ދުނިޔޭގެ އެކި ކަންކޮޅުތަކުން 100 އެއްހާ ގައުމުގެ 1 ނަމްބަރު ސީރީޒްގެ ދަރަޖަ ދީފައި ވާ ހިޓް ޓީވީ ޝޯ "ސްކުއިޑް ގޭމް" އިން ފެނިގެންދާ ފޯނު ނަމްބަރެއް، ދެން ނުފެންނަ ގޮތް ހަދާނެ ކަމަށް ނެޓްފްލިކްސް އިން ބުނެފިއެވެ.
ދެކުނު ކޮރެއާގެ ޑްރާމާ ސީރީޒް، "ސްކުއިޑް ގޭމް" އިން ފެނިގެންދާ ފޯނު ނަމްބަރުގެ ސަބަބުން، އަންހެނެއްގެ ފޯނަށް ގިނަ އަދަދެއްގެ ކޯލު އަންނަ ކަމުގެ ޝަކުވާ ވަނީ ފެންމަތިވެފައެވެ. އެ ނަމްބަރުން ގުޅެނީ އޭނާގެ ފޯނަށް ކަމަށާ، ގޭމްގައި ބައިވެރިވުމަށް އެދި ގިނަ ކޯލު އަންނަ ކަމަށް އެ އަންހެން މީހާ ވަނީ ބުނެފައެވެ.
ނެޓްފްލިކްސްގެ 1 ނަމްބަރު ސީރީޒްގެ ޝަރަފު ހޯދުމާ ދިމާއަށް މިސްރާބު ޖަހާފައިވާ "ސްކުއިޑް ގޭމް" އިން ފެނިގެންދާ ފޯނު ނަމްބަރު ގެންގުޅެނީ ދެކުނު ކޮރެއާގައި ވިޔަފާރި ކުރާ އަންހެނެކެވެ. އޭނާ ބުނާ ގޮތުގައި ކޮންމެ ދުވަހަކުވެސް އެތައް ހާސް މެސެޖަކާ ކޯލެއް އާދެއެވެ. އަދި މިކަމުގެ ސަބަބުން އާންމު ދިރިއުޅުމުގެ ކަންކަމަށްވެސް ހުރަސް އެޅިފައި ވާ ކަމުގެ ޝަކުވާ، އޭނާ ވަނީ އުފުލާފައެވެ.
އެ އަންހެން މީހާ ބުނާ ގޮތުގައި، އޭނާ އެ ނަމްބަރު ބޭނުން ކުރަމުންދާތާ މިހާރު 10 އަހަރަށް ވުރެ ގިނަ ދުވަސް ވެދާނެއެވެ. މީޑިއާއާ ވާހަކަދައްކަމުން އޭނާ ބުނީ ވެގެން އުޅޭ ގޮތެއް ފުރަތަމަ ނޭނގުނު ކަމަށާ، ނަމަވެސް "ސްކުއިޑް ގޭމް" ގައި އޭނާގެ ނަމްބަރު ފެންނަ ކަމުގެ ހަބަރު އޭނާއަށް ދިނީ، ރައްޓެއްސެއް ކަމަށެވެ.
މާލީ ބަދަލެއްގެ ގޮތުގައި 4178 ޑޮލަރު ހުށަހެޅި ނަމަވެސް، މި އަންހެން މީހާ ވަނީ އެ ބަލައިގަތުމަށް އިންކާރު ކޮށްފައި ކަމަށް ހަބަރު ލިބެއެވެ.
ނެޓްފްލިކްސްއިން މިކަން ކަށަވަރު ކޮށްދީފައެއް ނުވެއެވެ. ނަމަވެސް އެ ނަމްބަރަށް ނުގުޅުމަށް ނެޓްފްލިކްސްއިން ވަނީ ފޭނުންނަށް އިލްތިމާސް ކޮށްފައެވެ.
ސެޕްޓެމްބަރު 17 ވަނަ ދުވަހު ދައްކަން ފެށި މި ޝޯ ވަނީ، 10 ދުވަހުގެ ތެރޭގައި، 90 ގައުމަކުން 1 ނަމްބަރު ދަރަޖަ ހޯދާފައެވެ.