ގިނަ ބައެއްގެ ތަރުހީބު ލިބިގެން ދިއަ މަޝްހޫރު ސީރީޒް "ގޭމް އޮފް ތްރޯންސް"ގެ ޕްރީކުއަލް، "ހައުސް އޮފް ދަ ޑްރެގަން" ގެ ޓީޒާ ދައްކާލައިފިއެވެ.

މި ސީރީޒަށް ގޭމް އޮފް ތްރޯންސްގެ ފޭނުން އިންތިޒާރުކުރަމުން އައިއިރު މިހާތަނަށް މި ޓްރެއިލާ ހަ މިލިއަނަށްވުރެ ގިނަ މީހުން ވަނީ ބަލައިފައެވެ.

2018 ވަނަ އަހަރު ނިންމާލި މި ޝޯ ނިންމާލި ގޮތް ބައެއް ފޭނުންނަށް ކަމުނުދިއުމުން އެކަން ޝޯޝަލް މީޑިއާގައި ހިއްސާކޮށްފައިވާއިރު ދުނިޔޭގެ އެންމެ ވަރުގަދަ ސީރީޒްގެ މަގާމުވެސް ހޯދާފައިވާ "ގޭމް އޮފް ތްރޯންސް" ޕްރީކުއަލް ރަސްމީކޮށް އިއުލާންކޮށްފައި ވަނީ 2019 ވަނަ އަހަރުގައެވެ.

"ހައުސް އޮފް ޑްރެގަންސް" ގެނެސްދޭކަން އިއުލާންކުރުމާއެކު ގިނަ ފޭނުން އައީ މި ސީރީޒަށް އިންތިޒާރެއް ކުރަމުންނެވެ. މި ޕްރީކުއަލް ރިލީޒް ކުރުމަށް ހަމަޖެހިފައިވަނީ 2022 ވަނަ އަހަރުއެވެ.

އެޗްބީއޯ މެކްސްއިން ގެނަސްދިނުމަށް ހަމަޖެހިފައިވާ "ހައުސް އޮފް ދަ ޑްރެގަން" ގެ ފުރަތަމަ ސީޒަނުގައި 10 އެޕިސޯޑް އެކުލެވޭނެއެވެ.

މި ސީރީޒްގައި ކިޔައިދޭނީ ޓަގޭރިއަން ދަރިކޮޅުގެ ދިރިއުޅުން ކުރިން އޮތް ގޮތުގެ ވާހަކައެވެ. މި ސީރީޒް ގެނަސްދޭނީ ލިޔުންތެރިޔާ އާރްއާރް މާޓިންގެ 2018 ގެ ވާހަކަ "ފަޔާ އެންޑް ބްލަޑް"ގެ މައްޗަށް ބިނާކޮށެވެ. މިއީ ކުރިން ގެނެސްދިން ސިލްސިލާގެ 300 އަހަރު ކުރީގެ ހާދިސާތައް ކިޔައިދޭ އެއްޗެކެވެ.