ކޮވިޑް ބަލީގައި ފަރުވާ ހޯދަމުން ދިޔަ އުމުރުން 97 އަހަރުގެ ދިވެއްސަކު މިއަދު ހެނދުނު މަރު ވެއްޖެއެވެ.

އެމީހާއަކީ އައްޑޫ އިކުއިޓޯރިއަލް ހޮސްޕިޓަލުގައި ފަރުވާ ދެމުން ދިޔަ ބަލި މީހެއް ކްމަށާއި އެމީހާ މަރުވެފައި ވަނީ މިއަދު ހެނދުނު 7:50 ހާއިރު އެވެ.

މިއީ މިދިޔަ މަހުގެ 26 ވަނަ ދުވަހު ފުވައްމުލަކު ސިޓީން ހާލު ދެރަވެގެން އައްޑޫގެ ކޮވިޑް ފެސިލިޓީއަށް ގެންދިޔަ ބަލި މީހެއް ކަމަށް އައްޑޫ އިކުއިޓޯރިއަލް ހޮސްޕިޓަލުން ބުނެއެވެ.

މި މަރަކީ ކޮވިޑް ބަލީގައި އައްޑޫން އިން މަރުވި ހަތަރު ވަނަ މީހާއެވެ. އަދި މިއީ މި މަހުގެ މި ބަލީގައި މަރުވި ދެވަނަ މީހާއެވެ. މިއާ އެކު މި ބަލީގައި މަރުވި މީހުންގެ ޖުމްލަ އަދަދު ވަނީ 233 އަށް އަރަފާފައެވެ.

މި މަހު މިހާތަނަށް މި ބަލީގައި ދެމީހަކު ރާއްޖެއިން މަރުވެފައިވާ އިރު މިދިޔަ މަހު މި ބަލީގައި މަރުވެފައި ވަނީ 5 މީހެކެވެ.

ރާއްޖެއިން ކޮވިޑް ކޭސްއެއް އެންމެ ފުރަތަމަ ފެނިފައި ވަނީ މާޗް 7، 2020 ގައެވެ. މިއަދާ ހަމައަށް ކޮވިޑް ރާއްޖެއިން ފެނުނުތާ 579 ދުވަސްވެފައިވާ އިރު މި ބަލީގައި މިދިޔަ އަހަރުގެ ނިޔަލަށް 49 މީހަކު ވަނީ މަރުވެފައެވެ. މި ބަލީގައި މި އަހަރު ވަނީ 184 މީހަކު މަރުވެފައެވެ.