ބޮލީވުޑްގެ މަޝްހޫރު ފިލްމީ ތަރި ސުނިލް ޝެޓީގެ ވެބް ސީރީޒް "އިންވިޒިބަލް ވުމަން"އިން އޭނާއާއެކު ފެންނާނީ "ރާޒް 3" އަދި "ރުސްތުމް" ފަދަ ފިލްމުތަކުގައި މަސައްކަތްކޮށްފައިވާ އިޝާ ގުޕްތާއެވެ.

މި ހަފުތާގެ ތެރޭގައި މި ސީރީޒްގެ ޝޫޫޓިންގްތައް ފަށާފައިވާ ކަމަށް ބޭރުގެ ބައެއް މީޑިއާތަކުން ރިޕޯޓު ކޮށްފައިވާއިރު ސީރީޒާ ގުޅޭ މާބޮޑު ތަފްސީލުތަކެއް އަދި ހާމަކޮށްފައެއް ނުވެއެވެ.

"ދަޅްކަން" ފަދަ ކާމިޔާބު ފިލްމުތަކުން ފެނިގެން ގޮސްފައިވާ ސުނިލް ވަނީ މި ސީރީޒްއަށް ވަރަށް އިންތިޒާރު ކުރާ ކަމަށް ބުނެފައެވެ. އަދި މި ވެބް ސީރީޒްގައި މަސައްކަތް ކުރުމަށް ނުހަނު ޝައުގުވެރިކަން އެބަހުރިކަމަށް ބުނެ އޭނާ ވަނީ ސޯޝަލް މީޑިއާގައި ވެސް އެކަން ހިއްސާކޮށްފައެވެ.

މި އެކްޝަން ތްރިލާ ސީރީޒަކީ ސުނިލްގެ ފުރަތަމަ ވެބް ސީރީޒެވެ. މިއީ ސާރޭގާމާ އިންޑިއާގެ ދަށުން ހިންގާ ޔޫޑްލީ ފިލްމްސްއިން ވެސް އުފައްދާ ފުރަތަމަ ވެބް ސީރީޒެވެ.