މި ދުވަސްވަރު މާލެ ސަރަހައްދުން އަރިދަފުސް ރޯގާ އާއި އިންފްލުއެންޒާ ޖެހޭ މިންވަރު އިތުރުވަމުން ދާތީ ސަމާލުވުމަށް ހެލްތް ޕްރޮޓެކްޝަން އެޖެންސީން އިލްތިމާސްކޮށްފިއެވެ.

އެޗްޕީއޭ އިން ބުނީ، އެ އެޖެންސީގެ ތަފާސްހިސާބުތައް ދައްކާ ގޮތުގައި މި މަހުގެ ތެރޭގައި އަރިދަފުސް ރޯގާ ޖެހިގެން 11008 ކޭސް ވަނީ ރިޕޯޓްކޮށްފައި ވާ ކަމަށާއި އިންފްލުއެންޒާ އަށް މި މަހު ޓެސްޓް ކުރި 432 ސާމްޕަލްގެ ތެރެއިން 192 ސާމްޕަލް ޕޮޒިޓިވް ވެފައިވާ ކަމަށެވެ. މިއާއެކު މިއަހަރުގެ މިހާތަނަށް އިންފްލުއެންޒާ އަށް ޓެސްޓު ކުރެވުނު 1198 ސާމްޕަލުގެ ތެރެއިން 365 ސާމްޕަލް ވަނީ ޕޮޒިޓިވްވެފައި ކަމަށް އެޗްޕީއޭ އިން ބުނެއެވެ.

އެހެންކަމުން އިންފްލުއެންޒާ އާއި އަރިދަފުސް ރޯގާ އިތުރުވަމުން އަންނަކަން ފާހަގަ ވާތީ، މިފަދަ ބަލިތަކުން ރައްކާތެރިވުމަށްޓަކައި މި ދުވަސްވަރު ހާއްސަ ސަމާލު ކަމެއް ދިނުމަށް އެ އެޖްނސީން ބުނެއެވެ.

ކޮވިޑް ބަލިމަޑުކަމެކޭ އެއްފަދައިން އަރިދަފުސް ރޯގާ އަދި އިންފްލުއެންޒާ އަކީ ވެސް ނޭވާލާ ނިޒާމުގެ ތެރެއިން ފެތުރޭ ބައްޔެއް ކަމުން، ކޮވިޑުން ރައްކާތެރިވުމަށް އަޅަމުންދާ ފިޔަވަޅުތައް ކުރިއަށް ގެންދިއުމަށް ސަމާލުކަން ދިނުން މުހިއްމު ކަމަށް އެޗްޕީއޭއިން ބުނެއެވެ.

އަރިދަފުސް ރޯގާއިން ރައްކާތެރިވުމަށް އެޅުން މުހިއްމު ފިޔަވަޅުތައް:

  • 5 އަހަރުން ދަށުގެ ކުދިންނާއި، 65 އަހަރުން މަތީގެ މީހުންނާއި، ދިގުމުއްދަތަށް ފަރުވާ ދޭންޖެހޭ ފަދަ ބައްޔެއް ޖެހިފައިވާ މީހުންނާއި، މާބަނޑުމީހުން، ދިފާއީ ނިޒާމު ބަލިކަށި މީހުން، އަރިދަފުސް ރޯގާ، ހުން އަދި ކެއްސުން ފަދަ އަލާމާތެއް ފެނިއްޖެ ނަމަ ލަސް ނުކޮށް ސިއްހީ ފަރުވާ ހޯދުން
  • އަރިސަފުސް ރޯގާ، ހުން އަދި ކެއްސުން ފަދަ އަލާމާތެއް ހުރިނަމަ ހޮސްޕިޓަލްގެ އާއްމު އޯޕީޑީއަށް ނުގޮސް ފްލޫ ކްލިނިކަށް ދިއުން
  • އަރިދަފުސް ރޯގާގެ އެއްވެސް އަލާމާތެއް ހުރި ނަމަ ވީހާވެސް އަވަހަށް ކޮވިޑަށް ޓެސްޓް ކުރުން
  • އާއްމު ތަންތަނުގައި އަބަދުވެސް މާސްކް އެޅުމުގެ ގައިޑްލައިންގައިވާ ގޮތަށް ރަނގަޅަށް މާސްކް އަޅައިގެން އުޅުން.
  • އަރިދަފުސް ރޯގާގެ އަލާމާތެއް ހުރިނަމަ ގޭތެރޭގައި ވެސް މާސްކް އަޅައިގެން އުޅުން. ހާއްސަކޮށް ގޭގައި ކުޑަކުދިން ނުވަތަ އުމުރުން ދުވަސްވީ މީހުން ނުވަތަ ދިފާއީ ނިޒާމު ބަލިކަށި މީހުންނާ ދުރުގައި އުޅުމާއި، ގިނަގިނައިން ސައިބޯނި ލައިގެން އަތްދޮވުން އަދި މާސްކް އަޅައިގެން ނޫނީ އެމީހުންނާ ގާތް ނުވުން.
  • ރޯގާގެ އެއްވެސް އަލާމާތެއް ހުރިނަމަ، އޮފީސް އަދި ސްކޫލް ފަދަ ތަންތަނަށް ނުގޮސް ގޭގައި މަޑުކުރުން، އަދި ކޮވިޑް-19 އަށް ނެގެޓިވްވީ ކަމުގައި ވިޔަސް، ރޯގާގެ އަލާމާތްތައް ރަނގަޅުވަންދެން ގޭގައި މަޑުކުރުން
  • ރޯގާގެ އެއްވެސް އަލާމާތެއް ހުރި ނަމަ، މީހުން އެއްވެ އުޅޭ ތަންތަނަށް ނުދިއުން، ހާއްސަކޮށް ކުޑަކުދިންނާއި ބަލި މީހުން ކައިރިޔަށް ނުދިއުން
  • އެޗްޕީއޭ އިން މީގެ އިތުރުން ބުނީ، ބަލި ޖެހުމުން، ނުރައްކާ ވުމުގެ ފުރުސަތު ބޮޑު މީހުން، އިންފުލުއެންޒާ ވެކްސިން ޖެހުމަކީ މުހިއްމު ކަމެއް ކަމަށެވެ. އަދި ކޮވިޑް 19 ގެ ވެކްސިން ނުޖަހާ ނަމަ، ކޮވިޑް 19ވެކްސިން ޖެހުމަށް ވެސް އެޗްޕީއޭއިން އިލްތިމާސް ކުރެއެވެ.

ބަލިވެގެން ޑޮކްޓަރަށް ދައްކާއިރު ބަލިމީހާ އާ އެކު ވީހާވެސް މަދުމީހުން ދިއުމަށާއި އަދި ބަލިމީހުންނަށް ޒިޔާރަތް ކުރުމަށް ކުޑަކުދިންނާއި އުމުރުން ދުވަސްވީ މީހުންނާއި މާބަނޑު މީހުން ނުދިއުމަށް އެޗްޕީއޭ އިން ލަފާދެއެެވެ. ކޮންމެހެން ހޮސްޕިޓަލަށް ދާންޖެހޭ ހާލަތެއްގައި މެނުވީ ހޮސްޕިޓަލަށް ނުދިއުމަށް އެ އެޖެންސީން ބުނެއެވެ.