އިންޑިއާގެ މަޝްހޫރު ޑާންސް ޝޯ "ސުޕަ ޑާންސާ 4" އައްސާމަށް ނިސްބަތްވާ ފްލޮރިނާ ގޮގޯއީ ކާމިޔާބުކޮށްފިއެވެ.

އިންޑިއާގެ އިތުރުން ދުނިޔޭގެ އެކި ކަންކޮޅުތަކުން ތަރުހީބު ލިބިފައިވާ މި ޝޯ ފްލޮރިނާ ކާމިޔާބު ކޮށްފައިވަނީ ތުޝާރު ޝެޓީގެ ކެޕްޓަން ކަމުގެ ދަށުންނެވެ. ޝޯގެ ފަޚުރުވެރި އެއްވަނަ ހޯދާފައިވާ ފްލޮރިނާއަށް ޓްރޮފީގެ އިތުރުން 15 ލައްކަ އިންޑިއަން ރުޕީސް ވަނީ ލިބިފައެވެ.

މި ޝޯގެ ފަނޑިޔާރުކަން ކޮށްދީފައިވަނީ ކާމިޔާބު ޑައިރެކްޓަރު އަނޫރާގު ބާސޫއާއި، ބޮލީވުޑްގެ މަޝްހޫރު ފިލްމީ ތަރި ޝިލްޕާ ޝެޓީގެ އިތުރުން ކޮރިއޮގްރަފާ ގީތާ ކަޕޫރެވެ.

މި ޝޯ ކާމިޔާބުކުރުމަށް ފަހު ދީފައިވާ އިންޓަވިއުއެއްގައި ފްލޮރިނާ ބުނެފައިވަނީ އެއް ވަނަ ލިބޭނެ ކަމަށް ކުރިން ހީކުރެވިފައި ނުވާ ކަމަށެވެ. އަދި އަބަދުވެސް އެންމެ އިސްކަމެއް ދީފައިވާނީ ޕްރެޒެންޓު ކުރާ ނެށުން އެންމެ ފުރިހަމައަށް ގެނަސްދިނުމަށް ކަމަށާ ޝޯއިން ކާމިޔާބު ވުމުން ވަރަށް ބޮޑަށް އުފާވި ކަމަށެވެ.

އޭނާގެ ކެޕްޓަން ތުޝާރު ބުނެފައިވަނީ މިއީ ފާއިތުވި 9 މަސް ދުވަހު ކުރި ބުރަ މަސައްކަތުގެ ނަތީޖާކަމަށެވެ. އަދި ފްލޮރިނާއާ އޭނާގެ ޓީމަށް ވަރަށް ބޮޑު ތަރުހީބެއް ލިބިގެން ދިއަ ކަމަށާ ފޭނުންނަށް އަބަދުވެސް ޝުކުރުވެރިވާނެ ކަމަށެވެ.

މި ޝޯގެ ދެވަނައަށް ގޮސްފައިވަނީ ޕަންޖާބަށް ނިސްބަތްވާ ސަންޗިތު ޗަނަނާއެވެ. އަދި ތިން ވަނަ ހާސިލު ކޮށްފައިވަނީ ނީރްޖާ ތިވާރީއެވެ.