ކޮރޯނާވައިރަސް ޑިޒީޒް (ކޮވިޑް-19) އިން ދިފާއުވުމަށް އިންޑިއާގެ ބާރަތު ބައޮޓެކުން ތަރައްގީ ކޮށްފައި ވާ ކޮވެކްސިން، އުމުރުން 2 އަހަރާއި 18 އަހަރާ ދެމެދުގެ ކުޑަކުދިންނަށް ޖެހުމަށް، އިންޑިއާގެ ބޭސްވެރިކަމާ ބެހޭ ރެގިއުލޭޓަރުގެ ސަބްޖެކްޓް އެކްސްޕާޓް ކޮމިޓީ (އެސްއީސީ) އިން ލަފާ ދީފިއެވެ.

އެސްއީސީއިން ވަނީ، އުމުރުން 2 އަހަރުން މަތީގެ ކުދިންނަށް ކޮވެކްސިން ޖެހުމަށް ބޭނުންވާ ރަސްމީ ސިއްކަ ހޯދުމަށް އެދި، ޑްރަގްސް ކޮންޓްރޯލާ ޖެނެރަލް އޮފް އިންޑިއާ (ޑިސީޖީއައި) އަށް، ލަފާ ދެނިވި ޕްރޮޕޯސަލްވެސް ހުށަހަޅާފައެވެ.

ތަޖުރިބާކާރުންގެ ޕެނަލުން އާންމު ކުރި ބަޔާނެއްގައި ބުނެފައި ވަނީ، އުމުރުން 2 އަހަރާއި 18 އަހަރާ ދެމެދުގެ ކުދިންނަށް، ކުއްލި ހާލަތުގައި ކޮވެކްސިން ފޯރުކޮށްދިނުމަށް ލަފާ ދޭ ކަމަށާ، އެފަދަ ނިންމުމެއް ނިންމާފައި ވަނީ ތަފްސީލީ މަޝްވަރާ ބަހުސްތަކަކަށް ފަހުގައި ކަމަށެވެ.

ފަރުވާއެއް ހޯދިފައި ނުވާ ކޮރޯނާވައިރަސް ޑިޒީޒް (ކޮވިޑް-19) އިން ދިފާއުވުމަށް އިންޑިއާގެ ބާރަތު ބައޮޓެކް ކުންފުނިން ތަރައްގީ ކޮށްފައި ވާ ކޮވެކްސިން ރައްކާތެރި، އަދި ދިފާއުވެސް އުފައްދާ ދެނިވި ވެކްސިނެއް ކަމަށް ދަ ލޭންސެޓް މެޑިކަލް ޖާނަލްގައި މިއަހަރު ކުރީކޮޅު އާންމު ކޮށްފައި ވާ ދިރާސާއެއްގައި ބުނެފައި ވެއެވެ.

ކޮވެކްސިންއަކީ، އިންޑިއަން ކައުންސިލް އޮފް މެޑިކަލް ރިސާޗް (އައީސީއެމްއާރް)އާއި ބާރަތު ބައޮޓެކް ގުޅިގެން ތަރައްގީ ކުރި ވެކްސިނެކެވެ. ކޮވެކްސިންއަކީވެސް އިންއެކްޓިވޭޓަޑް ވެކްސިނެކެވެ. ނުވަތަ ބާރުކަނޑުވާ/މަރާލާފައިވާ ވައިރަސް ބޭނުން ކޮށްގެން ތަރައްގީ ކޮށްފައި ވާ ވެކްސިނެކެވެ.