ކޮވިޑް19 ބަލީގައި އިތުރު 2 މީހުން މަރުވެއްޖެއެވެ.

މި ބަލީގައި އިތުރު ދެމީހަކު މަރުވެފައިވަނީ ރޭ ކަމަށެވެ. ހެލްތް ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން ބުނީ، ރޭ ފުރަތަމަ މަރުވެފައި ވަނީ އުމުރުން 81 އަހަރުގެ ދިވެހި އަންހެނެއް ކަމަށެވެ. އެމީހާ މަރުވެފައި ވަނީ ރޭ 9:20 ހާއިރު ކަމަށް އެޗްޕީއޭ އިން ބުނެއެވެ.

މި މީހާ މަރުވެފައިވަނީ ތިނަދޫ ޑރ. އަބްދުއް ސަމަދު މެމޯރިއަލް ހޮސްޕިޓަލްގައި ފަރުވާ ދެމުން ދަނިކޮށެވެ.

މި ބަލީގައި ރޭ ދެން މަރުވީ އައްޑޫ މެޑިކަލް ފެސިލިޓީގައި ފަރުވާ ދެމުން ދިޔަ 87 އަހަރު ދިވެެހި ފިރިހެނެއް ކަމަށް އެޗްޕީއޭއިން ބުނެއެވެ. އަދި އެ މީހާ މަރުވެފައިވަނީ ރޭ ދަންވަރު 1:31 ހާއިރު ކަމަށްވެސް އެޗްޕީއޭއިން ބުނެއެވެ.

މީ ކޮވިޑް ބަލީގައި މި މަހު މަރުވި 5 ވަނަ މީހާއެވެ. އަދި ރާއްޖެއިން ކޮވިޑް ޖެހިގެން މަރުވި މީހުންގެ އަދަދު މިވަނީ 237 އަރާފައެވެ.