް ސީރިއަސް މައްސަލައެއްގެ ގޮތުގައި ތަހުގީގު ކުރާނެ ކަމަށާއި އަދި އިހާނެތިގޮތަކަށް މަހްމޫދު މަރާލުމުގައި ބައިވެރިވި މީހުން ހޯދުމަށް މަސައްކަތް ކުރާނެ ކަމަށް ފުލުހުން ބުނެއެވެ.
'ދަ ޕްރެސް' އަށް މިއަދު މައުލޫމާތު ދެއްވަމުން އެ ރަށު ކައުންސިލްގެ ރައީސް މުއާވިޔަތު ރަޝީދު ވިދާޅުވެފައި ވަނީ މަހްމޫދަކީ އެރަށުގެ ވިޔަފާރި ވެރިއެއް ކަމަށާއި އޭނާ ގެއްލިގެން އާއިލާއިން ރޭގެ ވަގުތެއްގައި އަންގާފައިވާ ކަމަށެވެ. އަދި މިއަދު ހަވީރު އޭނާގެ ހަށިގަނޑު ފެނިފައި ވަނީ ފަޅު ގެއެއްގެ ތެރޭގައި ހުރި ފެން ވަޅެއްގެ ތެރެއިން ކަމަށެވެ.
މަހްމޫދުގެ ހަށިގަނޑު ފެނުނު އިރު އޮތީ އޭނާ ގޯންޏެއްގެ ތެރެއަށް ލައި ވަޅު ތެރޭ އެކޮޅުކޮޅުން އެލުވާފައެވެ. މަހްމޫދު ފެނުނު އިރު އޭނާގެ އެއްވެސް ހަރަކާތެއް ނެތެވެ. ފުލުހުން ގޮސް އޭނާގެ ހަށިގަނޑު ނަގައިގެން އެ ރަށު ސިއްހީ މަރުކަޒަށް ގެންިދޔަ އިރު ވެސް އޭނާ ވަނީ މަރުވެފައި ކަމަށް ފުލުހުން ބުނެއެވެ.
މި މަރާ ގުޅިގެން އެރަށުގައި މަސްރަހު ގޯސްވެފައި ވާއިރު ހިނގި ހަމަނުޖެހުމެއްގައި މީހަކަށް ހަމަލާ ދޭން އުޅެނީ އެމީހާ ވަނީ ރައްޔިތުންގެ ތެރެއިން ބަޔަކުވެގެން ފުލުހުންނާ ހަވާލުކޮށްފައެވެ.
މަހްމޫދު މަރުވި އިރު އޭނާގެ ހަތަރު ދަރިން އެބް ތިއްބެވެ. އޭނާގެ މަރުގެ ހަބަރާއެކު އަނހެނުންނާއި ދަރިންނަށް ވަނީ ވަރަށް ބޮޑު ޝޮކެއް ލިބިފައެވެ. އަދި އެމީހުންނަށް ދަނީ އެ ރަށު ސިއްހީ މަރުކަޒުގައި ފަރުވާ ދެމުންނެވެ.