މިނިމަމް ވޭޖް އެޑްވައިޒަރީ ބޯޑުން ކަނޑައެޅި އެންމެ ކުޑަމިނުން ދޭންޖެހޭނެ އުޖޫރަ، ދިރާސާކޮށް އަދި ނުނިމޭ ކަމަށް އިކޮނޮމިކް މިނިސްޓްރީން ބުނެފިއެވެ.

މިނިސްޓްރީން ބުނީ ދިވެހިރާއްޖޭގައި މަސައްކަތްކުރާ މީހުންނަށް އެންމެ ކުޑަމިނުން ދޭންޖެހޭނެ އުޖޫރަ ކަނޑައެޅުމަށްޓަކާ، ގާނޫނުގައި ބަޔާންކުރާ ކަންކަމަށް ރިއާޔަތްކޮށް އެންމެ ކުޑަމިނުން ދޭންޖެހޭނެ އުޖޫރައިގެ އަދަދާގުޅޭގޮތުން، ގާނޫނުގެ 59-2 ވަނަ މާއްދާގެ (ށ) ގެ ދަށުން މިނިމަމް ވޭޖް އެޑްވައިޒަރީ ބޯޑުން މިނިސްޓަރަށް ލަފައެއް އޮކްޓޫބަރު 5، 2021 ގައި އަރުވާފައިވާ ކަމަށެވެ.

މިނިމަމް ވޭޖް އެޑްވައިޒަރީ ބޯޑުން މިނިސްޓަރަށް ފޮނުއްވާފައިވާ ލަފާ:

  • ޕްރައިވެޓް ސެކްޓާގައި، ކުދި ފަންތީގެ ވިޔަފާރިތަކަށް، ގަޑިއިރަކަށް 24.04 ރުފިޔާގެ ނިސްބަތުން، މަހެއްގެ މައްޗަށް 4.333 ހަފްތާގެ ނިސްބަތުން، މަހެއްގެ މައްޗަށް 5,000 ރުފިޔާ
  • ޕްރައިވެޓް ސެކްޓާގައި، މެދު ފަންތީގެ ވިޔަފާރިތަކަށް، ގަޑިއިރަކަށް 33.65 ރުފިޔާގެ ނިސްބަތުން، މަހެއްގެ މައްޗަށް 4.333 ހަފްތާގެ ނިސްބަތުން، މަހެއްގެ މައްޗަށް 7,000 ރުފިޔާ
  • ޕްރައިވެޓް ސެކްޓާގައި، ކުދި އަދި މެދު ފަންތީގައި ނުހިމެނޭ ވިޔަފާރިތަކަށް، ގަޑިއިރަކަށް 42.79 ރުފިޔާގެ ނިސްބަތުން، މަހެއްގެ މައްޗަށް 4.333 ހަފްތާގެ ނިސްބަތުން، މަހެއްގެ މައްޗަށް 8,900 ރުފިޔާ
  • ޕަބްލިކް ސެކްޓާގައި، 6 ގަޑިއިރު މަސައްކަތްކުރާ ދާއިމީ މުވައްޒަފުންނަށް މަހަކަށް 5,000 ރުފިޔާ، ނުވަތަ 6 ގަޑިއިރަށްވުރެ މަދުން މަސައްކަތްކުރާ ފަރާތްތަކަށް، ގަޑިއިރަކަށް 33.65 ރުފިޔާ.
  • ބިދޭސީ މަސައްކަތްތެރިންނަށް، އެންމެ ކުޑަމިނުން ދޭންޖެހޭނެ އުޖޫރައިގެ އަދަދާ ގުޅޭގޮތުން، އިތުރަށް ދިރާސާކުރުމަށްފަހު ފަހުގެ މުއްދަތެއްގައި ލަފައެއް ދިނުން؛ އަދި ބިދޭސީ މަސައްކަތްތެރިންނަށް، އެންމެ ކުޑަމިނުންދޭންޖެހޭނެ އުޖޫރައަށް އަމަލުކުރަން ފެށުމަށް ގާނޫނުގެ 62 ވަނަ މާއްދާގެ (ށ) ގައި ބަޔާންކުރާ މުއްދަތު، ޖުމްލަ 5 އަހަރު ދުވަހަށް އިތުރުކުރުމަށް ލަފާދިނުން.

މިނިސްޓްރީން ބުނީ އެންމެ ކުޑަމިނުން ދޭންޖެހޭނެ އުޖޫރައިގެ އަދަދާ ގުޅޭގޮތުން މިނިމަމްވޭޖް އެޑްވައިޒަރީ ބޯޑުން މިނިސްޓަރަށް އަރުވާފައިވާ ލަފާ، ގާނޫނުގެ 62 ވަނަ މާއްދާގައި ބަޔާންކުރާ ގޮތުގެ މަތިން މިނިސްޓްރީން ދިރާސާކުރަމުން ގެންދާ ކަމަށެވެ.

އެ ދިރާސާއަށްފަހު ދިވެހިރާއްޖޭގައި މަސައްކަތްކުރާ މީހުންނަށް އެންމެކުޑަމިނުން ދޭންޖެހޭނެ އުޖޫރަ ކަނޑައަޅާ އާންމުކުރާނެ ކަމަށް މިނިސްޓްރީން ބުނެއެވެ.