މަޝްހޫރު ފިލްމީ ތަރި އަދި ޑައިރެކްޓަރު އަހްމަދު ނިމާލްގެ ފޭސްބުކް އެކައުންޓް ހެކް ކޮށްފައިވާ ކަމަށް އޭނާ ބުނެފިއެވެ.

ނިމާލް ބުނީ، ފޭސްބުކްގައި ނިމާލް ބޭނުން ކުރާ އެކައުންޓް ހެކްކޮށްފައިވާ ކަމަށާއި އެ އެކައުންޓްގައި އޭނާގެ ފްރެންޑް ލިސްޓުގައި ތިބޭ މީހުން ގާތު ފައިސާ ފޮނުވަން ހެކަރުން ބުނެފައިވާ ކަމަށެވެ. ނިމާލް އަށް މިކަން އެނގުނީ އޭނާއަށް ބައެއް މީހުން ގުޅާފައި އެ ވާހަކަ ހިއްސާ ކުރުމުން ކަމަށް ބުންޏެވެ.

ބައެއް މީހުން ނިމާލަށް ގުޅާފައި ވަނީ އެފްބީ އެކައުންޓުން ފައިސާ ހޯދުމަށް ދައްކާފައިވާ ވާހަކައިން އެއީ ނިމާލް ނޫން ކަން ޝައްކު ކުރެވުމުން ކަމަށް ނިމާލް ބުނެއެވެ. އެ ގޮތުން އޭނާގެ އެފްބީ އައިޑީ ހެކް ކޮށްގެން މެސެޖް ކުރި ބައެއް މީހުން ވަނީ 600 ރުފިޔާ ދިނުވުމަށް އެދިފައި ކަަމަށް ނިމާލް ބުނެއެވެ.

ސޯޝަލް މިޑިއާގެ އެންމެ ގިނަ މީހުން ބޭނުން ކުރާ އެއް ޕްލެޓްފޯމް ކަމަށްވާ ފޭސްބުކްގެ އެކައުންޓްތައް މި ފަހަކަށް އައިސް ހެކް ކުރާ މައްސަލަ ވަނީ ބޮޑުވެފައެވެ.

މިފަދައިން އާންމު މީހެއްގެ އެކައުންޓުން ފައިސާ ފޮނުވަން އެދިއްޖެ ނަމަ އެއީ ދަންނަ މީހެއް ނަމަ އެމީހަކަށް ގުޅާލައިގެން އެ މުއާމަލާތުގެ ތެދު ދޮގު ސާފު ކުރެވިދާނެއެވެ. އަދި އެފަދަ މެސެޖުތަަކެއް ގާތް މީހެއްގެ އެކައުންޓުން ފޮނުވާކަން އެނގޭ ނަމަ ވީ އެންމެ އަވަހަކަށް އެމީހަކަށް އެ ފަދަ ކަމެއް ހިންގާ ކަމުގެ މައުލޫމާތު ހިއްސާ ކުރެވިދާނެއެވެ.

ފޭސްބުކް މެދުވެރިކޮށް އެކައުންޓްތައް ހެކް ކޮށް ފައިސާ ހޯދުމުގެ މަސައްކަތް ކުރާ މައްސަލަ ފެންނަމުން އަންނަ އިރު، މީގެ ކުރިން މިފަދަ އިން ފައިސާ ހޯދުމަށް ބޭންކް އޮފް މޯލްޑިވްސްއިން ކަމަށް ބުނެ ކާޑު އަދި އެކައުންޓުގެ މައުލޫމާތު ސާފުކޮށް ހަދާފައިވާ މައްސަލަތައް ވަނީ ފެނިފައެވެ. ހަމައެއާއެކު ވަކި ނަންބަރަަކަށް ރީލޯޑް ކުރުމަށް ވެސް އެފަދަ ކޯލްތަކުގައި ބުނެފައި ވެސް އެބަ ހުއްޓެވެ.

ފައިސާގެ މުއާމަލާތްތައް ކުރާ އިރު މި ކުރެވެނީ ކާކަށްކަން އޮޅުން ފިލުވާ ޔަގީން ކުރުމަކީ ކޮންމެ މީހަކުވެސް ބަލާ އޮޅުން ފިލުވަން ޖެހޭ ކަންކަމެވެ. މި ފަދައިން އޮލޫވާލައިގެން ފައިސާ ހޯދާ މީހުންނަށް ލިބޭ ފުރުސަތުތައް ހަނި ކުރެވޭނީ އޭރުންނެވެ.