ހަތިޔާރު އެޅި ހަނގުރާމަވެރި ތޯލިބާން ޖަމާއަތުން، އޯގަސްޓް 15، 2021 ވަނަ ދުވަހު އަފްގާނިސްތާނުގެ ކޮންޓްރޯލް ނެގުމާއެކު އެ ގައުމަށް ކުރިއަށް ދެން އޮތީ އަނދިރިކަމުގެ ދުވަސްތަކެއް ކަމުގައި މުޅި ދުނިޔެހެން ބުނަން ފެށިއެވެ. ނަމަވެސް އެއީ ސީދާ ބަހުގެ މާނައަކު ނޫނެވެ. ކަން މިހެން އޮތް ނަމަވެސް، ބަހުގެ މާނަ، އޭގެ ގޮތުގައި އަފްގާނިސްތާނުގައި ނިއުޅިގެން ދިއުން މިހާރު އޮތީ މާ ދުރުގައި ނޫން ކަމުގައި ދަންނަވަން ޖެހެއެވެ.

ކަރަންޓުގެ ހުރިހާ ހިދުމަތެއްހެން އެ ގައުމުގައި މެދުކެނޑުމާ ވަނީ އިންތިހާ ގާތްވެފައެވެ. ތޯލިބާނުން އަފްގާނިސްތާނުގެ ކޮންޓްރޯލް ނެގިފަހުން، އަފްގާނިސްތާނުގެ ކަރަންޓް ބިލްތަކުގެ ބޮޑު ބަޔަކަށް ފައިސާ ދައްކާ ހަލާސް ކޮށްފައި ނުވާތީއެވެ.

އަފްގާނިސްތާނަށް ބޭނުން ވާ ހަކަތައިގެ 78 ޕަސެންޓް ފޯރުކޮށްދެނީ އަވަށްޓެރި ގައުމުތަކުގެ އެހީތެރިކަމާއެކުގައެވެ. ނަމަވެސް އެ ހިދުމަތުގެ ބިލްތައް ދެއްކުމަށް ތޯލިބާނުން ދަނީ ފެއިލް ވަމުންނެވެ.

އަފްގާނިސްތާނުގެ ބޭންކެއްގެ ކައިރިއަށް ޖަމާވެފައި ވާ މީހުންގެ ކުރިމަތިން ތޯލިބާން ހަނގުރާމަވެރިއަކު ހުރަސް ކުރަނީ / ފޮޓޯ: އޭއެފްޕީ

މިއީ އަފްގާނިސްތާނަށް ހަމަޖެހުން ގެނައުމަށް މަސައްކަތް ކުރަމުން އަންނަ ތޯލިބާން ސަރުކާރަށް ކުރިމަތިލާން ޖެހިފައި ވާ އިތުރު ގޮންޖެހުމަކަށް ވަނީ ވެފައެވެ. ނަގުދު ފައިސާއަށް ޖެހުމާއި، އިގުތިސޯދު އިނދަޖެހެމުން ދިއުމުގެ ސިލްސިލާއަށް ކަރަންޓު ބިލުތަކުގެ މައްސަލަ މި ވަނީ އިތުރު ވެފައެވެ. ނަތީޖާއެއްގެ ގޮތުން، ކުންފުނިތަކާއި ބައިނަލްއަގުވާމީ ސަރުކާރުތަކުން ދަނީ އަފްގާނިސްތާނަށް އިތުރު އެހީ ފޯރުކޮށްދިނުމަށް އިންކާރު ކުރަމުންނެވެ.

އަފްގާނިސްތާނުގެ ވެރިކަމަށް ތޯލިބާނުން އައުމުގެ ކުރިން އެ ގައުމުން ދިޔައީ އުޒްބަކިސްތާން، ތަޖިކިސްތާން އަދި ތުރުކަމަނިސްތާނާއި އީރާން ފަދަ ގައުމުތަކަށް ކޮންމެ މަހަކުވެސް ގާތްގަނޑަކަށް 20-25 މިލިއަނާ ދެމެދު އަދަދަކަށް ފައިސާ ދައްކަމުންނެވެ. ނަމަވެސް ތޯލިބާނުން ކޮންޓްރޯލް ނެގުމާއެކު، ބައިނަލްއަގުވާމީ މުޖުތަމައުން ވަނީ އަފްގާނިސްތާނަށް މާލީ އެހީ ދިނުން މުޅިންހެން މެދުކަނޑާލާފައެވެ. މީގެ އިތުރުން އެމެރިކާއާއި އެމެރިކާއަށް ތާއީދު ކުރާ ގައުމުތަކުން ވަނީ އަފްގާނިސްތާނުގެ އެހެން އެސެޓްތައް ފްރީޒް ކޮށްފައެވެ.

އަފްގާނިސްތާނުން ކަރަންޓް ބިލްތައް ނުދައްކާ އޮތުމުން، ކޮންމެ ވަގުތެއްގައި އެ ގައުމުން ކަރަންޓް ކަނޑާލުމުގެ ފުރުސަތު އެބަ އޮތް / ފޮޓޯ: ވޮޝިންގްޓަން ޕޯސްޓް

އަފްގާނިސްތާނުން މިއަދު ނުދައްކާ ހުރި ކަރަންޓު ބިލްތަކުގެ އަގު، ގާތްގަނޑަކަށް 62 މިލިއަން ޑޮލަރަށް ވުރެ މައްޗަށް އަރައެވެ. ނަތީޖާއެއްގެ ގޮތުން، ކަރަންޓް ސަޕްލައި ކޮށްދޭ ގައުމުތަކުން ބޭނުން ވެއްޖެ ކޮންމެ ހިނދެއްގައި، އަފްގާނިސްތާނުން ކަރަންޓް ކަނޑާލުމުގެ ފުރުސަތު ވަނީ ހުޅުވިފައެވެ.

ޑަ އަފްގާނިސްތާން ބްރެޝްނާ ޝެރްކަތު (ޑެބްސް)ގެ ނުވަތަ އަފްގާނިސްތާން ސަރުކާރުގެ ހިއްސާ ކޮށް މިނިވަން ކުންފުންޏެއްގެ ގޮތުގައި އޮޕަރޭޓް ކުރާ މި ކުންފުނީގެ ސީއީއޯ ސައިފުއްލޯ އަހްމަދުޒާއީ ވަނީ އަފްގާނިސްތާނުގެ ކަރަންޓް ބިލްތައް ދެއްކުމުގެ އެހީއަކަށް، އުނަމާގެ ކިބައިން އެދިފައި ވާ ކަން ހާމަކޮށްފައެވެ. އުނަމާއަކީ އަފްގާނިސްތާނަށް އެހީވުމަށް ގާއިމު ކޮށްފައިވާ އދގެ މިޝަންއެވެ. ކުރިއަށް އޮތް މަހެއްހާ ދުވަހުގެ ތެރޭގައި، ނުދައްކާ ބިލްގެ އަގު 85 މިލިއަން ޑޮލަރަށް އަރާނެ ކަމަށް ލަފާ ކުރާ ކަމަށް އަހުމަދުޒައީ ވަނީ ބުނެފައެވެ. އެހެންކަމުން، އިންސާނީ އެހީގެ ގޮތުގައި އަފްގާނިސްތާނަށް 90 މިލިއަން ޑޮލަރު ފޯރުކޮށްދިނުމަށް އުނަމާގައި ވަނީ އެދިފައެވެ.

އުނަމާގެ ޖަވާބަކަށް ތޯލިބާން ސަރުކާރުން އިންތިޒާރު ކޮށްގެން އޮތް އިރު، އަފްގާނިސްތާނުގައި މިހާރު އެކަށީގެން ވާ ގޮތެއްގައި ކަރަންޓްގެ ހިދުމަތް ލިބެނީ އާބާދީ އެންމެ 38 ޕަސެންޓް މީހުންނަށެވެ. ތޯލިބާނުން ދަނީ އަވަށްޓެރި ގައުމުތަކުން، ކަރަންޓްގެ ހިދުމަތް މެދުކަނޑާނުލާނެ ކަމަށް، ރައްޔިތުންނަށް ވިސްނައިދެވޭތޯ މަސައްކަތް ކުރަމުންނެވެ. އެގޮތުން، އަވަށްޓެރިންނާއެކު ގާތް ގުޅުމެއް އެބައޮތް ކަމަށާ، ހަކަތަ ފޯރުކޮށްދިނުން ހުއްޓާލާފާނެ ކަމަށް ގަބޫލު ނުކުރެވޭ ކަމަށް، ބައެއް ގައުމުތަކުން ޓެރަރިސްޓް ޖަމާއަތެއްގެ ގޮތުގައި ކަނޑައަޅާފައި ވާ ތޯލިބާނުންގެ ތަރުޖަމާނެއް ކަމަށް ވާ ބިލާލް ކަރީމީ ވަނީ ބުނެފައެވެ.