ކޮރޯނާވައިރަސް ޑިޒީޒް (ކޮވިޑް-19)ގެ ސަބަބުން އަހަރަކަށް ވުރެ ގިނަ ދުވަހަށް މެދުކަނޑާލާފައި އޮތުމަށް ފަހު، އަވަށްޓެރި އިންޑިއާއިން ޓޫރިސްޓް ވިސާއަށް އެދި ހުށަހެޅުމުގެ ފުރުސަތު ހުޅުވާލަން ނިންމައިފިއެވެ.

އިންޑިއާ ސަރުކާރުން ބުނީ އޮކްޓޯބަރު 15 ވަނަ ދުވަހު، ބިދޭސީ ފަތުރުވެރިންނަށް އެ ގައުމު ހުޅުވާލާނެ ކަމަށެވެ. އެގޮތުން ހާއްސަ ޗާޓަރު ފްލައިޓްތައް މެދުވެރިކޮށް އިންޑިއާއަށް ޒިޔާރަތް ކުރާ ބިދޭސީ ފަތުރުވެރިންނަށް، އޮކްޓޯބަރު 15، 2021 ދުވަހުން ފެށިގެން ޓޫރިސްޓް ވިސާ ދޫކުރުމަށް ނިންމާފައި ވާ ކަމަށް އިންޑިއާގެ ހޯމް މިނިސްޓްރީން މައުލޫމާތު ދެއެވެ.

ކޮމާޝަލް އުސޫލުން އޮޕަރޭޓް ކުރާ ފްލައިޓްތަކުގައި އިންޑިއާއަށް ދަތުރު ކުރާ ބިދޭސީ ފަތުރުވެރިންނަށް ޓޫރިސްޓް ވިސާ ދޫކުރަން ފަށާނީ ނޮވެމްބަރު 15، 2021ގ ވަނަ ދުވަހުން ފަށައިގެން ކަމަށްވެސް އިންޑިއާގެ ހޯމް މިނިސްޓްރީން ވަނީ ބުނެފައެވެ.

އެ ގައުމަށް ފަތުރުވެރިން ގެނައުމުގައި ހަރަކާތްތެރިވާ ފަރަތްތަކުގެ އިތުރުން، ހުދު ފަތުރުވެރިންވެސް، ކޮވިޑްގެ ރައްކާތެރި ކަމުގެ ފިޔަވަޅުތަކަށް އިހުތިރާމްކޮށް، އެ ފިޔަވަޅުތައް ތަންފީޒު ކުރަން ޖެހޭނެ ކަމަށް އިންޑިއާގެ ހޯމް މިނިސްޓްރީން ވަނީ ގޮވަލާފައެވެ.

އޭޝިއާގެ 3 ވަނަ އިގުތިސޯދުގެ ގޮތުގައި އޮތް އިންޑިއާއަށް، ފަތުރުވެރިކަމުގެ ސިނާއަތަކީ މުހިންމު ސިނާއަތެކެވެ. އިންޑިއާ ސަރުކާރުގެ ތަފާސް ހިސާބުތަކަށް ބަލާއިރު، 2019 ވަނަ އަހަރުގެ ތެރޭގައި އެ ގައުމަށް، 10.93 މިލިއަން ފަތުރުވެރިން ޒިޔާރަތް ކޮށްފައި ވެއެވެ.