ޑްރަގްގެ މައްސަލައަކާ ގުޅިގެން، ބޮލީވުޑްގެ ސުޕާސްޓާ ޝާހްރުކް ހާންގެ ފިރިހެން ދަރިފުޅު، އާރްޔާން ހާން، ހައްޔަރުކުރުމުން ފޭނުން ތިބީ ޝާހުއާއެކުގައި ކަން ހާމަ ކޮށްފިއެވެ.

މި މައްސަލައާއި ގުޅިގެން މުމްބާއީގައި ހުންނަ އެންސީބީގެ އޮފީހަށް އޭނާ ގެންގޮސްފައިވާއިރު އޭނާ ވަނީ އެކަމަށް އެއްބަސްވެފައެވެ. މިއާއެކު އާރްޔާންއަށް މިކަމުން އަރައިގަނެވޭނެ ކަމަށާ ހުރިހާ ވަގުތެއްގައިވެސް ފޭނުން ތިބޭނީ އެ އާއިލާއާއި އެކުގައި ކަމަށް ބުނެ ފޭނުން ދަނީ އެކި ގޮތްްގޮތުން އެ އާއިލާއަށް ހިތްވަރު ދެމުންނެވެ.

ފޭނުންގެ އިތުރުން ބޮލީވުޑްގެ މަޝްހޫރި ތަރިން ވެސް ވަނީ އެ އާއިލާއަށް ހިތްވަރުދީފައެވެ.

އާރްޔަން ހައްޔަރު ކޮށްފައި ވަނީ، އިންޑިއާގެ މަސްތުވަތަކެއްޗާ ބެހޭ ގާނޫނުގެ 27 ވަނަ މާއްދާގެ ދަށުންނެވެ. ހައްޔަރު ކުރުމާއެކުގައި ހެން، މެޑިކަލް އިވަލުއޭޝަން ހެދުމަށްޓަކާ، މުމްބާއީގައި ހުންނަ ޖޭޖޭ ހޮސްޕިޓަލަށް އާރްޔަން ގެންގޮސްފައިވެއެވެ.

އެންސީބީއިން ވަނީ، މުމްބާއީގެ އައްސޭރިން ބޭރުގައި އޮތް ކުރޫޒް ޝިޕެއްގައި ކުރިއަށް ގެންދިޔަ ޕާޓީއެއް، އޮކްޓޯބަރު 2 ވަނަ ދުވަހު ރެއިޑް ކޮށްފައެވެ. ރެއިޑުން އަތުލައިގަތް ތަކެތީގެ ތެރޭގައި އެމްޑީއެމްއޭ/އެކްސްޓަސީ، ކޮކެއިން، މެފަޑްރޯން އަދި އެނޫންވެސް ބާވަތެއް ހިމެނޭ ކަމަށް ހަބަރު ލިބެއެވެ.

އެންސީބީގެ އޮފިޝަލުން، އާރްޔަންގެ ފޯނު ބަލާ ފާސްކޮށްފައި ވާ ކަމަށާ، މަސްތުވާތަކެތި ގެންގުޅުމާއި ބޭނުން ކުރުމުގައި ސީދާ ގޮތުން ބައިވެރިވި ކަމުގެ ހެކި، އޭނާގެ ފޯނުން ފެނިފައި ވާ ކަމަށްވެސް މަސްދަރަކާ ހަވާލާދީ، އިންޑިއާގެ މީޑިއާއިން ވަނީ ރިޕޯޓް ކޮށްފައެވެ