ތިބާގެ ހަޔާތުގެ ބައިވެރިޔާ ކަމުގައި ހިޔާރު ކޮށްފައި ވާ ފިރިމީހާއާ އެއްވަރުގެ އާމްދަނީއެއް، ހުދު ތިބާއަށްވެސް އެބަ ލިބޭ ހެއްޔެވެ؟

ދުނިޔޭގެ ފެންވަރުގައި ދާދި ފަހުން ކުރިއަށް ގެންދިޔަ ދިރާސާއެއްގެ ނަތީޖާއަށް ބަލާއިރު، ދެމަފިރިންގެ މެދުގައި އާމްދަނީގެ ހަމަހަމަކަމެއް ނެތެވެ.

ގޭބީސީއަށް އާމްދަނީ ވައްދާ މީހުންގެ މެދުގައި ވާ ޖިންސުގެ ފަރަގާ ބެހޭ ގޮތުން ދުނިޔޭގެ ފެންވަރުގައި މިހާތަނަށް ހެދި ފުރަތަމަ ދިރާސާއަށް މައުލޫމާތު އެއްކޮށްފައި ވަނީ 45 ގައުމަކުންނެވެ. އެއީ 1973 އިން 2016 ގެ ނިޔަލަށް ހުރި މައުލޫމާތުގެ މައްޗަށް ބިނާކޮށް ތައްޔާރު ކުރި ދިރާސާއެކެވެ.

ދިރާސާ ކުރުމުގައި އިސްކޮށް ހަރަކާތްތެރިވި އިންޑިއަން އިންސްޓިޓިއުޓް އޮފް މެނޭޖްމަންޓް އިން ބެންގަލޯގެ ސެންޓާ ފޮ ޕަބްލިކް ޕޮލިސީގެ ރިސާޗަރުން ކަމަށް ވާ ޕްރޮފެސާ ހެމާ ސްވާމިނޭތަންއާއި ޕްރޮފެސާ ދީޕަކް މަލްގާން ވަނީ، އުމުރުން 18 އަހަރާއި 65 އަހަރާ ދެމެދު ދެމަފިރިން ދިރިއުޅެމުން ދިޔަ 2.85 މިލިއަން ގޭބިސީއަކުް މައުލޫމާތު އެއްކޮށްފައެވެ.

ޕްރޮފެސާ ސްވާމިނޭތަން ވިދާޅުވީ، ގޭބިސީތަކަކީ އެކަކު އަނެކަކަށް ލިބޭ އާމްދަނީ އެއްކޮށްގެން ދިރިއުޅުމުގެ ހަރަދުތައް ބަލަހައްޓަމުން އަންނަ ތަނެއް ކަމަށާ، ނަމަވެސް، ޖިންސުގެ ފަރަގުތަކެއް އުޅޭ ކަމަށެވެ.

އެންމެ ފަހުގެ ހޯދުންތަކުން ދައްކާ ގޮތުގައި ކޮންމެ ދެމަފިރިއެއްގެ ޖޯޑުގައި ހިމެނޭ ކޮންމެ މީހަކީވެސް ވަޒީފާ އަދާ ކުރާ މީހެކެވެ. އެންމެ މުއްސަނދި ގައުމުތަކަށް ބެލި ކަމުގައި ވީ ނަމަވެސް، ފިރިންނަށް ވުރެ ގިނައިން، އަނބިންނަށް އާމްދަނީ ލިބޭ ހަމަ އެންމެ ގައުމެއްވެސް ނެތް ކަމަށް ޕްރޮފެސާ މަލްގާން ވަނީ ވިދާޅުވެފައެވެ.

ވަޒީފާއާއި މަސައްކަތުގެ ތާރީހަށް ބެލި ކަމުގައި ވީ ނަމަވެސް، އަންހެނުންނަކީ ފިރިހެނުންނަށް ވުރެ މަދުން އާންމްދަނީ ލިބެމުން އައި ބައެކެވެ. އެއް މަސައްކަތެއް ކުރާ 2 ޖިންސުގެ 2 މީހުންގެ އާމްދަނީގައި ފަރަގު ހުރުމުގެ މައްސަލަ، މުޅި ދުނިޔއަށް އާންމެނެވެ. މީގެ އިތުރުން، ކަނޑައެޅިގެން ވަކި އާމްދަނީއެއް ނުލިބޭ ގޭތެރެ ބެލެހެއްޓުމާއި ދަރިން ބެލުމުގެ ބޮޑު ޒިންމާއެއްވެސް ކޮނޑު އަޅައިގެން އުޅެނީ އަންހެނުންނެވެ.

މަސައްކަތްތެރިންނާ ބެހޭ ބައިނަލްއަގުވާމީ ޖަމިއްޔާ (އައިއެލްއޯ) ބުނާ ގޮތުގައި، 2018 ވަނަ އަހަރު، ދުނިޔޭގެ އެކި ކަންކޮޅުތަކުން އަންހެނުން ވަނީ އާމްދަނީއެއް ނުލިބޭ ގޭދެތެރޭ ބެލެހެއްޓުން ފަދަ މަސައްކަތްތަކުގައި ގިނަ ވަގުތުތަކެއް ހޭދަ ކޮށްފައެވެ. މިފަދަ މަސައްކަތްތަކުގައި އަންހެނުންގެ 76.2 ޕަސެންޓް ހިއްސާ އޮތް ކަމަށް އައިއެލްއޯގެ ރެކޯޑްތަކުން ދައްކައެވެ. މިއީ ފިރިހެނުންނަށް ވުރެ 3 ގުނަ އިތުރު އަދަދެކެވެ. އޭޝިއާ އަދި ޕެސިފިކް ގައުމުތަކަށް ވަކިން ބަލާނަމަ، މި އަދަދު، 80 ޕަސެންޓަށް އިތުރު ވެއެވެ.