ބައިނަލްއަގުވާމީ ފެންވަރުގައި ދޭ އެންމެ ޝަރަފުވެރި އެވޯޑްތަކުގެ ތެރޭގައި ގުނާލެވޭ ނޮބޭލް އިނާމު މި އަހަރު ހާސިލު ކުރާ 8 ފަރާތެއް މިހާތަނަށް އިއުލާން ކޮށްފައި ވާއިރު، މި އެވޯޑްތައް މުޅިންވެސް ކަށަވަރު ކޮށްފައި ވަނީ ފިރިހެނުން ކަމުގައި ވުމާއެކު ހޫނު ބަހުސެއް ފެށިއްޖެއެވެ.

ބޭސްވެރިކަން، ފިޒިކްސް، ކެމިސްޓްރީ އަދި އަދަބިއްޔާތު ފަދަ ރޮނގުތަކުން 2021 ވަނަ އަހަރު ނޮބޭލް އިނާމް ހާސިލު ކުރާ ފަރާތްތައް އިއުލާން ކޮށްފައި ވާއިރު، މުޅިންވެސް ހިމެނެނީ ފިރިހެނުންނެވެ. ބާކީ އޮތީ އިގުތިސޯދުގެ ދާއިރާއާއި ސުލްހައިގެ އިނާމް ކަމުގައި ވާ ހިނދު، އަންހެނަކަށް މި ޝަރަފު ދިނުމުގެ ފުރުސަތު، އަދިވެސް އެބައޮތް ކަމަށް ބުނެވެއެވެ.

ކަން މިހެން އޮތް އިރު، ނޮބޭލް އިނާމް ކޮމިޓީއަކީ އަންހެނަކު އިސްވެ ހުރެ ހިންގާ ކޮމިޓީއެއް ކަމަށާ، މެންބަރުންގެ ތެރޭގައި ގިނައީވެސް އަންހެން މެންބަރުން ކަން ފާހަގަ ކުރަން ޖެހެއެވެ.

ޖިންސުގެ ފަރަގުގެ އިތުރުން، ނަސްލީ އަދި ކުލައިގެ ފަރަގުވެސް ނޮބޭލް އިނާމްގައި ފާހަގަ ކުރެވޭ ކަމަށް، ފާޑުކިއާ ފަރާތްތަކުން ބުނެއެވެ. ކަޅު ނަސްލުގެ މީހުންނަށް ސުލްހައިގެ އިނާމް ލިބިފައި ހުއްޓެއް ކަމަކު، އެހެން ދާއިރާތަކުން އެވޯޑް ގެންގޮސްފައި ވަނީ މުޅިންހެންވެސް ވިލާތަށް ނިސްބަތްވާ ދޮން ނަސްލުގެ މީހުންނެވެ.

ކޮރޯނާވައިރަސް ޑިޒީޒް (ކޮވިޑް-19) ގެ ބަލިމަޑުކަމުން މުޅިން އަރައިގަނެވިފައި ނުވާއިރު، ނޮބޭލް އިނާމު ހަވާލު ކުރުމަށް ކުރިއަށް ގެންދާ އިހުތިފާލަކީ ހައިބްރިޑް އިވެންޓަކަށް ވާނެ ކަމަށް މައުލޫމާތު ލިބެއެވެ. އެގޮތުން ޖިސްމާނީ ގޮތުން މީހުން ބައިވެރިވުމުގެ އިތުރުން ޑިޖިޓަލް ޕްލެޓްފޯމްގައިވެސް އިހުތިފާލްގެ ބައެއް ހަރަކާތްތައް ކުރިއަށް ގެންދާނެ ކަމަށް މައުލޫމާތު ލިބެއެވެ.

ނޮބޭލް އިނާމާ ބެހޭ ޖަމިއްޔާއިން ވަނީ، އެވޯޑް ހާސިލު ކުރާ ފަރާތްތަކާ އެވޯޑް ހަވާލު ކުރާނީ އެމީހެއްގެ ގައުމުގައި ކަން ހާމަކޮށްފައެވެ.