އެކްޝަން ފިލްމު "އާރުއާރުއާރު" އަދި ކްރައިމް/ޑްރާމާ ފިލްމުު "ގަންގޫބައީ ކަތިއާވާދީ"ގެ ތެރެއިން ކުރި ހޯދާނީ ކޮން ފިލްމަކުންތޯ ގިނަ ބަޔަކު ސުވާލު އުފައްދައިފިއެވެ.

އަންނަ އަހަރުގެ ޖެނުއަރީ މަހަށް ތާވަލު ކޮށްފައިވާ މި ދެ ފިލްމުގައި އެއް ގޮތް ކަންތައްތަކެއް ހުރި އިރު ދެ ފިލްމުން ވެސް އާލިޔާ ބަޓް އަދި އަޖޭ ދޭވްގަން ފެނިގެންދާނެއެވެ. ސިނަމާތަކުގައި "އާރުއާރުއާރު" އަޅުވަން ހަމަޖެހިފައިވަނީ އަންނަ ޖެނުއަރީ މަހުގެ 7 ވަނަ ދުވަހުއެވެ.

"ގަންގޫބައީ ކަތިއާވާދީ" އަޅުވާނީ ޖެނުއަރީ މަހުގެ 6 ވަނަ ދުވަހުއެވެ. ކޮވިޑް-19އާއި ގުޅިގެން މި ދެ ފިލްމުވެސް ރިލީޒް ކުރުން ފަސް ކުރުމަށްފަހު މިހާރު ރިލީޒް ކުރަން ނިންމާފައިވާ ތާރީހާ ގުޅިގެން ގިނަބަޔަކު ދަނީ މި ދެފިލްމުން އެންމެ ބޮޑު ތަރުހީބެއް ލިބޭނީ ކޮން ފިލްމަކުންތޯ ސުވާލު އުފައްދަމުންނެވެ.

އެސްއެސް ރާޖާ މޯލީގެ ބޮޑު ފިލްމު "އާރުއާރުއާރު"މީގެ ކުރިން އަޅުވަން ނިންމާފައިވަނީ އޮކްޓޯބަރު މަހުގެ 15 ވަނަ ދުވަހުއެވެ. ހަމަ މި ދުވަހު ބޯނީ ކަޕޫރްގެ "މައިދާން" ރިލީޒްކުރަން ހަމަޖެހިގެން ދިއުމާއެކު ބޯނީ ވަނީ ވަރަށް ބޮޑަށް ހިތްހަމަނުޖެހުން ފާޅުކޮށް ރާޖާއަށް ވެސް ވަރަށް ބޮޑަށް ފާޑުކިޔާފައެވެ. މިކަމަށް ނިމުމެއް އައިސްފައިވަނީ ކޮވިޑާ ގުޅިގެން ދެ ފިލްމުވެސް ރިލީޒް ކުރުން ފަސްކުރުމުންނެވެ.